ދިވެހިރާއްޖޭގެ، ޚާއްޞަކޮށް މާލެ ސަރަޙައްދުގެ މަގުތަކަކީ ވެހިކަލްތަކުން ތޮއްޖެހި، ޕާކުކުރާނެ ޖާގަ ނެތި، ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ތަނެކެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙުތަކެއް ގެނެސް، ދުއްވާތާ ގިނަ ދުވަސްވީ ބާ ވެހިކަލްތައް ނައްތާލުމުގެ ސިޔާސަތެއް އެކުލަވާލާފައެވެ. ނަމަވެސް، މިފަދަ ބާ އުޅަނދުތައް ނައްތާލުމުގެ މާލީ އަދި އިދާރީ ޒިންމާތައް ސަރުކާރުން އުފުލުމަކީ ދައުލަތަށް ލިބޭ ބުރައެއްތޯ ނުވަތަ މިއީ ރައްޔިތުންގެ ސަލާމަތާއި ޢާންމު މަޞްލަޙަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޚަރަދެއްތޯ މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަލާއިރު އުފެދޭ ސުވާލެކެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން، އުޅަނދުތައް ދުއްވޭނެ އެންމެ ދިގު މުއްދަތަކީ އުފެއްދި ތާރީޚުން ފެށިގެން 20 އަހަރެވެ. އަދި އަލަށް ރަޖިސްޓްރީކުރާ އުޅަނދުތަކުގެ ރަޖިސްޓްރީގައި އެ އުޅަނދެއް އުފެއްދި ތާރީޚު ހިމެނުން ވަނީ ލާޒިމުކޮށްފައެވެ.
މީގެއިތުރުން، މިހާރު ބޭނުންކުރަމުންދާ އުޅަނދުތަކުގެ ތެރެއިން 18 އަހަރާއި 20 އަހަރާ ދެމެދުގެ ޢުމުރުގެ އުޅަނދުތަކަށް ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 އަހަރުގެ މުހުލަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އުޅަނދުތަކުގެ ވެރިފަރާތްތަކަށް ކުއްލި މާލީ ދަތިކަމެއް ނާންނާނެހެން ކަންކަން ތަރުތީބުކުރުމަށް ދެވޭ ފުރުޞަތެކެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވާ ގޮތުގައި، ބާ ވެހިކަލްތައް ނައްތާލާނީ އޭގެ ވެރިފަރާތަށް އެކަށީގެންވާ ބަދަލު ދިނުމަށް ފަހުގައެވެ. މިގޮތުން، ވެހިކަލްގެ ރަޖިސްޓްރީ ބާޠިލުކުރާނީ ކުރިން ނޯޓިސް ދިނުމަށް ފަހު، ތާޑް ޕާޓީއެއް (މިނިވަން ފަރާތެއް) މެދުވެރިކޮށް އުޅަނދުގެ އަގު އެސެސްކުރުމަށްފަހުގައެވެ. އަދި އޭގެ ބަދަލުގައި އެފަރާތަށް އެހެން ވެހިކަލެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭނެއެވެ. މި އުޞޫލަކީ އުޅަނދުތަކުގެ ވެރިންގެ ޙައްޤުތައް ޙިމާޔަތްކޮށްދީ، ރައްޔިތުންގެ މުދަލަށް އިޙްތިރާމްކުރުމުގެ ގޮތުން އެޅާ ފިޔަވަޅެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. .
ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ބާ ވެހިކަލްތަކަށް ބަދަލުދީ، އެ ތަކެތި ނައްތާލުމުގެ މަރުޙަލާތައް ހިންގުމަކީ ދައުލަތުގެ ބަޖެޓަށް ބޮޑު މާލީ ބުރައެއް އުފުލަންޖެހޭނެ ކަމެކެވެ. ގިނަ ޢަދަދެއްގެ ވެހިކަލްތަކުގެ އަގު ވަޒަންކޮށް، ބަދަލު ދިނުމަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުވާނެއެވެ.
އެހެންކަމުން ބައެއް ފަރާތްތަކުން ދެކޭގޮތުގައި، އަމިއްލަ މީހުން ގަންނަ މުދަލެއް މުސްކުޅިވުމުން އޭގެ ޒިންމާ ދައުލަތުން ނެގުމަކީ ޢާންމު ރައްޔިތުންގެ ޓެކްސް ފައިސާއަށް އެޅޭ ބުރައެކެވެ. އެހެންނަމަވެސް، މަގުތައް ތޮއްޖެހުމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށާއި، ޞިއްޙަތަށާއި، ތިމާވެއްޓަށް ލިބޭ ގެއްލުމަށް ބަލާއިރު މިއީ ދުރު މުސްތަޤްބަލުގައި ފައިދާކުރާނެ އިންވެސްޓްމަންޓެއް ކަމަށް ވެސް ވެދާނެއެވެ.
ދެބަސްވެވެން ނެތް އެއް ހަގީގަތަކީ ބާވެފައިވާ އުޅަނދުތައް ދުއްވުމަކީ މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވުމަށް މެދުވެރިވާ ސަބަބެކެވެ. މީގެއިތުރުން، ބާ އުޅަނދުތަކުން ބޭރުކުރާ ވިހަ ދުމުގެ ސަބަބުން ވައި ނުސާފުވެ، ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރުމަށް މަގުފަހިވެއެވެ. އެހެންކަމުން، މިފަދަ ވެހިކަލްތައް މަގުތަކުން ނެގުމަކީ މަގުމަތީގެ އަމާންކަން ޤާއިމުކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން އަދާކުރަންޖެހޭ ޤައުމީ ޒިންމާއެކެވެ.
ކޮންމެއަކަސް ބާ ވެހިކަލްތައް ނައްތާލައި ވެރިފަރާތްތަކަށް ބަދަލު ދިނުމަކީ ކުރު މުއްދަތެއްގައި ސަރުކާރަށް ބޮޑު މާލީ ބުރައެއް ނަމަވެސް، މިއީ ދިގު މުއްދަތުގައި މުޅި މުޖުތަމަޢަށް އޭގެ ފައިދާ ލިބޭނެ ސިޔާސަތެއް ނަމަވެސް މިވަގުގެ ހާލަތަސް ބަލާއިރު މިއީ ކުރުން އެންމެ ބުއްދި ކަމެއް ނޫނެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ ލުއި މުއްދަތުތަކާއި، އިންޞާފުވެރި އެސެސްމަންޓް ނިޒާމުގެ ތެރެއިން މިކަން ތަންފީޛުކުރެވިއްޖެނަމަ، ރައްޔިތުންނަށް ދަތިނުވެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރެވި، ރައްކާތެރި އަދި ހިތްފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރެވިގެންދާނެއެވެ.

