ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީން ސަރުކާރަށް ދޭނެ ލަފައެއް ނޯންނާނެ: ޝަމީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވަރަށް ކުޑަ އަގެއްގައި ބަންޑާރަ ގޯއްޗެއް ވިއްކާލި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނީ ލަފާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ހާމަކުރުމުން، އޭސީސީން ސަރުކާރަށް ދޭނެ ލަފައެއް ނޯންނާނެ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މި މައްސަލައަކީ މިއީ ހުޅުމާލެއިން ހަތަރު ލައްކަ ރުފިޔާއަށް މީހަކަށް ބިމެއް ވިއްކި މައްސަލައެކެވެ. މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއީ މީގެ 23 އަހަރު ކުރިން، 22 ޑިސެންބަރު 2003 ގައި އޭރުގެ ހޯމްއެފެއާޒް، ހައުސިން އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގި ”ރަށުތެރެއިން ވިއްކާ 56 ގޯތި“ ސްކީމުގެ ދަށުން އަޙްމަދު ޒާހިރު ނަމަކަށް ކިޔާ މީހަކަށް ލިބުނު ގޯއްޗެއްގެ މައްސަލަ ކަމަށެވެ. ރަސްމީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އޭރު އޭނާއަށް ކަނޑައެޅީ 904 އަކަފޫޓުގެ ބިމެކެވެ. އަދި އޭގެ އަގަކީ 339،000 ރުފިޔާއެވެ.ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި ތަފާތު ސަރުކާރުތަކަށް ހުށަހަޅައިގެން ވެސް އެ ބިން ހަވާލުކުރެވިފައި ނުވާތީ، މި ސަރުކާރުން އެ މައްސަލަ ހައްލުކޮށްދިނުމަށް ނިންމީ އޭނާގެ ދިރިއުޅުމުގެ ހާލަތަށް ބަލައި، ކުރިން އެއްބަސްވެފައިވާ ވިޔަފާރި އުސޫލުތަކާ އެއްގޮތަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އޭނާއަށް ވިއްކަން ނިންމީ ކުރީ ސަރުކާރުގެ ”ބިންވެރިޔާ ސްކީމް“ ގެ ދަށުން ދޫކުރި ބިންތަކުގެ ތެރެއިން ޝަރުތު ހަމަނުވާ މީހަކަށް ދީފައިވާތީ އެއްބަސްވުން ބާތިލުކޮށްފައިވާ ބިމެކެވެ. އަދި އެ ބިން ދޭން ނިންމީ، ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އޭނާއަށް ލިބިފައިވާ ޕްލޮޓްގެ ހައްގުތައް ދޫކޮށްލަން އެއްބަސްވުމުންނެވެ. މިކަމުގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ އޭސީސީގެ ބަހެއް ހޯދައި، ގާނޫނީ ލަފާ ލިބުމަށްފަހު ކަމަށް ވެސް މިނިސްޓްރީން މީގެކުރިން ބުނެފައި ވީނަމަވެސް މިހާރު އެނިންމުން ވަނީ ބަދަލުކޮށްފައެވެ. އެކި ސަބަބުތަކާ ހުރެ ހައްލުނުވެ ދުވަސްވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމަށް މީގެ ފަހުން ފޮނުވާނީ ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ޝަމީމްގެ ބްލޮގްގައި އޭނާ ލިޔުއްވާފައިވަނީ ސަރުކާރުން ވިއްކީ ބަންޑާރަ ބިމެއް ކަމަށްވާއިރު، ބަންޑާރަ ބިމެއް، ސަރުކާރަކަށް ވެސް ނުވަތަ އެހެން މީހަކަށް ވެސް ވިއްކުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށެވެ. އެގޮތުން އެފަދަ ބިމެއް ވިއްކޭނީ ބިން އަމިއްލަކުރުމަށް ފަހު ކަމަށާއި، އެހެންކަމުން މި ބިން ”ވިއްކުމަށް“ ސަރުކާރުން ނިންމީ ގާނޫނާ އެއްގޮތަށްކަމަށް ބުނެވޭކަށް ނެތް ކަމަށެވެ.

ޝަމީމް ވަނީ، މީގެ ކުރިން އަޙްމަދު ޒާހިރަށް ”ވިއްކަން“ ނިންމާފައި އޮތީ މޯލްޑިވްސް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓު ބޯޑުގެ ބިމެއް ކަމަށާއި އޭނާ ހަނދާންވާގޮތުން، އޭރު އެ ބިންތަކަކީ ބަންޑާރަ ބިންތަކެއް ނޫން ކަމަށެވެ. އެހެންވެ، އޭރު އެ ބިންތައް ވިއްކުމަށް ހުރަހެއް ނެތީކަމަށް ވެދާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

އޭނާ ވަނީ މިނިސްޓްރީން ނެރުނު ބަޔާނުން ޖަވާބު ނުލިބޭ ސުވާލުތަކެއް އުފެދިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޑިސެމްބަރު 22، 2003 ގައި، ސަރުކާރުގެ ރަސްމީ ލިޔުމަކުން އަޙްމަދު ޒާހިރަށް ގޯއްޗެއް ވިއްކަން ނިންމައި، 23 އަހަރުވީއިރު ވެސް އެ ނިންމުން ސަރުކާރަށް ތަންފީޒުނުކުރެވުނު ސަބަބަކީ ކޮބައިތޯ އޭނާ ސުވާލު އުފެއްދެވިއެވެ. މީގެއިތުރުންވެސް ވަރަށް ތަފްސީލީ ގޮތެއްގައި އޭނާގެ ބްލޮގުގައި ޝަމީމް ވަނީ މި މައްސަލައާއި ގުޅިގެން ލިޔުއްވާފައެވެ.

މީގެ އިތުރުން މި މައްސަލައިގައި އޭސީސީއިން މިނިސްޓްރީއަށް ލަފައެއް ދީގެން، އެ ލަފައާ އެއްގޮތަށް ސަރުކާރުން ޢަމަލުކޮށްފިނަމަ، އޭސީސީއަކަށް އެ މައްސަލައެއް ދެނެއް ނުބެލޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: