ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނަށް ހުރުމަތްތެރިކޮށް ހިތައި، ފުލުހުން އަބަދުވެސް ޖަވާބުދާރީވާނެ: ސީޕީ

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ މުއައްސަސާއަކީ އަބަދުވެސް ގާނޫނީ އިމުގެ ތެރޭގައި ހަރަކާތްތެރިވާ، ޑިމޮކްރެސީގެ އަސާސްތަކުގެ މައްޗަށް ޖަވާބުދާރީވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސީޕީގެ ވާހަކަފުޅުގައި، ފުލުހުންގެ ހިދުމަތް މަދަނީ ޒިންމާއެއްގެ ގޮތުގައި ވަކިވެގެން އައި ފަހުން ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި ގިނަގުނަ ގޮންޖެހުންތަކެއް ގިރާކޮށް، ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އަމާން މުޖުތަމައެއް ގާއިމުކުރުމަށާއި، ޒަމާނަށް އަންނަ ބަދަލުތަކާއެކު އުފެދޭ އިންޓަނެޓާއި ޓެކްނޮލޮޖީގެ ކުށްތައް ހުއްޓުވުމަށް ފުލުހުންގެ ގާބިލުކަން އިތުރުކުރެވި، ފަންނީ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ކުށް މަދުކުރުމަކީ ހަމައެކަނި ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތައް އަދި ރައްޔިތުންނާ ގުޅިގެން ހާސިލުކުރެވޭނެ ލަނޑުދަނޑިއެއްކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

އަހުމަދު ވިދާޅުވީ، ފުލުހެއްގެ ޔުނީފޯމާއި މަގާމަކީ ރައްޔިތުންގެ ފަރާތުން ހަވާލުކޮށްފައިވާ ބޮޑު އަމާނާތެއް ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދޭނީ ބާރުގެ ބޭނުންކޮށްގެން ނޫންކަމަށާއި، އެކަން ހާސިލުވާނީ ނަޒާހަތްތެރިކަމާއި، ތެދުވެރިކަމާއި އަދުލުވެރިކަމާއެކު ހިދުމަތް ދީގެންކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، މުއައްސަސާގެ އަގު ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެވެސް ފަރުދީ ޒިންމާއެއްކަމުގައި ވަނީ ވިދާޅުވެފަ އެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތް ފެށުނު ދުވަސްވަރާ އަޅާބަލާއިރު ވަސީލަތްތަކާއި އުމްރާނީ ތަރައްގީގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ހިދުމަތުގައި ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައިވެއެވެ.

އެގޮތުން، 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ސީނިއަރ ސާޖަންޓް ރޭންކުން ފެށިގެން ދަށުގެ 95 އޮފިސަރަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވިއެވެ. އަދި 25 އަހަރާއި، 30 އަހަރާއި، 35 އަހަރު ހިދުމަތުގައި ހޭދަކުރެއްވި މުވައްޒަފުންގެ އިތުރުން، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ 132 އޮފިސަރަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ އަލީ އިހުސާނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: