ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސަރުކާރުގެ ކެބިނެޓް ތެރޭގައި ވެސް ހިމޭން އިންގިލާބެއް ހިނގަމުންދާކަމަށާއި، މި ސަރުކާރުގެ ވެރިން ރުޅިގަދަވެގެން އުޅެނީ އެ ވާހަކަތަކުގެ ތެދުކަން ހާމަވާތީކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގަމުންދާ ހިމޭން އިންގިލާބުގެ ހޫނުގަނޑު ވަނީ ކެބިނެޓާ ހަމައަށް ވެސް ފޯރާފައި ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވައިގެން ނިކުމެ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ސަރުކާރުގެ ވެރިންނަށާއި ވަޒީރުންނަށް މިހާރު ސާފުކޮށް އެނގިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، ފަހުން ކެބިނެޓަށް ގެނައި ބައެއް ބަދަލުތަކަކީ ވެސް ވަޒީރުން ކޮފީ މޭޒުތަކުގައި ދެއްކެވި ވާހަކަތަކެއް ލީކުވުމާ ގުޅިގެން ގެނައި ބަދަލުތަކެއް ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން ވެސް ތިއްބެވީ އެއްވެސް ދާއިރާއަކުން ރައްޔިތުންގެ ތާއީދު ނެތް، އަދި ކަންކަން ކުރަން ނޭނގޭ ވެރިއަކާ އެކުގައިކަން އެ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ޕޯޑިއަމްތަކަށް އަރައިވަޑައިގެން އަބްދުއްރަހީމް ރުޅި އިސްކުރައްވަނީ ހަގީގަތް ހާމަވާތީ ކަމަށެވެ. އަދި ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު އޮތް ގުޅުން ވެސް ރަނގަޅު ނޫންކަމަށާއި، އޭގެ ސަބަބަކީ އޭނާގެ ދަރިކަލުން ފައިސަލް އިބްރާހިމް ޓޫރިޒަމް މިނިސްޓަރުކަމުން ދުރު ކުރުންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ކޮންމެ ބޭފުޅަކު ވެސް އަމިއްލަ އަސްލު އެނގިވަޑައިގެން މަސައްކަތް ކުރެއްވުން ބުއްދިވެރިކަމާއި އެކު މަސައްކަތް ކުރުމަށް ގޮވާލައި ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ހިންގާ ފަރާތްތަކުގެ ތެރޭގައި ސިޔާސީ ގޮތުން ހިސާބު ޖަހަން އެނގޭ އަދި ވެރިކަން ކުރެވޭ ފެންވަރުގެ ގާބިލު ބޭފުޅުން ވެސް ނެތް ކަމަށެވެ.

