މިއަދު މުޅި ދުނިޔޭގައި އެންމެ އަޑުހަރުކޮށް ކަންބޮޑުވުމާއިއެކު ދައްކަވަމުންދާ ވާހަކައަކީ ކޮރޯނާ ވައިރަހުގެ ވާހަކައެވެ. ބަލީގެ ނުރައްކާތެރި ކަމާއި ބަޔަށް ފަރުވާއެއް ނުހޯދި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާ ވާހަކައެވެ. އެކަމުގެ ސަބަބުން ބާރުގަދަ އެތައް ގައުމުތަކެއް މިއަދު ވަނީ ގޮތްހުސްވެފައެވެ. ހަމައެއާއިއެކު އެތައް ބައެއްގެ ވިޔަފާރިތައް ހުއްޓިފައިވާއިރު ވަޒީފާ ގެއްލި މަގުމަތިވެގެންދާ މީހުން ގިނަވުމަކީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. މި ދެންނެވި ހުރިހައި މައްސަލަތަކެއް އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ވެސް މިވަނީ ކުރިމަތިވެފައެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން ފަތުރުވެރިކަމުގެ އެއްވަނަ މަންޒިލް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މި ޖަޒީރާ ރާއްޖޭގެ ހުރިހައި ރިސޯޓުތަކެއް މިވަނީ ބަންދުވެފައެވެ. އެތައް ބައެއްގެ ވިޔަފާރިތައް ބަނގުރޫޓޫވެ އެތައް ހާސްބައެއްގެ ވަޒީފާ މިވަނީ ގެއްލިފައެވެ. މި ހުރިހައި ކަމަކާއި ކުރިމަތިލާން މިޖެހުނީ ކޮރޯނާ ވައިރަހުގެ ސަބަބުންނެވެ. މިވަރަކުން އަދި ނިމިނީއެއް ނޫނެވެ. ރާއްޖޭގެ އެހެން ކަމަކަށް ވެސް މިވަނީ ކޮވިޑް ޖެހިފައެވެ. މިއަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށެވެ. ހަގީގަތުގައި ކޮވިޑު ޖެހުނީ ހަމައެކަނި ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ އިންތިހާބަކަށް އެކެންޏެއް ނޫނެވެ.
ދުނިޔޭގެ އެތައް ގައުމުތަކެއްގައި ބާއްވަން ނިންމާފައިވާ އެކި ބާވަތުގެ އިންތިހާބަށް ކޮވިޑުޖެހި އިންތިހާބުތައް ވަނީ ފަސްކޮށްފައެވެ. އެހެން ގައުމުތަކުން އިންތިހާބުތައް ފަސްކުރުމަށް މާގިނަ ބަހުސްތަކެއް ކޮށްފައެއް ނުވެއެވެ. ވަގުތު ބޭކާރު ކުރުމެއްނެތި ގާނޫނީ އިމުގެ ތެރެއިން އެކަން ވަނީ ވަރަށް ފަސޭހަކަމާއިއެކު ނިންމާލާފައެވެ. ނަމަވެސް ދިވެހިރާއްޖޭގައި އެކަން ނިންމަން ތިއްބެވި ބޭފުޅުންނަށް އެތައް ބަހުސްތަކެއް ކޮށްގެން ވެސް މިއުޅެނީ އެކަން ނިންމާނެ ގޮތެއް ނުވިސްނިގެންނެވެ. އެންމެ ފަހުން ގާނޫނުއަސާސީއާއި ހިލާފްވެ ޗާޓުން ވެސް ބޭރުވެއްޖެއެވެ. ފަހަރުގައި މާ ބޮޑަށް ފުންނާބު އުސްވީމާ ވާގޮތް ކަމަށް ވެސް ވެދާނެއެވެ.
ކޮންމެއަކަސް ހަމަ ހަގީގަތުގައި ވެސް ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކައުންސިލް އިންތިހާބަށް ކޮވިޑްޖެހި ބަޔަކު މީހުން ޗާޓުން ބޭރުވެއްޖެއެވެ. ސުވާލަކީ މިހާ ގިނަ ބަހުސްތަކެއް ކޮށްގެން ނޫން ގޮތަކަށް ކައުންސިލް އިންތިހާބުފަސްކުރުން ނުވަތަ ތިބި ކައުންސިލްތަކުގެ ދައުރު ދިގުދެންމެން ނެތީތޯއެވެ.؟ ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާކަމެއް ހައްލު ކުރާނެ ގޮތެއް ހަމަނެތީތޯއެވެ. ؟
ދައުލަތުގެ ބަންޑާރަނައިބު ގަބޫލު ކުރައްވާ ގޮތުގައި ކައުންސިލްތަކުގެ ދައުރު ދިގުދެންމޭނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެންނެވެ. އެކަމަށްޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ވެސް ފޮނުވިއެވެ. މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުން ފޮނުވި ބިލް މަޖިލީހުގެ އެޖެންޑާއަށް ވެސް ގެނައެވެ. ނަމެވެސް ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހަކުން ރައީސުލްޖްުމްހޫރީއްޔާ ވެސް ބޭނުންފުޅުވެގެން ގާނޫނުއަސާސީއަށް އިސްލާހު ގެނެސް މިހާރު ތިބި ކައުންސިލްތަކުގެ ދަުއުރު ދެންމުމުގެ ބިލް އެޖެންޑާއިން ނެގިއެވެ. ސަބަބަކަށް ދެއްކީ ކުއްލި ނުރައްކަލުގެ ސަބަބެވެ.
އެމްޑީޕީގެ ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހަށް ފޮނުވި ބިލް އެޖެންޑާ ކުރުމަށް ފަހު އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހެއް ނުގެނެވޭނެއެވެ. ނަމަވެސް މަޖިލީޙުގެ ރައީސްއަށް ގާނޫނީ ލަފާ ދެއްވަން އިންނަވާ މަޖިލީޙުގެ ކައުންސެލް ޖެނަރަލް ފާތުމަތު ފިލްޒާގެ ގާނޫނީ ލަފާ ގާނޫނީ ނަޒަރީއްޔާތު މުޅިން ތަފާތެވެ.
ފިލްޒާ ވިދާޅުވާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު ދައުރު ހަމަވާ ކައުންސިލަރުންގެ ދައުރު ދިގުވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލު އެޖެންޑާކޮށް މިހާރު ރާައްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ގާނޫނު އަސާސީ އިސްލާހު ކުރެވޭނެއެވެ.
ފިލްޒާ ވިދާޅުވެފައި ވަނީ މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ އާންމު ސިއްހަތުގެ ގާނޫނުގައި ހެލްތު މިނިސްޓަރަށް ލިބިދީފައިވާ ބާރުގެ ދަށުން ގާނޫނީ އިމުގެ ތެރެއިން އިއުލާން ކޮށްފައިވާ ކުއްލި ހާލަތެއް ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގައި ރައީސް ނެރުއްވާ ގަރާރަކުން އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމަށް ވާއިރު ގާނޫނު އަސާސީގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ބުނާ މާއްދާގައި ފާހަގަ ކުރަނީ ގާނޫނު އަސާސީގައި ރައީސް ނެރުއްވާ ގަރާރަކުން އިއުލާން ކުރައްވާ ކުއްލި ހާލަތަށް ކަމަށް ފިލްޒާ ވިދާޅުވި އެވެ. އެހެންކަމުން މިހާރު އިއުލާން ކޮށްފައިވާ ހާލަތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާ މެދު ގާނޫނީ ގޮތުން އުފައްދާނެ އެއްވެސް ހިލާފެއް ނެތް ކަމަށް ފިލްޒާގެ ފާހަގަ ކުރައްވާފައިވެ އެވެ.
މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށް ކައުންސެލަ ޖެނެރަލް ލަފާ ދެއްވި ނަމަވެސް ލޯކަލް ކައުންސިލަރުންގެ ދައުރު ދިގުވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލު އެޖެންޑާ ކުރުމާ މެދު ރައީސް ނަޝީދު ވަނީ ދެކޮޅު ހައްދަވާފައެވެ. އެންމެ ފަހުން ސަރުކާރުން ހުށަހެޅި ބިލް މަޖިލީހުގެ އެޖެންޑާއިން ނަގައި ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަނޑައަޅާފައިވާ މުއްދަތެއް އާންމު ގާނޫނަކުން ބަދަލު ކުރަން ރައީސް ނަޝީދު ނިންމެވީއެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެއް ކަނޑައަޅާފައިވާ ތާރީހެއް ނުވަތަ މުއްދަތެއް ގާނޫނަކުން ބަދަލު ނުކުރެވޭނެ ކަމަށް ރާއްޖޭގެ ހުރިހައި ގާނޫނީ ވަކީލުން ވެސް ގެންދަނީ ބުނަމުންނެވެ. ހުދު ބަންޑާރަނައިބުވެސް ވަނީ އެކަން އެހެން ނުކުރެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ރައީސް ނަޝީދު އެމަނިކުފާންގެ ގަދަފަދަކަން ދައްކަވައި އެއްވެސް ބައެއްގެ ގާނޫނީ ލަފައެއް ގަބޫލުފުޅު ނުކުރެއްވިއެވެ.
އެހެން ކަމުން އެމަނިކިފާންގެ އާންމު އުސޫލުގެ މަތިން ޗާޓުން ބޭރުވެވަޑައިގެންފިއެވެ. ކައުންސިލްތަކުގެ ދައުރު ފަސްކުރުމަށް ދުސްތޫރީ ހައްލެއް ސުޕްރީމް ކޯޓުގެ ތެރެއިން ލިބެން އޮތް ނަމަވެސް އެ މަގުވެސް އިހްތިޔާރު ކުރައްވާކަށް ރައީސް ނަޝީދު ބޭނުންފުޅެއް ނުވެއެވެ. އެކަމުގެ ނަތީޖާއަކަށްވީ ބޮޑު ސޯބު އެނބުރޭ ގޮތަށް ކުދި ސޫބުތައް ވެސް އެނބުރެންފެށީއެވެ. ކަުއުންސިލް އިންތިހާބު ފަސްކުރުމަށް ސުޕްރީމް ކޯޓަށް ދާން ޖެހޭނެ ކަމަށް ރައީސް ނަޝީދުއާއި އެމަނިކުފާނަށް ތަބާވާ މީހުން ގަބޫލެއް ނުކުރެއެވެ.
މައްސަލަ ބެލުމުގެ ބާރާއި އިޚްތިޞާޞް ސުޕްރީމް ކޯޓަށް އެބައޮތެވެ. މިވަގުތު މަޖިލީހަށް މިކަމުގައި ޙައްލެއް ހޯދޭނެ މަގެއް ފަސޭހަވެފައި އޮތުމަކީ ސުޕްރީމް ކޯޓަށް އެބާރު ނެތުމެއް ނޫނެވެ. އަދި ނޯންނާނެކަމަށް ބުނަންޖެހޭ ސަބަބެއް ވެސް ނޫނެވެ. އަދި އެބާރު ނެތްކަމަށް ހެދުމަކީ ގާނޫނުއަސާސީއާއި ހިލާފްވުމެވެ. ކުރުކޮށް ދަންނަވަން އޮތީ ކައުންސިލް އިންތިހާބަށް ޖެހުނު ކޮވިޑާއިއެކު ބަޔަކު ޗާޓުން ބޭރުވެ ނިމިހިނގައްޖެއެވެ.

