ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްގީކުރި ސަރަހައްދުގައި މަގުގެ ދެ ފަރާތުގައި ޕާކްކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ސެގްމެންޓް 2 އިން ފެށިގެން 5 އާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ނިމިފައިވާތީ، އިއްޔެ ހަވީރުން ފެށިގެން އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ވަނީ ހުޅުވާލައިފައެވެ.
އެކަމާ ގުޅިގެން ފުލުހުން އިއްޔެ ބުނެފައިވަނީ، މާލެ ވަށައިގެންވާ ބޮޑުތަކުރުފާނުމަގު އެއްކޮށް މިހާރު ހުޅުވާލާފައި ވާއިރު، އެ މަގުގައި ޕާކްކުރުމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި އުޅަނދުތައް ޕާކް ނުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.
ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި އުޅަނދުތައް ޕާކުކުރުމަކީ މަގުގެ ދަތުރުފަތުރަށް ބުރޫއަރައި، އާންމުންގެ ރައްކާތެރިކަމަށް ހުރަސް އެޅޭނެ ކަމެއް ކަމަށްވާތީ، ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ ”ދަ ޕްލަސް“ ޕޮޑްކާސްޓުގައި މިދިޔަ ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ކުރިން ބޮޑުތަކުރުފާނު މަގުގެ އެބައިގައި ދެފަރާތުގައި ޕާކްކުރި ނަމަވެސް، މަގު އަލުން ހުޅުވުމުން ޕާކްކުރަން ޖެހެނީ ފަޅުން ބައެއް ހިއްކައިގެން ތަރައްގީކޮށްފައިވާ ޕާކިން އޭރިއާގައި އެކަނި ކަމަށެވެ.
ޕާކިންއަށް ހާއްސަކޮށް ހިއްކާފައިވަނީ ބޮޑު ސަރަހައްދެއް ކަމަށާއި އެތަނުގައި 500 އެއްހާ ސައިކަލު ޕާކްކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ބަދަލާއެކު އެ ސަރަހައްދު ހިތްފަސޭހަ ސަރަހައްދަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ބޮޑުތަކުރުފާނުމަގުގެ އަލަށް ހެދި ބައިގައި ޕާކްނުކުރެވޭނެކަން ފުލުހުން ހަނދާންކޮށްދީފައި ވާއިރު، މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކާ ގުޅިގެން މާލޭ ރަސްފައްނާއި ސޯޝަލް ސެންޓަރު ވަށައިގެންވާ ސަރަހައްދުގެ މަގުތަކާއި އިއްޒުއްދީން ފާލަމާއި ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކުގައި ޕާކްކޮށްފައި ހުރި އުޅަނދުތައް މިއަދު މެންދުރު 14:00ގެ ކުރިން އެތަނުން ނަގަން ވެސް ފުލުހުން އިއްޔެ ވަނީ އެދިފައެވެ.

