މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްޓަކައި އެ މަގުގެ ވެސްޓް ޕާކު ސަރަހައްދު ބަންދުކޮށްފިއެވެ.
މި މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ރޭ 12:00 އިން ފެށިގެން ވެސްޓް ޕާކު ސަރަހައްދުން މަގުގެ އެއް ފަޅި ބަންދުކުރުމަށް ނިންމާފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މަގު އެއްފަޅި ބަންދުކުރި ނަމަވެސް އަނެއް ފަޅިން އާންމު ދަތުރުފަތުރު ކުރެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
ބޭރު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެމްޕީއެލުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާއި ހަމައަށް މަގުފުޅާކޮށް ތާރު އަޅާ ނިންމާ ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. ދެން ހަދަން އޮތީ އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް އޮތް ސަރަހައްދެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މަސްމާރުކޭޓާ ހިސާބުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި، މަގު ހަތަރު ލޭނަށް ފުޅާކޮށް ވަނީ ތާރުއަޅާފައެވެ. އަދި ދެވަނަ ފިޔަވަހީގައި މަސްމާރުކޭޓުން ނޯތު ހާބަރާ ހަމައަށް އޮތް ސަރަހައްދު ވަނީ ފުޅާކޮށްފައެވެ.
މި ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާއިރު، މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް އަންނަނީ ހިންގަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ނޮވެމްބަރު 11، 2027 އާ ހަމައަށް އެ ބަނދަރު ތިލަފުއްޓަށް އެއްކޮށް ބަދަލުކުރެވޭނެއެވެ.

