ރާއްޖޭގައި މަދު ސިއްހީ ހިދުމަތްތެރިއަކު ތިބި ނަމަވެސް، އެއީ އިލްމާއި ގާބިލުކަން އަދި ތަޖުރިބާ ލިބިފައިވާ ގައުމީ ރޫހެއްގެ ވެރި ބޭފުޅުންތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަހުގެ ހާލަތު ރާއްޖޭގައި ވެސް ބަދަލުވެ، ވެރި ރަށް މާލޭގައި ބަލި ވަނީ ފަތުރެން ފަށާފައެވެ. އަދި މިހާތަނަށް ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 500 އިން މައްޗަށް އަރާއިރު މި އަދަދުތައް އަދިވެސް އިތުރުވެގެން ހިނގައިދާނެ ކަމަށް ލަފާ ކުރެއެވެ.
ރާއްޖޭގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސީލިހް ވިދާޅުވީ، ސަރުކާރުގެ އެންމެ ފުރަތަމަ ސިޔާސަތަކަށް އަބަދުވެސް ވާނީ، ރައްޔިތުންގެ ފުރާނަ ސަލާމާތް ކުރުން ކަމަށެވެ. އަދި އެކަމަށް ކިތަންމެ ބޮޑު ގުރުބާނީއެއް ވާން ޖެހުނު ނަމަވެސް ރައްޔިތުންގެ ސިއްހަތު ކަށަވަރު ކުރައްވާނެރ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ، ކުރިން އަންދާޒާ ކުރި މިންވަރުގައި ރާއްޖޭގައި ބަލި ފެތުރިފައި ނުވަނީ، މާތްﷲ ގެ ވާގިފުޅާއި އެކު، ރާއްޖޭގެ ސިއްހީ މާހިރުން ދެއްވި ލަފައާއި އިރުޝާދަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
ރާއްޖޭގައި ތިބި ސިއްހީ ހިދުމަތްތެރީންގެ އަދަދު މަދު ނަމަވެސް، އެއީ މަސައްކަތަށް ހުށިޔާރު އަދި ގައުމީ ރޫހެއްގެ ވެރި ބޭފުޅުންތަކެއްގެ ގޮތުގައި ފާހަގަކުރައްވާ ރައީސް ވަނީ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ސަރުކާރުން ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވެސް ރައްޔިތުންނަށް ސަލާމަތްތެރިކަން ޔަގީންކޮށްދޭން ހުރިހާ މަސައްކަތަކެއް ކުރައްވާނެ ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.
”ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުން، އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ރެޑް ކްރެސެންޓްގެ ހުރިހާ ބޭފުޅުން، އަދި އެ ތަންތަނާ އެކުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން“ ރައީސް ސޯލިހް
ރައީސް ސޯލިހް ވިދާޅުވީ، ސިއްހީ ތަޖުރިބާކާރުން ލަފާދެއްވާ ގޮތުގައި ކުރިޔަށް އޮތް ދެ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި މާލޭގައި މި ބަލީގެ ހާލަތު މަތިވެގެން ދިއުން އެކަށީގެން ވެއެވެ. އަދި ރާއްޖެ މިއަދު މިވަނީ ވަރަށް ބޮޑަށް ސިއްހީ އެހީތެރިންގެ ބޭނުމަށް ޖެހިފައި ކަމަށާއި، ހިދުމަތުން ރިޓަޔާ ކުރައްވައިގެންނާއި، އަދި މި ދާއިރާއިން ދުރަށް ޖެހިވަޑައިގެން ތިއްބެވި ބޭފުޅުންގެ ހިދުމަތަށް އެނބުރި ވަޑައިގެންނެވުމަށް މިއީ އެންމެ މުހިންމު ވަގުތުކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ސޯލިހް ވިދާޅުވީ މިއަދު ގައުމު ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ކަމަށެވެ. އަދި ސިއްހީ ޕްރައިވެޓު ތަންތަނުގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅުންގެ ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާ ކަމަށެވެ.
”މި ފިޔަވަޅުތަކުގެ ސަބަބުން ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތި ވިޔަސް، މިފިޔަވަޅުތައް އަޅައިގެން ނޫނީ، މި ބަލި ކޮންޓްރޯލް ކުރެވެން ނެތްކަން، އެންމެންވެސް ޤަބޫލުކުރާނެ. މިކަމުގައި ތިޔަ ލޮބުވެތި ރައްޔިތުން މިހާތަނަށްވެސް ދެއްވަމުން އައި އެއްބާރުލެއްވުން، އެއަށް ވުރެވެސް ފުރިހަމައަށް ދެއްވުމަށް އަޅުގަނޑު ގޮވާލަން“ ރައީސް ސޯލިހް
ރައީސް ސޯލިހް ވިދާޅުވީ، މިހާރު އަންނަމުން ދާ ދަތިތަކާއި އެކު، އެމަނިކުފާނުގެ އެންމެ ބޮޑު އެދުމަކީ ރައްޔިތުން ގޭގައި މަޑުކޮށްދެއްވުން ކަމަށެވެ. ރާއްޖޭން ކޮރޯނާ ވައިރަހާއި ދެކޮޅަށް މަސައްކަތް ކުރަމުން ދަނީ، އެއް އަޒުމެއްގައި އަދި އެއް ރޫހެއްގައި އެއް އަމާޒަކަށް ވާސިލްވުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އެންމެ ބޮޑު ދުއާއަކީ މި ބަލިމަޑިކަމުން މުޅި ދުނިޔެއާއި ރާއްޖެއަށް ސަލާމަތާއި ރައްކާތެރިކަން ލިބުން ކަމަށް ވިދާޅުވިއެވެ.

