ސަރުކާރުން ސިޔާސަތުތަކަށް ގެންނަމުންދާ ދެއުޅިއެއްނުވާ ދޯހަޅި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ އިންޑަސްޓްރީ ވަނީ ފުން އަނދަވަޅަކަށް ވެއްޓުމުގެ މަގުމަތީގައިކަމަށް ވިދާޅުވެ، ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންގެ އަޑުހަން އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ، އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަންޖެހޭ ގޮތަށް ޖީއެސްޓީގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅާފައިވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ.
އެގޮތުން ޝާހިދު ވަނީ ދިވެހިރާޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރސް އާއި މަޝްވަރާކުރުމެއްނެތި ގެނެވޭ ކޮންމެ ބަދަލަކީ އޭގެ ނުރަނގަޅު ނަތީޖާއާ ފަހުން ކުރިމަތިލާންޖެހޭނެ ބަދަލެއްކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޝާހިދު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާއެކު މަޝްވަރާއަށް ވަޑައިގެން އެ ބޭފުޅުންގެ އަޑުއައްސަވާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސަލާމަތްކުރުމުގެ މަސައްކަތް މިހިނދުން މިހިނދަށް ފެއްޓެވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
”ސަރުކާރުން ތިޔަ ގެންގުޅުއްވާ ގޮތް ދޫނުކުރުމުގެ ސިޔާސަތު ދޫކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާއެކު މަޝްވަރާއަށް ވަޑައިގެން އެބޭފުޅުންގެ އަޑުއައްސަވާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސަލާމަތްކުރުމުގެ މަސައްކަތް މިހިނދުން މިހިނދަށް ފެއްޓެވުމަށް އަނެއްކާވެސް އަޅުގަނޑު ގޮވާލަން،“ ޝާހިދު
އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަންޖެހޭ ގޮތަށް ޖީއެސްޓީގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.
އެ ގާނޫނަށް އިސްލާހު ގެނައިއިރު ސަރުކާރުން އިގްތިސާދީ ގޮތުން ކުރާނެ އަސަރުތަކުގެ ދިރާސާއެއް ނުވަތަ މާކެޓް ރިސްކް އެނަލިސިސްއެއް ހަދާފައިނުވާ ކަމަށް ކުޑޫ މަޖިލީހަށް ހުށަހެޅި ސިޓީގައިވެއެވެ. އަދި ކަމާބެހޭ ބޭރުގެ ފަރާތްތަކާ ގުޅިގެން ފީސިބިލިޓީ ސްޓަޑީއެއްވެސް ހަދާފައި ނުވާކަން ފާހަގަކުރައްވާފައިވެއެވެ.
އެ ބަދަލުތަކާ ގުޅިގެން ރިސޯޓުތަކާއި ޓްރެވަލް އެޖެންޓުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ބައެއް ޓުއާ އޮޕަރޭޓަރުން ވަނީ ރާއްޖެ ވިއްކުން ހުއްޓާލާނެކަމުގެ އިންޒާރުވެސް ދީފައެވެ.

