ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދަށް އާމްދަނީއެއް ވަންނަ ވަރުގެ އެއްވެސް ޕްރޮޖެކްޓެއް މި ސަރުކާރަށް ނުހިންގޭ: އަމްރު

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ރާއްޖޭގެ އިގްތިސާދަށް އާމްދަނީއެއް ވަންނަ ވަރުގެ އެއްވެސް ޕްރޮޖެކްޓެއް ހިންގާފައިނުވާކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

”ސަންގުޓީވީގެ“ ޚަބަރަށްފަހު ޕްރޮގްރާމްގައި އަމްރު ވިދާޅުވީ، މި ސަރުކާރަށް ތިން އަހަރުވާން ގާތްވެފައިވާއިރު އަދި މިހާތަނަށް އިގްތިސާދަށް ފައިދާކުރާވަރުގެ އެއްވެސް ޕްރޮޖެކްޓެއް ހިންގާފައިނުވާ ކަމަށެވެ. އެކިއެކި ނަންނަމުގައި ޕްރޮޖެކްޓުތަކަށް އިންވެސްޓުކުރި ނަމަވެސް އޭގެއިން އެއްވެސް ފައިދާއެއް ގައުމުގެ އިގްތިސާދަށް ކޮށްފައިނުވާކަމަށް އަމްރު ވިދާޅުވިއެވެ.

ކުރިއަށް އިއުލާނުކޮށްފައިވާ ޕްރޮޖެކްޓްތަކަކީވެސް ވާނެ ކަންކަމެއް ނޫންކަމަށާއި ރާއްޖެއިން ޑޮލަރު އިތުރަށް ބޭރުވުން ނޫން އިތުރު ކަމެއް ނުވާނެކަމަށް އަމްރު ވިދާޅުވިއެވެ.

”މި ސަރުކާރުން ރާއްޖޭގެ އިގްތިސާދަށް އާމްދަނީއެއް ވަންނަވަރުގެ އެއްވެސް ޕްރޮޖެކްޓެއް ހިންގާފައެއް ނުވޭ. އެކިއެކި ނަންނަމުގައި ޕްރޮޖެކްޓުތަކަށް އިންވެސްޓުކުރި ނަމަވެސް އޭގެން އެއްވެސް ފައިދާއެއް ނުކުރޭ. ކުރިއަށް އިއުލާނުކޮށްފައިވާ ޕްރޮޖެކްޓްތަކަކީވެސް ވާނެ ކަންކަމެއް ނޫން. ހަމަ ރާއްޖޭން އިތުރަށް ޑޮލަރު ބޭރުވާނީ“ އަމްރު

މީގެ އިތުރުން، ބަންކަރިންގެ ޚިދުމަތުގެ ތެރެއިން އަހަރެއްގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ހަތަރު ސަތޭކަ މިލިއަން ޑޮލަރު ވަންނާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ނަމަވެސް އެކަން އެހެން ނުވާކަމަށާއި ރާއްޖޭގެ އިގްތިސާދަށް ވަނީ އެންމެ ހަތަރު މިލިއަން ޑޮލަރުކަމަށް އަމްރު ވިދާޅުވެއްޖެއެވެ.

”އިގްތިސާދީ ވަޒީރު ސައީދު ވިދާޅުވި އަހަރެއްގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ހަތަރު ސަތޭކަ މިލިއަން ޑޮލަރު ވަންނާނެކަމަށް، އެކަމަކު އަހަރު ވެގެން ދިޔައިރު ބަލާލިއިރު 4 މިލިއަން ޑޮލަރު މިވަނީ. އެހެންވީމަ ދިމައެއް ނުވޭ. އެއްވެސް ހަގީގަތުގައި ވަރަށް ބޮޑު އޮޅުވާޅުމެއް،“ އަމްރު

އޭގެ އިތުރުން، ރާއްޖޭގައި ޑިވެލޮޕްމެންޓު ބޭންކެއް ހުޅުވިގެން ދިއުމުން ވަރަށް ގިނަ ރައްޔިތުންނަށް އޭގެ ފައިދާތަކެއްކޮށް ބޭރު ފައިސާ ރާއްޖެ ވަންނާނެކަމަށް މިނިސްޓަރު ސައީދު ވިދާޅުވިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިފަހުން މީހަކު އެ ބޭންކަށް ޖަމާކުރި އެއް މިލިއަން ޑޮލަރުވެސް އޭނާ އެނަގަން ދިޔައިރު ނެތް ކަމަށާއި އެ ފައިސާވެސް ބޭންކުން ބޭނުންކޮށްފައިކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި ބޭންކެއްގައި ރައްޔިތަކު ބަހައްޓާ ފައިސާ އެމީހަކު ނަގަން ދާއިރު ނެތުމަކީ އެއީ ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ މިއީ އެމްއެމްއޭއިން ބޭންކާއި ދޭތެރޭގައި ފިޔަވަޅު އަޅަންޖެހޭވަރުގެ ކަމެއް ކަމަށެވެ.

ޑިވެލޮޕްމެންޓް ބޭންކްއަކަށް ބޭރު ފައިސާ ވަންނަންޖެހޭކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ، އޭރުވެސް މިނިސްޓަރު ސައީދުއާއި އެކަމުގެ މަޝްވަރާތައް ކުރެވުނު ކަމަށެވެ. ހަމަ ހުރެފައި ބޭންކަކަށް ލައިސަން ދިނީމައި މާތަކެއް ފޮޅޭހެން ޑޮލަރު ފޮޅެނީކީ ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދާއި ހަމައަށް އައިއިރުވެސް އެތަނުގައި މުވައްޒަފުން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

”ހަމަ ހުރެފައި ބޭންކަކަށް ލައިސަން ދޭއިރަށް މާތަކެއް ފޮޅޭހެން ޑޮލަރު އެއީ ފޮޅޭ އެއްޗެއް ނޫން. އެކަމެއް އެހެނެއް ނުވާނެ. އެތާކު މުވައްޒަފުންނެއް ނެތް، ދެ ސެކިއުރިޓީ ގާޑުން ދެން ތިބޭ. ތަން ހުންނަނީ ބަންދުކޮށްފަ“ އަމްރު

ޖުމްލަ ގޮތެއްގައި އަމްރު ވަނީ، ސަރުކާރުން މިވީހާ ދުވަހު ގައުމަށް ފައިދާ ކުރާވަރުގެ އެއްވެސް މަޝްރޫއެއް ހިންގާފައިނުވާ ކަމަށާއި އަދި ކުރިއަށް އިއުލާނުކޮށްފައިވާ ޕްރޮޖެކްޓްތަކުންވެސް އެއްވެސް ފައިދާއެއް ނުކުރާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: