2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުއިއްޒު އެއް ބުރުން ކާމިޔާބު ކުރައްވާނެކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ ރައީސް ޑރ. މުއިއްޒު ކަމަށެވެ. އަދި ޕާޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް ޑރ. މުއިއްޒަށް ދޭން ނިންމި އިރު އެންމެން ގުޅިގެން ރަނގަޅަށް މަސައްކަތް ކޮށްފިނަމަ އެއް ބުރުން ރައީސް ޑރ. މުއިއްޒު ކާމިޔާބު ކުރައްވާނެކަމަށް ފަލާހު ވިދާޅުވިއެވެ.
”އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެން އެންމެން އިއްތިފާގުވެގެން އެތައް ހާސް މެމްބަރުންނަކާ ލީޑަރޝިޕާއި އެތައް ބަޔަކު މިތިބީ މިއަދު އިއްތިފާގުވެގެން މިޕާޓީން 2028 ވަނަ އަހަރު ﷲގެ ރަހުމަތް ފުޅާއިއެކު މިޕާޓީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރާނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާކަމަށް. އަޅުގަނޑުމެންގެ އިއްތިފާގުން މިކަން ފާސްކުރެވިފައިވާއިރު އަޅުގަނޑުމެން އެންމެން ރަނގަޅަށް މަސައްކަތް ކޮށްފިކަމަށްވަނީނަމަ ﷲގެ ރަހުމަތްފުޅުން އެއް ބުރުން ރައީސް ޑރ. މުއިއްޒު ކާމިޔާބު ކުރައްވާނެ“ ފަލާހު
މީގެ އިތުރުން މި ވެރިކަމަށް ތިން އަހަރާއި ގާތްވަމުންދާއިރު 2023 ވަނަ އަހަރު ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމުގައި ސާބިތުކަމާއިއެކު ހުންނެވިކަން މިއަދު ދިވެހި ހުރިހާ ރައްޔިތުން ޤަބޫލުކުރާނެކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ޕާޓީގެ މުޅި ލީޑަރޝިޕަށް ރައީސް އަބަދުވެސް ދެއްވާ ނަސޭހަތަކީ ޤައުމަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއްގެ ތެރޭގައި ޕާޓީގެ އެއްވެސް މެމްބަރެއް ބައިވެރިވެގެން ނުވާނެކަމަށްކަމަށް ފަލާލު ވިދާޅުވިއެވެ. އަދި އެއްވެސް ރައްޔިތަކަށް ބޭއިންސާފުން ކަމެއް ހިނގާފާނެކަމުގެ އެއްވެސް ނުކުރުމަށް އަބަދުވެސް ނަސޭހަތްތެރިވެ ވަޑައިގަންނަވާކަމަށް ފަލާހު ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޑރ. މުއިއްޒުއަކީ ހަމައެކަނި ވިދާޅުވާ ބަހަކުން ކަންކަން ކުރައްވާ ބޭފުޅޭއް ނޫންކަމަށާއި އެމަނިކުފާނުގެ އަމަލުތައްވެސް ހުންނެވީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް ދޭން ލާޒިމުވާ ބީދައިންކަމަށް ފަލާހު ވިދާޅުވިއެވެ.
މީގެ ތިތުރުން ފަލާހު ވަނީ ޕީއެންސީ ވަނީ ޕާޓީއެއްގެ ގޮތުގައި ހިންގުމަށް ވަރަށް ރަނގަޅަށް ތަރުތީބު ކުރެވިފައިކަމަށް ވިދާޅުވެ، ޕާޓީގެ ހުރިހާ ގުނަވަނެއްގައި ވެސް ތިއްބެވީ ގާބިލު، ހުނަރުވެރި އަދި ގައުމުދެކެ ލޯބިވާ މެންބަރުންކަން ފާހަގަކުރައްވާފައެވެ.

