ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިންގަލް-ޔޫސް ޕްލާސްޓިކް މަނާކުރާ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ އިޞްލާޙުތަކެއް ގެނެސްފި

ޕްލާސްޓިކް ކޮތަޅެއް--ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިމާވެށްޓަށް ގެއްލުންދޭ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ (ސިންގަލް-ޔޫސް) ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު އިޞްލާޙުތަކެއް ގެނެސްފިއެވެ.

މި ބަދަލުތައް ގެންނަވާފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން، މިއަދު ނެރުއްވި ޚާއްސަ ޤަރާރަކުންނެވެ.

މި ގެންނެވި އިޞްލާޙުތަކުގެ ތެރޭގައި، ލިސްޓުގެ އެއްވަނަ ނަންބަރުގައި ހިމެނޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކުރާ ތާރީޚު، 1 ޖޫން 2021 އިން 1 ޖޫން 2031 އަށް ވަނީ ފަސްކޮށްފައެވެ. އަދި ރާއްޖޭގައި މިފަދަ ހޮޅި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 19 ޑިސެންބަރު 2022 އިން 19 ޑިސެންބަރު 2031 އަށް ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން، އެ ލިސްޓުގެ 13 ވަނަ ނަންބަރުގައި ހިމެނޭ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީޚު 1 ޑިސެންބަރު 2029 އަށް ވަނީ ފަސްކޮށްފައެވެ. އަދި މި ބާވަތުގެ ފެންފުޅި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 1 ޖޫން 2030 އަށް ފަސްކުރުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅާފައެވެ.

ހަމައެއާއެކު، ލިސްޓުގެ 14 ވަނަ ނަންބަރަށް ގެންނެވި ބަދަލުގައި، ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ވަނީ ކުޑަކޮށްފައެވެ. މި ބަދަލާއެކު، 250 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި) މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމުގެ އިތުރުން ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ.

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން ޤަރާރަށް ގެންނެވި އިސްލާހުތައް މިހާރު ވަނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: