މާލޭގައި ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑުތަނުން ދަށްވެފައިވާއިރު، މިއީ އެ މީހުންގެ މެދުގައި ބަލި ފެތުރެން ދިމާވީ އެންމެ ބޮޑު އެއް ސަބަބު ކަމަށް މޯލްޑިވްސް ރެޑްކްރެސެންޓުން ބުނެފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި އެމްއާރުސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނަޝީދު ވިދާޅުވީ ކޮރޯނާ ވައިރަހާއި ގުޅިގެން ދިމާވެފައިވާ އިޖްތިމާއީ އަދި އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން އެތައް ބިދޭސީންނެއް ހާލުގައި ޖެހިފައިވާ ކަމަށެވެ. އަދި ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއާރުސީން މަސައްކަތް ކުރަމުން ދާ ކަމުގައި ނަޝީދު ވިދާޅުވިއެވެ.
އެގޮތުން މައިގްރެންޓް ރިލީފް ފަންޑެއް ހުޅުވިފައިވާއިރު، މި ފަންޑަކީ އެހީ ބޭނުންވާ ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި ހުޅުވާފައިވާ ފަންޑެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެމްއާރުސީން ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކެއުން ބޭނުންވާ މީހުންނަށް ކެއުން ފޯރުކޮށްދިނުމާއި، އަދި ކެއްކުމުގެ ކަންކަން އިންތިޒާމު ކުރެވިފައިވާ ތަންތަނަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދެމުން ދާ ކަމަށެވެ. އޭގެ ތެރޭގައި ޒަރޫރީ ތަކެތި ފޯރުކޮށްދޭ ކަމުގައި ނަޝީދު ވިދާޅުވިއެވެ.
މި ބަލިމަޑުކަމުގެ ތެރޭގައި ޑޮކްޓަރުން އެންމެ ބޮޑަށް އިރުޝާދު ދެއްވަނީ، ސާފުތާހިރު ކަމަށް އިސްކަން ދިނުމަށްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެކި ގެތަކުގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް ސާފުތާހިރުވުމަށް ބޭނުންވާ ތަކެތި ވެސް ފޯރުކޮށްދެމުން ދާ ކަމަށެވެ.

އެމްއާރުސީން ވަނީ ބައެއް ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ދަށްކަން ފާހަގަކޮށްފައެވެ. އަދި ތޮއްޖެހިގެން އެ މީހުން ދިރިއުޅެމުން އަންނައިރު ސަރުކާރުން އެ މީހުން ރައްކާތެރި ތަންތަނަށް ބަދަލު ކުރުމަކީ އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ނަޝީދު ވިދާޅުވިއެވެ. އަދި ބަލި ފެތުރުން ހުއްޓުމަށްޓަކާ ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބައެއް ބިދޭސީން ދިރިއުޅޭ ގެތައް މޮނީޓަރިންގެ ހާލަތަށް ގެނައުމާއި، ލޮކްޑައުންކޮށްފައި ވާއިރު އިންތިޒާމުތައް ވަރުގަދަވާން ޖެހޭ ކަމުގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ މާލޭގައި ބިދޭސީންގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަ ގޮތާއި ގުޅޭގޮތުން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ. އަދި ހާއްސަކޮށް ކޮރޯނާ ވައިރަހަކީ ފަސޭހައިން ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔަކަށް ވާއިރު، މާލޭގައި ބިދޭސީންގެ މެދުގައި ބަލީގެ ނުރައްކާ ބޮޑުވެގެން ދިއުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް ބައްޔަށް ޕޮޒިޓިވް ވި ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ ދިރިއުޅުމުގެ ހާލަތު ހުރިގޮތުގެ ސަބަބުން ކަމުގައި ނަޝީދު ވިދާޅުވިއެވެ.
”ތިބޭފުޅުންނަށް ވެސް އެނގޭނެ މިތަންތަނުގެ ހާލަތު ހުރި ގޮތް. ބައެއް ތަންތަނުގެ ޝިފްޓު ބަހައިގެން މީހުން ނިދާ އުޅޭ ތަންތަން އެބަ ހިމެނޭ. އަޅުގަނޑުމެން މި ކިޔާ، ނިއު ނޯމަލްގައި ހައްލު ކުރަންޖެހޭ މައްސަލަތައް މިހިރީ. ރައްކާތެރި މާހައުކެއްގައި ޒާތީ ދިރިއުޅުމަށްޓަކާ، ހައްގު ނުގެއްލޭގޮތަށް އެކަށީގެންވާ ބޯހިޔާވަހިކަން ހުރިހާ އެންމެނަށް ވެސް ލިބިދޭން ޖެހޭ. މުޖްތަމައުގައި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ، އެ މުޖްތަމައުއެއްގެ އެންމެންގެ ވެސް ރައްކާތެރިކަން ކަށަވަރުކޮށްގެން“ ނަޝީދު
މީގެ އިތުރުން، މި ބައްދަލުވުމުގައި އެމްއާރުސީގެ ސެކޭޓްރީ ފާތުމަތު ހިމްނާ ވިދާޅުވީ ބިދޭސީންނަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެނީ އެ މީހުންގެ ނިކަމެތިކަމުގެ ހާލަތު ރާއްޖޭގައި ބޮޑުވެފައިވާތީ ކަމަށެވެ. އަދި އަޅާލާނެ އިތުރު ބައެއް، އަދި އެހީއެއް ދޭނެ މީހެއް ނެތުމުން ކަމަށެވެ.
ހިމްނާ ވިދާޅުވީ، ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމް ބައެއް ކަމަށާއި، މި ރަމަޟާން މަހު އެއްވެސް ބަޔަކު ރޯދަ ވީއްލާނެ ގޮތެއް، އަދި ހާރުކާނެ ގޮތެއް ނެތިފައި ތިބެން ޖެހުމަކީ އެއްވެސް ބަޔަކު އެދޭނެ ގޮތެއް ނޫން ކަމަށެވެ. ދުނިޔޭގެ ހާލަތު ވަރަށް ބޮޑުތަނުން ބަދަލުވެފައިވާއިރު، ޖެހިގެން ހުރި ގޭގައި ހުރީ ދިވެއްސަކަސް އަދި ބިދޭސީއަކަސް ވެވެން އޮތް އެހީއެއް ވެދިނުމަކީ މުހިންމުކަމެއްގެ ގޮތުގައި ހިމްނާ ވިދާޅުވިއެވެ.

ބިދޭސީންނަށް އެހީވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ދެއްވައި، އެމްއާރުސީގެ ޕްރޮގްރާމްސް އެންޑް ސާވިސަސް މުހައްމަދު މައީދު ވިދާޅުވީ، މިހާތަނަށް އެހީގެ ގޮތުގައި 8،000 މީލް ޕެކޭޖު ދީފައިވާ ކަމަށެވެ.
ބިދޭސީން ދިރިއުޅޭ ގެތަކުން 23 ތަނެއް މޮނީޓަރިންގެ ހާލަތަކަށް ގެނެސް ވަދެ ނިކުތުން މަނާކޮށްފައިވާއިރު، އެތަނުގައި 1،300 އަށް ވުރެ ގިނަ ބިދޭސީން އެބަތިއްބެވެ. އޭގެ ތެރެއިން 600 އަށް ވުރެ ގިނަ މީހުންނަށް ކައްކަން ބޭނުންވާ ކާޑުގެ ބާވަތްތައް ހަފްތާއަކަށް ވާވަރަށް ފޯރުކޮށްދެވިފައިވާ ކަމަށް މައީދު ވިދާޅުވިއެވެ.
ރާއްޖޭގައި ބިދޭސީންގެ ހާލަތު ވަރަށް ބޮޑުތަނުން ދަށްވެފައިވާއިރު، މާލޭގައި އަދި ވަކީން އެ މީހުންގެ ހާލަތު ދަށެވެ. ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބިދޭސީން، ހަދަމުން އަންނަ އިމާރާތްތަކުގައި ދިރިއުޅެން މަޖުބޫރުވެފައި ވާއިރު ހަމަ ގަވައިދުން މުސާރަ ނުލިބުމުގެ މައްސަލަތައް ދިމާވެއެވެ. އެއް ކޮޓަރިއެއްގައި 50 އާއި ގާތް ކުރާ އަދަދަކަށް ވެސް ބިދޭސީން ދިރިއުޅެއެވެ. މި ކޮޓަރިތަކަކީ އެއްވެސް ސާފުތާހިރުކަމެއް ނެތް، ދިރިއުޅެން އެކަށިގެންނުވާ ހާލަތުގައި ހުންނަ ތަންތަނެވެ.
ބިދޭސީންގެ މެދުގައި ބަލި ފެތުރިގެން ގޮސް، އަދަދުތައް ވަރަށް ބޮޑުތަނުން މައްޗަށް ވަނީ އަރާފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ޑިރެކްޓާ ޖެނެރަލްގެ އެންގެވުމަކަށް މާލޭގައި ހާލަތު ދަށްކޮށް ދިރިއުޅޭ ބިދޭސީން ވަކި ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

