ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މަތީ މަޖިލީހުގައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
މީގެކުރިންވެސް މިގޮތަށް ބޭއްވޭ އެކި ކޮންގްރެސްތަކުގައި ބައިވެރިވުމަށް އިދިކޮޅުގެ ލީޑަރުންނަށް ދައުވަތު އަރުވާކަން ފާހަގަކުރެވެއެވެ. ފާހަގަކުރެވޭ ގޮތުގައި އިތުރު ލީޑަރުންނަށްވެސް ދައުވަތުއެރުވި ކަން ފާހަގަކުރެވެއެވެ.
ޕީއެންސީގެ މަތީ މަޖިލިސް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި މަހުގެ 18 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގެ އިފްތިތާހީ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ޕީއެންސީ އަބަދުވެސް ދެމިއޮންނާނީ ގައުމަށް ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ހޯދައިދިނުމުގައި ކަމަށެވެ. އަދި ސިޔާސީ ވާދަވެރިން ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ކުރާ މަސައްކަތްތަކަށް ޕާޓީގެ އެތެރެއިން އެއްވެސް ޖާގައެއް ނުދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
އިފްތިތާހީ ޖަލްސާއަށް ފަހު ޕާޓީގެ އަސާސީ ގަވާއިދު އެކުލަވާލުމުގެ މަސައްކަތާއި ގައުމީ ތަރައްގީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވަޒީރުންގެ ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ސެޝަންތައް މިރޭ 20:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
ކުރިއަށް އޮތް ސެޕްޓެމްބަރު 16 އަދި 17 ވަނަ ދުވަހު، ޕާޓީގެ ނައިބު ރައީސުންނާއި މަތީ މަޖިލީހަށް މެންބަރުން އިންތިހާބުކުރުން ކުރިއަށްދާނެއެވެ. އަދި ވަޒީރުންގެ މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޒުވާނުންނާއި އަންހެނުންގެ ހާއްސަ ހަރަކާތްތަކާއި، އަލަށް އެކުލަވާލެވޭ މަގާމުތަކުގެ އިގުރާރުވުމާއި، ޕާޓީގެ މުސްތަގުބަލުގެ ތަސައްވުރު ކަނޑައެޅުން ވެސް އޮންނާނެއެވެ.
78،505 އަށް ވުރެ ގިނަ މެންބަރުންނާއެކު، ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ.

