ދަރިވަރުންނަށް ހާސިލް ކުރެވޭ މިންވަރު އިތުރު ކުރުމަށްޓަކައި ކީ ސްޓޭޖް އެކެއްގެ ފޮތްތަކަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
8 ވަނަ އިންޓަރނޭޝަނަލް ޓީޗާރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޓީޗަރުންނަށް އިންވެސްޓު ކުރުމަކީ ގައުމުގެ މުސްތަގުބަލަށްވެސް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށެވެ. އަދި މި ޒަމާނުގެ ޓެކްނޮލޮޖީއަށާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އައިސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކި ކަންކަމުގައި ބޭނުންކުރާ މިންވަރު އިތުރުވަމުންދާއިރު، މިއީ މި ބަދަލުތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ޓީޗަރުން އަހުލުވެރިވާން ޖެހޭ ކަމެއް ކަމުގައި ޝަފީއު ފާހަގަކުރެއްވިއެވެ. އެހެންކަމުން ޓީޗަރުން ކުލާހުގައި ކިޔަވައިދޭ ގޮތްތަކާއި ދިރާސާތަކާ ގުޅުވާލުމަކީ މިފަދަ ކޮންފަރެންސެއްގެ މައިގަނޑު އަދި އެންމެ މުހިންމު އެއް މަގްސަދު ކަމަށްވެސް ވިދާޅުވިއެވެ.
ކިޔަވައިދިނުމުގެ ކޮންޓެންޓަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ،
”ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައް މިދަނީ ގެންދަމުން. މިއަންނަ އަހަރު ކީ ސްޓޭޖް ގްރޭޑް 1 ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ. އަޅުގަނޑު މުދައްރިއްސުންނަށް ދަންނަވާލަން ބޭނުންވަނީ، ފޮތްތައް ބަދަލުކުރެވުނަސް ހަޤީޤީ ބަދަލެއް އަންނާނީ ތިޔަ ބޭފުޅުންގެ މަސައްކަތުންނޭ.“
މީގެ އިތުރުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި މަތީ ސާނަވީއަށް ދާ ދަރިވަރުންގެ މެދުގައި އޮތް ފަރަގު ކުޑަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ސާނަވީ ތައުލީމު ފުރިހަމަކުރުމަށްފަހު މަތީ ސާނަވީ ތައުލީމަށް ދާ ދަރިވަރުންގެ ނިސްބަތް، ކުރިން ހުރި 40 އިންސައްތައިން މިހާރު 50 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށް ޝަފީއު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އަލަށް ގާއިމުކުރެވޭ މާލޭ ވޮކޭޝަނަލް ހައިސްކޫލާ އެކު، މަތީ ސާނަވީ ތައުލީމަށް ދާ ދަރިވަރުންގެ ނިސްބަތް 60 އިންސައްތައަށް މަތިކުރެވިގެންދާނެ ކަމަށެވެ.

