އިސްލާމީ އުޞޫލުތައް ނެގެހެއްޓުމާއި އިންތިޚާބީ މެނިފެސްޓޯތަކުގައި އިސްލާމީ ޝަރީޢަތުގެ މަޤުޞަދު ޙިމާޔަތްކުރެވޭނޭ ފަދަ ކަންކަން ހިމަނާންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއުއަކީ އިސްލާމް ދީނުގައި ސާބިތުވުމެވެ. އެގޮތުން ހުތުބާގައި ބުނެފައިވަނީ އިސްލާމްދީނުގެ ހިދާޔަތުގެ ނިޢުމަތަކީ އިންސާނުންނަށް މާތް ﷲ ދަރުމަކުރެއްވި އެންމެ މަތިވެރި ނިޢުމަތް ކަމަށާއި އަހަރެމެންގެ ރާއްޖޭގެ ރައްޔިތުން ޤަރުނަކަށް ފަހު ޤަރުނެއް އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭތާ ނުވަސަތޭކަ އަހަރުވެފައިވާ ކަމަށެވެ.
މި ނުވަ ޤަރުނުގެ ތެރޭގައި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި މިނިވަންކަމާ އެކު ރާއްޖެ ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ދިވެހީންނަށް އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބެވޭނީ އިސްލާމްދީނުގެ އަސާސްތަކުގައި ހިފަހައްޓައިގެންކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.
އިސްލާމްދީނަކީ އިންސާނިއްޔަތަށް މާތް ﷲ ދަރުމަކުރެއްވި ރަޙުމަތުގެ ދީން ކަމަށާއި ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބީގެ ދީން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. މިއީ الله سُبْحَانَهُ وَتَعَالَىއަށް، އެކަލާނގެ އަޅުތަކުން ބޯލަނބައި ކިޔަމަންގަތުމަށް އެކަލާނގެ ރުހިވޮޑިގަންނަވާ ދީން ކަމާއި މުޖުތަމަޢެއްގައި، އިސްލާމްދީން ދެމިއޮންނާނީ ﷲގެ އެއްކައުވަންތަކަމުގެ މައްޗަށް ތަރުބިޔަތުދީގެންނާއި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދަމަހައްޓައިގެން ކަމަށް ވަނީ ބުނެފައެވެ.
ހުތުބާގައި ބުނެފައިވަނީ މި ދީނަކީ އެކަކު އަނެކަކަށް އިޙުތިރާމުކޮށް، މީސްތަކުންގެ އަބުރާއި ކަރާމަތާއި ފުރާނައާއި މުދާ ރައްކާތެރިކުރުމަށް ގޮވައިލާ ދީން ކަމަށާއި އިސްލާމީ މުޖުތަމަޢުން ރަމްޒުކޮށްދެނީ މުސްލިމުންގެ އުޅުމާއި އަޚުލާޤު ކަމަށެވެ.
”އިސްލާމްދީނުގެ މަތިވެރި އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް ޓަކައި މި ޒަމާނުގައި ކުރެވިދާނެ ކަންކަމަށް ބަލައިލުމަކީ މުހިންމު ކަމެކެވެ. މި ގޮތުން ޤައުމުގައި އިސްލާމްދީން ދެމެހެއްޓުމުގެ މަޤުޞަދު ޙާޞިލުވާނޭ ގޮތަށް ޤާނޫނީގޮތުންނާއި ސިޔާސީ ފެންވަރުގައްޔާއި ތަޢުލީމީ ނިޒާމުގެ ތެރެއިންނާއި ޢުމްރާނީ ތަރައްޤީއާއި ޙަޟާރަތުގެ ތެރެއިން ކުރެވިދާނެ ކަންތައްތަކެއް ވެއެވެ. އޭގެތެރޭގައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރުމާއި އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުނުވާނޭހެން ޤާނޫނުތައް ހެދުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. އަދި އިސްލާމީ ޝަރީޢަތުގެ ޖިނާއީ، މަދަނީ، ޢާއިލީ، އަދި މާލީ ޙުކުމްތަކާ އެއްގޮތަށް ޤާނޫނުތައް ހަދައި އޭގެ މައްޗަށް ޤަޟާއީ ނިޒާމު ބައްޓަންކުރާން ޖެހެއެވެ.“
ދިވެހިރާއްޖޭގައި އިސްލާމްދީން މިހައިތަނަށް ވެސް ދެމިއޮތީ މާތް ﷲ ގެ ފަޟުލުވަންތަކަމަށް ފަހު ދިވެހި ދައުލަތުން އެކަމަށް ދިން މުހިންމުކަމުގެ ސަބަބުންނާއި ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ދީން ޙިމާޔަތްކުރެވިފައި އޮތުމުގެ ސަބަބުންނާއި، ދިވެހީންގެ މެދުގައި އިސްލާމް ދީނަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިކަންކަން އިތުރަށް ހަރުދަނާކުރާންޖެހޭ ކަމަށާއި މީގެއިތުރަށް އިސްލާމީ އުޞޫލުތައް ނެގެހެއްޓުމާއި އިންތިޚާބީ މެނިފެސްޓޯތަކުގައި އިސްލާމީ ޝަރީޢަތުގެ މަޤުޞަދު ޙިމާޔަތްކުރެވޭނޭ ފަދަ ކަންކަން ހިމަނާންޖޭ ކަމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.
ހަމައެހެންމެ އިސްލާމީ ޢަޤީދާ ޙިމާޔަތްކުރެވޭނޭ ގޮތަށް ތަޢުލީމީ މަންހަޖު ފަރުމާކުރުމާއި މުޤައްރަރުތައް ހަދައި އޭގެ މައްޗަށް ދަރީން ތަރުބިޔަތުކުރާންޖެހޭ ކަމަށް ވަނީ ފާޙަގަކޮށްފައެވެ. މީގެއިތުރަށް ޤުރްއާނާ ބެހޭ މަރުކަޒުތަކާއި އިސްލާމީ ތަޢުލީމުދޭ މުއައްސަސާތަކާއި އިސްލާމީ ޔުނިވާސިޓީތަކާއި ކޮލެޖުތައް ޤާއިމުކުރުމާއި އިސްލާމީ ޢިލްމީ ޕުރޮގްރާމުތަކާއި ޙާފިޒުން ބިނާކުރުމާއި އިމާމުންނާއި އިސްލާމީ މުޖުތަމަޢަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަޝްރޫޢުތައް އިތުރުކުރާންޖެޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނެފައިވަނީ ދީން ޙިމާޔަތްކުރުމުގެ މަޤުޞަދު ދެމެހެއްޓުމުގައި މުޖުތަމަޢުގެ ޒިންމާއަކީ، މާތް ﷲ އެއްކައުވަންތަކުރުމުގެ ޞައްޙަ އަޤީދާ އުނގަންނައިދިނުމާއި ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދެމެހެއްޓުން ކަމަށެވެ. މި ގޮތުން ދީނަށް ގޮވައިލުމުގައި ދީނުގައި ކަނޑައަޅުއްވައިފައިވާ ލުއިފަސޭހަ ގޮތްތަކުގައި ހިފުމާއި، ހަރުކަށި ފިކުރުތަކާ ދުރުހެލިވުން ކަމަށާއި އެއްވެސް ޙުއްޖަތެއް ބުރުހާނެއްނެތި މީސްތަކުން ކާފަރުކުރުމާއި ޓެރަރިޒަމަށް ވާގިވެރިވުމާއި މުޖުތަމަޢު ބައިބައިކޮށް މުޖުތަމަޢުގައި ނަފުރަތު އުފެދޭ ގޮތަށް ޢަމަލުކޮށްގެންނުވާނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން އިސްލާމް ދީން ޙިމާޔަތްކުރުމަށް ޓަކައި ޖަމާޢީ ގޮތުން އަދާކުރާންޖެހޭ އިސްލާމީ ވާޖިބުތައް ދަމަހައްޓާން ޖެހުމާއި އެ ގޮތުން ޖަމާޢަތުގައި ނަމާދުކުރުން ފަދަ ކަންކަން ދަމަހައްޓާން ޖެހޭ ކަމަށް ހުތުބާގައި ވަނީ ނަސޭޙަތްތެރިވެފައެވެ. އިސްލާމްދީނުގެ ވަރުގަދަކަމާއި މުސްލިމުންގެ ސަފުތައް ބަދަހިކަން ރަމްޒުކޮށްދޭ އިޖުތިމާޢީ އެންމެ ވަރުގަދަ އަސާސަކީ ނަމާދު ކަމަށާއި މީގެ އިތުރަށް މުޖުތަމަޢުގައި އިސްލާމީ އަޚުލާޤު ދެމެހެއްޓުމާއި ބޮޑެތިމީހުންނަށް ކަމޭހިތުމާއި ކުޑަކުދީންނަށް އޯގާތެރިވުމާއި ޣީބަ ނުބުނުމާއި މީސްތަކުންނަށް ހެޔޮކޮށްހިތުމާއި އަބުރާނުބެހުމާއި ދީނީ އެންމެހައި އަޚުލާޤިއްޔާތު އިޖުތިމާޢީ ގޮތުން ދެމެހެއްޓުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

