ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކުންފުނިތައް އެހެން ކުންފުނިތަކާ އެއްކޮށްލުމަށާއި، ބޮޑެތި ކުންފުނިތަކުގެ ބޭރު ހިއްސާ އަނބުރާ ގަތުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ދިވެހި އިގްތިސާދަށާއި ރާއްޖޭގެ އިންވެސްޓްމަންޓް ވެއްޓަށް އޮތް ބޮޑު ނުރައްކަލެއްކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ ”ސަންގުޓީވީގެ“ ޚަބަރަށްފަހު ޕްރޮގްރާމްގައި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާއި ކުންފުނިތައް ރީސްޓްރަކްޗާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވާ ނިންމުންތަކަށް ސުވާލު ކުރުމުންނެވެ.
އަމްރު ވިދާޅުވީ ފެނަކައާއި، އާރްޑީސީ އަކީ ހަގީގަތުގައި ބަގުރޫޓުވެފައިވާ ދެ ކުންފުނި ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަން ރަސްމީކޮށް އިއުލާނު ނުކޮށް، މަސައްކަތް ކުރަމުން ދަނީ އެ ކުންފުނިތަކުގެ ބުރަ އެހެން ކުންފުނިތަކުގެ ބޮލުގައި އަޅުވައި އަވަހަށް ހަވާލުކުރެވޭތޯކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އަމްރު ވިދާޅުވީ ފެނަކައިގެ ދަރަނި ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި އޭގެ ތެރެއިން ހަމައެކަނި ތެލަށް ދައްކަންޖެހޭ އަދަދު ވެސް 3 ބިލިއަން ރުފިޔާއަށް އަރާއިރު، ފެނަކައިގެ ހުރި ހުރިހާ ޖަނަރޭޓަރުތަކާއި އިންޖީނުގެތައް އެއްކޮށް ވިއްކާލައިގެން ވެސް އެ ދަރަނި އަދާނުކުރެވޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ވޭތުވެދިޔަ އިންތިހާބާ ދިމާކޮށް އިންތިހާއަށް ގިނަ އަދަދެއްގެ މުވައްޒަފުން ކުންފުންޏަށް ވައްދާފައިވުމުގެ ސަބަބުން، ކުންފުނި ސަލާމަތް ކުރެވޭނެ އެއްވެސް މަގެއް ނެތްކަމަށް ވިދާޅުވިއެވެ. މި ހާލަތުގައި އޮތް ފެނަކަ ކުންފުނި ހިންގޭނެ އިތުރު ގޮތެއް ނެތިގެން ސްޓެލްކޯއާ ހަވާލުކުރަން ނިންމުމަކީ ސްޓެލްކޯއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވި ގޮތުގައި ސްޓެލްކޯއަކީ ފެނަކައާ އަޅާބަލާއިރު ކިރިޔާވެސް ރަނގަޅަށް ހިނގަމުން އަންނަ ކުންފުންޏެކެވެ. ނަމަވެސް، ފެނަކައިގެ އެ ބޮޑު ދަރަންޏާ ހަވާލުވުމުން ކުރިއަށް އޮތް ތަނުގައި ބޭރުގެ ސަޕްލަޔަރުންގެ އަތުން ސްޕެއާޕާޓްސްތައް ހޯދުމަށާއި، ތަރައްގީގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ސްޓެލްކޯއަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭނެކަމަށް ވިދާޅުވި އެވެ.
ހަމައެފަދައިން، އެމްޓީސީސީއާ އާރްޑީސީ އެއްކޮށްލުމުގެ ނިންމުމަށް ވެސް އަމްރު ފާޑުވިދާޅުވިއެވެ. އަމްރު ފާހަގަކުރެއްވި ގޮތުގައި އެމްޓީސީސީއަކީ މަޝްރޫއުތައް ހިންގި ނަމަވެސް އެކަށީގެންވާ ފައިސާ ނެތް، ކޭޝްފްލޯގެ ބޮޑެތި ތާށިކަން ހުރި ކުންފުންޏެކެވެ. އެ ކުންފުނިން ދުވަހުން ދުވަހަށް ބޭނުންވާ ތެޔޮ ވެސް ހޯދަނީ ފައިސާ ދޫދީގެން ކަމަށްވާއިރު، އެއްވެސް އެސެޓެއް ނެތް އަދި މާގިނަ މަސައްކަތްތަކެއް ނުކުރާ ހުސް މުވައްޒަފުން ގިނަ އާރްޑީސީ އެމްޓީސީސީގެ ދަށަށް ގެންދިއުމަކީ އެމްޓީސީސީގެ ހިދުމަތްތަކަށް ހުރަސްއެޅި، މުޅި ނިޒާމަށް އިތުރު ބުރައެއްގެ ތެރެއަށް ވައްޓާލުންކަމަށް ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ މިއީ ރައީސް މުއިއްޒު މަގާމަށް އިންތިހާބުވިއިރު ރައްޔިތުންނަށް ވީ ވައުދެއް ނޫން ކަމަށެވެ.
އެހެންނަމަވެސް އެ ވަރުގެ ބޮޑު ދަރަންޏަކާ ހަވާލުވީމާ ސްޓެލްކޯއަށް އުނދަގޫވާނެ ކުރިއަށް އޮތް ތަނުގައި ބޭރު ސަޕްލަޔަރުގެ އަތުން މި ސްޕެއަރޕާޓްސްތަކާ އެއްޗެހި ގަނެ އިތުރަށް ތަރައްޤީގެ އިތުރު ޕްރޮގްރާމްތައް ހިންގަން. އެހެންވީމާ އަނެއްހެން ދަންނަވަންޏާ ސްޓެލްކޯއަށް ވަރަށް ބޮޑު ބުރައަކަށް އެވީ..
މީގެއިތުރުން އަމްރު ވިދާޅުވީ ދިރާގުގެ މެޖޯރިޓީ ހިއްސާ އަނބުރާ ސަރުކާރަށް ގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވި ނަމަވެސް، އެކަން ކުރަންޖެހޭ ސަބަބު ސާފުކޮށްދެއްވާފައި ނުވާ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތުގައި ފައިސާ ނެތް ދަނޑިވަޅެއްގައި އެކަމަށް ބޭނުންވާ ފައިސާ ހޯދާނެ މަގެއް ވެސް އެނގެން ނެތްކަމަށް ވިދާޅުވިއެވެ.
އަމްރު އިތުރަށް ވިދާޅުވީ، ދިރާގަކީ ބޭރު ކުންފުންޏަކާއެކު ޖޮއިންޓް ވެންޗާ (ޖޭވީ) ހަދައިގެން، އޭރުގެ ސަރުކާރުން ހުޅުވާލި ފުރުސަތެއްގައި ހިއްސާ ވިއްކާފައިވާ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން އަނެއް ޕާޓީން ހިއްސާ ވިއްކަން ބޭނުންނުވާ ހާލަތެއްގައި އެ ހިއްސާ ގަންނާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
ހާއްސަކޮށް، މި މައްސަލައިގައި ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޕްރެސްގައި ވިދާޅުވުމަކީ ވަރަށް ނުރައްކާތެރި ވާހަކައެއްކަމަށް އަމްރު ސިފަކުރެއްވިއެވެ. ހިއްސާ ވިއްކަން ބޭނުންނުވާ ފަރާތެއްގެ އަތުން ގަދަކަމުން އެ އެއްޗެއް އަތުލުމަށް ޝަރުއީ އަދި ގާނޫނީ މަގުތައް ހޯދުމަކީ، ރާއްޖޭގައި އިންވެސްޓްކޮށްފައިވާ އަދި އިންވެސްޓްކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް ދެވޭ ވަރަށް ނުރައްކާތެރި މެސެޖެއްކަމަށާއި، މީގެ ސަބަބުން އިންވެސްޓަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިގެންދާނެކަމަށް އަމްރު ވިދާޅުވިއެ

