ރާއްޖެ އިން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު، މީގެ ކުރިން ނަގަމުން އައި ”ކްރޮސް ބޯޑާ“ ފީ ނެގުން މިހާރު ހުއްޓާލާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި ނިންމުމުގެ ސަބަބުން، ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1,200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އޮޕްޝަނަލް އިޝުއަ ނުވަތަ ކްރޮސް ބޯޑަ ފީއަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުއާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުން ނަގާ ފީއެކެވެ.
ކާޑު ނުވަތަ ކާޑު ލިންކުކުރެވިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިއެއް ކުރުމުން ނުވަތަ ފައިސާ ނެގުމުން، އެ މުއާމަލާތެއް ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް ކަމަށްވާ ވިސާ ނުވަތަ މާސްޓަ ކާޑު މެދުވެރިކޮށް ޕްރޮސެސް ކުރަންޖެހެއެވެ.
މިފަދަ މުއާމަލާތްތަކަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް ބޭންކުން މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް ”އޮޕްޝަނަލް އިޝުއަ ފީ“ ގެ ގޮތުގައި އާންމުކޮށް ނަގައެވެ.
މިއީ ބައިނަލްއަގްވާމީ ފެންވަރުގައި ހުރިހާ ބޭންކުތަކަކުންވެސް މިފަދަ މުޢާމަލާތްތަކަށް ނަގަމުން އަންނަ ފީއެކެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއިން ކާޑުގެ ޚިދުމަތް ތަޢާރަފުކުރީއްސުރެ މިއަދާ ހަމައަށްވެސް، މިބާވަތުގެ މުޢާމަލާތްތަކުން މި ފީ ނަގަމުން އައިސްފައިވެއެވެ.

