ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ ވައްކަމުގެ ބޮޑުން ތިބީ ރައީސް މުއިއްޒުގެ ދަރުބާރުގައި، އަޅުގަނޑަށް ތުހުމަތުކުރާތީ ހިތާމަކުރަން: ރައީސް ޔާމީން

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ--ފޮޓޯ: ޕީއެންއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އުޅުނު މީހުން ރައީސް ޑރ. މުއިއްޒުއަށް އިނގިވަޑައިގަންނަވާ ކަމަށާއި އެ ފަރާތްތަކުގެ މައްސަލަ ނުބައްލަވާ އެމަނިކުފާނަށް ތުހުމަތުކުރައްވާ ތަހުޤީގުތަކެއް ކުރައްވަން އުޅުއްވާތީ އެކަމާ ހިތާމަކުރައްވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގައި އުޅުނު ބޮޑުން މިހާރު ތިބީ ރައީސް ޑރ. މުއިއްޒާއެކު ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ރައީސް ޑރ. މުއިއްޒު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބައްލަވާނެކަމަށް ވިދާޅުވިޔަސް އެކަން ނުކުރައްވާކަމަށާއި، އޭގެ ބަދަލުގައި އެމަނިކުފާނުގެ މައްޗަށް ތުހުމަތުތަކެއް ކުރައްވާ ތަހުޤީގުތަކެއް ކުރައްވަން އުޅުއްވާތީ އެކަމާއި ހިތާމަކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

”މަނީލޯންޑަރިންނާއި އެމްއެމްޕީއާރުސީގެ ބޮޑެތި ވައްކަމުގައި އުޅުނު ބޮޑުން މިހާރު އެ ތިބީ މުއިއްޒުއާއެކު، އެ ދަރުބާރުގައި އެ ތިބީ އެ ބޮޑުން. މުއިއްޒު ދެފަހަރު ބުނެފި ތިމަންނައަށް ކެރޭނެއޭ އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން. އެކަމަކު އެ ބަލާ ތަނެއް ނުފެނޭ. އެހެން އޮއްވާ އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރައްވާ ތަހުޤީގުތަކެއް ކުރައްވަން އުޅުއްވާތީ މިއީ އަޅުގަނޑު ދެރަވާ ސަބަބު،“ ރައީސް ޔާމީން

އެމަނިކުފާނުގެ މައްސަލައެއް ބަލައި ތަހުޤީގުކުރުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެމަނިކުފާނާއި ދެކޮޅަށް ޝަފަޢީ ހެކިދޭން ތިބީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުކަން ފާހަގަކުރައްވައި، އެއީ ދެ ވަގުން ކަމަށް ވުމަކީ ކަންބޮޑުވެ ހިތާމަކުރައްވާ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންނަމަވެސް، މިއަދު އަދީބާއި ޒިޔަތަކީ މިނިވަނުން ކަމަށާއި އެ ދެމީހުން ބުނާބުނުމަށް ހެކިބަސް ބިނާކުރާކުރުމަކީ މައްސަލައެއް ކަމަށާއި އެމަނިކުފާނަށް އެކަން އެއްވެސް ވަރަކަށް ކަމުނުދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޯޓުތަކުގެ ފަނޑިޔާރުން ހިމެނޭހެން ދިވެހިރާއްޖޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލަ ނުދަންނަ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށާއި އަދި އެ މައްސަލައަކީ ފުލުހުން އެތަކެއް ފަހަރު މަތިން ތަހުޤީގުކޮށްފައިވާ މައްސަލައެއްކަމުން ފުލުހުންގެ އަތުގައި އެކަށީގެންވާ ވަރަށް ހެކި ހުންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން މަނީލޯންޑަރިންނާއި އެމްއެމްޕީއާރުސީގެ ބޮޑެތި ވައްކަމުގައި އުޅުނު ފަރާތްތައް ކަނޑައެޅިގެން ރައީސް ޑރ. މުއިއްޒުއަށް އެނގިވަޑައިގަންނަވާނެކަމަށް ރައީސް ޔާމީން ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: