ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަކީ އެމަނިކުފާނާ އަރިސް ބަޔަކު ގަސްދުގައި ހިންގި ޖަރީމާއެއް ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދައްކަވަނީ އެއްވެސް ޖެހިލުމެއް ނެތި ހައްދަވާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ހައުސިން މިނިސްޓްރީ ހިންގި އިމާރާތަކީ އެމަނިކުފާނު ވެސް 7 އަހަރު ދުވަހު ހިދުމަތް ކުރެއްވި ތަނެއްކަމަށާއި، އެތަން އަނދައިގެން ދިޔަ މަންޒަރު ފެނުމުން ނުހަނު ބޮޑަށް ހިތާމަކުރެއްވި ކަމަށެވެ.
އެހެންކަމުން އެފަދަ ހިތާމަވެރި ހާދިސާއެއް ސިޔާސީ ކޮށްގެން، ދޮގު ތުހުމަތުތައް އުފައްދަމުންދާއިރު ރައްޔިތުން މިކަމަށް ސަމާލުވާން ޖެހޭކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިކަން ކުރައްވާފައިވާ ބޭފުޅަކު މިފަދަ ދަށު ދަރަޖައިގެ ދޮގުތައް ހެއްދެވުމަކީ ލަދުވެތިކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރައީސް ވިދާޅުވީ މުޖުތަމައުގައި އިހުތިރާމް އަދާ ކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ހިންގަން މިއަދު ޖެހިފައި މިވަނީ މިފަދަ ސަބަބުތަކާއި ހުރެ ކަމަށެވެ.
ހަގީގަތް ބެލުމެއް ނެތި ފަތުރާ މިފަދަ އަސްލެއް ނެތް ވާހަކަތައް ރައްޔިތުން ގަބޫލުނުކުރުމަށް ވެސް ރައީސް އިލްތިމާސްކުރެއްވި އެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ، އެ އިމާރާތުގައި ރޯކޮށްލީ ރައީސް މުއިއްޒާ ގާތް ގުޅުމެއް އޮންނަ ބައެއްކަމަށާއި އެކަން ފުލުހުންނަށް އެނގިތިބެ ފިޔަވަޅު ނާޅައި ފޮރުވަނީކަމަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ.
މި ތުހުމަތުތަކާ ގުޅިގެން ރޭގެ ވަގުތެއްގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އެމަނިކުފާނުގެ ހުރި މައުލޫމާތުތައް ސާފުކުރުމަށާއި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަމެއް އޮތްތޯ ކަށަވަރުކުރުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށެވެ. އަދި ފުލުހުން ކަމެއް ފޮރުވަން އުޅޭ ކަމަށް ކުރެވުނު ތުހުމަތު ތަހުގީގު ކުރުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ހުށަހަޅުއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އިހުސާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި އެ އަލިފާނުގެ ހާދިސާ ބޭރުގެ މާހިރުންނާ ގުޅިގެން ތަހުގީގުކުރި އިރު، އެއީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ހާދިސާއެއްކަން ވަނީ ސާބިތުވެފަ އެވެ. އަދި އެއްވެސް މީހަކު ގަސްދުގައި އެކަން ކުރި ކަމުގެ އެއްވެސް ޖިނާއީ ހެއްކެއް ތަހުގީގަށް ފެނިފައި ނުވާކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

