އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދެމިގެންދާ ގޮތަށް ހުށަހަޅާފައިވާ ވަގުތީ ބިލު ދިރާސާކުރާ ރައްޔިތުންގެ މަޖިލީޙުގެ ލާމަރުކަޒީ ކޮމެޓީއަށް އެޓާނީ ޖެނެރަލްއާއި ލޯކަލަލް ގަވަރމެންޓް އޮތޯރިޓީ ހާޒިރު ކުރުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވަރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލް ކޮމެޓިން ނިންމަން ކަނޑައަޅާފައި ވަނީ ދެ ހަފްތާތެތޭގައެވެ. އެގޮތުން އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކޮމެޓީން ކުރިއަށް ގެންދާއިރު އާންމުންގެ ފަރާތުން ބިލަށް ހިޔާލް ހުށަހެޅުމުގެ ފުރުސަތު މަޖިލީހުން ހުޅުވާލާނެއެވެ.
ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކޮމެޓީން ކުރިއަށް ގެންދާއިރު އެޓާނީ ޖެނެރަލްއާއި އެލްޖީއޭގެ އިތުރުން ބިލް ހުށަހެޅުއްވި މެމްބަރު ހަސަން ލަތީފް ކޮމެޓީއަށް ހާޒިރު ކުރުމަށް ހުށަހެޅުއްވި ޕީޕީއެމްއަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުއެވެ. އަދި ހުށަހެޅުން ފާސްކޮށްފައި ވަނީ ކޮމެޓީއަށް ހާޒިރުވި މެމްބަރުންގެ އަގްލަބީއްޔަތުންނެވެ.
މީގެއިުތުރުން ކޮމެޓީން ނިންންމާފައި ވަނީ ބިލްގެ މަސައްކަތް ކުރިއަށް ގެންދާއިރު ބިލާއި ގުޅޭ ގޮތުން މަޖިލީޙުގެ ކައުންސެލް ޖެނަރަލްގެ ލަފާ ވެސް ހޯދުމަށެވެ. ސަބަބަކީ އެ ބިލަކީ ގާނޫނުއަސާސީއާއި ހިލާފް ބިލެއް ކަމަށް ބައެއް މެމްބަރުން ދެކެވަޑައިގަންނަވާތީ ކަމަށް ކޮމެޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވިއެވެ.
ނަމަވެސް ބިލު ހުށަހެޅުއްވި މެންބަރު ހަސަން ލަތީފު ވިދާޅުވާ ގޮތުގައި ގާނޫނު އަސާސީގައި އުފެދިފައި ނެތް ހާލަތެއްގައި އަމަލު ކުރާނެ އުސޫލުތަކެއް ހިމަނައިގެން ވަގުތީ ގާނޫނުތައް ފާސް ކުރުމަކީ މަޖިލީސްތަކުން ކުރާ ކަމެކެވެ. އަދި އެއީ ރާއްޖޭގެ ގާނޫނު އަސާސީން ދީފައިވާ ޖާގައެއް ވެސް ކަމަށް ހަސަން ލަތީފު ވިދާޅުވެ އެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވަނީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށެވެ. ކޮވިޑް-19 ގެ ސަބަބުން އެ ތާރީހަށް ވެސް ކައުންސިލް އިންތިހާބު ބޭއްވޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް ވެސް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް އެ ބިލް މަޖިލީޙުގެ އެޖެންޑާއަސް ގެނައުމަށް ފަހު ފަހުން ވަނީ އެޖެންޑާއިން ނަގާފައެވެ.

