ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އެދިއްޖެއެވެ.
އީސީން ނެރުނު އިއުލާނެއްގައި ވަނީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކާއި ބައްދަލުވުންތަކުގައި ގާނޫނާ ޚިލާފަށް، ސާބިތުނުހިފޭ ވާހަކަ ދައްކަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް އެއްވެސް ޕާޓީއަކާ ނުވަތަ ޕާޓީއެއްގެ މެންބަރަކާ ބެހޭގޮތުން ފާޑުކިޔުމަކީ، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް އިއުލާނުގައިވެއެވެ.
އީސީން ބުނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ހައްގަކަށް ވީނަމަވެސް، ޒިންމާދާރުކަމާއެކު ޚިޔާލު ފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ އެ ކޮމިޝަނުގެ އެދުމެއް ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި ހަރަކާތްތައް ހިންގުމުގައި ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ސުލޫކީ މިންގަނޑުތަކަށް ތަބާވުމަށާއި، ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ނުކުރުމަށާއި، ރާއްޖޭގައި ޢަމަލުކުރަމުންދާ ގާނޫނުތަކާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން ޢަމަލުތައް ބެހެއްޓުމަށް ވެސް އީސީން ވަނީ ނަސޭހަތްތެރިވެފައެވެ.

