ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ (ޖީއެސްޓީ) ނިޒާމުގައި ރަޖިސްޓްރީވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގައިފިއެވެ.
މީރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދަށުން އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ޓެކްސް ނަގަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ބަދަލާއެކު، ރާއްޖެއަށް ކުރާ ދަތުރުތަކާއި، ކެއިންބުއިމާއި އަދި ހުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭ ބޭރުގެ ކޮންމެ ފަރާތަކުންވެސް ދިވެހިރާއްޖެއަށް ޖީއެސްޓީ ދައްކަން ޖެހޭނެއެވެ. މީގެ ތެރޭގައި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންނާއި، އޮންލައިން ބުކިންގ ޕްލެޓްފޯމްތަކުގެ އިތުރުން އެކޮމޮޑޭޝަން ހޯލްސޭލްކުރާ ފަރާތްތައްވެސް ހިމެނެއެވެ.
މި ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީވާން ޖެހެނީ މީރާގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި ރަޖިސްޓްރީވުމުގެ މަރުޙަލާ ފުރިހަމަކުރުމުން، ޖީއެސްޓީ ޓިން (GST TIN) ހިމެނޭ ރަޖިސްޓްރޭޝަން ސެޓްފިކެޓް ދޫކުރެވޭނެ ކަމަށްވެސް މީރާއިން މަޢުލޫމާތުދެއެވެ.

