ރިސޯޓުތަކުގެ އާމްދަނީން ވަކި އިންސައްތައެއް މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަކީ ޓޫރިޒަމް ދާއިރާއާއި މަޝްވަރާކުރުމެއް ނެތި ގެނައި ކުއްލި ބަދަލެއްކަމަށާއި، މި މައްސަލައިގައި ސަރުކާރުގެ ތަރުޖަމާނު ދޮގު ހެއްދެވިކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް ބުނެ ރައްދު ދީފި އެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާންމު ކުރެއްވި މި ބަޔާން ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. އެ ބަޔާނުގައި ވަނީ ”ދައުރު“ ނޫހުގައި ”ބުހުތާނު ދޮގެއް: އާމްދަނީގެ %40 މާރުކުރުވަނީ ޓޫރިޒަމާ މަޝްވަރާކޮށްފައިކަމަށް ބުނުން“ ސުރުހީގައި ގެނެސްދީފައިވާ ރިޕޯޓުގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ.
ރިސޯޓްތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ނިންމި ނިންމުމަކީ ޓޫރިޒަމް ސިނާއަތަށް ލިބުނު ކުއްލި ސިހުމެއްކަމަށާއި، އެ ދާއިރާއާ މަޝްވަރާކުރިކަމަށް ބުނެ ތަރުޖަމާނު މީޑިއާތަކަށް ދޮގު މައުލޫމާތު ދެއްވި ދައުރު ނޫހުގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
މި ރިޕޯޓަށް ރައްދު ދީ ރައީސް އޮފީހުން ބުނީ، ބޭރު ފައިސާއާބެހޭ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު 31 އޮގަސްޓްގައި ތަސްދީގުކުރެއްވުމުގެ ކުރިން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާ އެކު ތަކުރާރުކޮށް މަޝްވަރާތައް ބޭއްވި ކަމަށެވެ. އަދި އެ ޖަމިއްޔާގެ އިސްވެރިންނާ ވަކިވަކިންވެސް މަޝްވަރާކުރެވިފައިވާކަމަށް ވެސް މުންދު ވިދާޅުވި އެވެ.
އެގޮތުން، މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު މަޓީގެ އިސް ފަރާތްތަކަށް ދައުވަތު ދީގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވިކަމަށް ބަޔާނުގައި ވެއެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ކެބިނެޓުގެ އިސް ވަޒީރުން ބައިވެރިވެފައިވާއިރު އެއީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން، ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އަދި ބަންޑާރަނައިބު އަހުމަދު އުޝާމް އަދި ޓޫރިޒަމް މިނިސްޓަރ މުހައްމަދު އަމީންގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ބައިވެރިވެވަޑައިގެންނެވިއެވެ.
ބަޔާނުގައި ބުނީ މަޓީގެ ފަރާތުން ވައިސް ޗެއަމަނާއި ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން 6 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިކަމަށާއި، މި ބައްދަލުވުމާ ގުޅިގެން 24 އޮގަސްޓްގައި މަޓީން ބަޔާނެއް ވެސް ނެރުނު ކަމަށެވެ.
ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ކެޓެގަރީ އޭ ގެ ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަން ޖެހޭއިރު، ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ މާއްދާ ވަނީ އުނިކޮށްފައެވެ. އަދި ކެޓެގަރީ ބީ ގެ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަން ޖެހޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.
ބަޔާނުގައި ވަނީ މަޓީއަށް މިކަން އެނގިފައި ނުވާކަމަށާއި މިއީ ކުއްލި ސަޕްރައިޒެއްގެ ގޮތުގައި ދެއްކުމަށް ބައެއް މީޑިއާތަކުން ކުރާ މަސައްކަތަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ ސްޕޯކްސްޕާސަން ހެއްދެވީ ދޮގެއް ކަމަށް ބުނެ ކުރާ ތުހުމަތަކީވެސް ”ރޯބުހުތާނު ދޮގެއް“ ބަޔާނުގައި ވެއެވެ.

