ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި ލިބުނު މީހުން މިހާރު ދިރިއުޅޭ ތަންތަން ދޫކޮށްލަންޖެހޭ މުއްދަތު ހަމަވާއިރު، ބިންތައް ތަރައްގީނުކުރާތީ ޕެޓިޝަނެއް!

ގުޅީފަޅު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުން ދިރިއުޅޭ ތަންތަން ދޫކޮށްލަންޖެހޭ މުއްދަތު ހަމަވާއިރު، ބިންތައް ތަރައްގީކުރުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް، ގުޅީފަޅުން ގޯތި ލިބުނު ރައްޔިތުންތަކެއް ޕެޓިޝަނެއް ފަށައި ސޮއިކުރަން ފަށައިފިއެވެ.

އެ ޕެޓިޝަނުގައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދީފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ތަކުރާރުކޮށް ލަސްވަމުންދާއިރު ނަރުދަމާ މަގުހެދުން ކަރަންޓު އަދި ފެނުގެ ނިޒާމު ފަދަ އަސާސީ އިންފްރާސްޓްރަކްޗަރަށް ބޭނުންވާ ބަޖެޓު އެކަށީގެންވާ ގޮތެއްގައި ހަމަޖެހިފައިނުވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމަކީ ހަމައެކަނި އިމާރާތްތަކެއް ބިނާކުރުމެއް ނޫން ކަމަށާއި އާއިލާތަކަށް ބޭނުންވަނީ ރައްކާތެރިކަމާއި ކަރާމާތްތެރިކަމާއެކު ދިރިއުޅެވޭނެ ފަދަ އަސާސީ ހިދުމަތްތައް ފުރިހަމަވެފައިވާ މުޖުތަމައެއް ކަމަށް އެ ޕެޓިޝަނުގައިވެއެވެ.

ޕެޓިޝަނުގައިވާ ގޮތުން، އެ މައްސަލަ އިތުރަށް ސީރިއަސް ވަނީ މާލޭގައި މިހާރު ދިރިއުޅެމުންދާ ތަންތަން ފަސް އަހަރު ދުވަހުގެ ތެރޭގައި ދޫކޮށްލުމަށް ގިނަ ރައްޔިތުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާތީއެވެ. އެ މުއްދަތު ހަމަވާން ބާކީ އޮތީ އެންމެ ދެ އަހަރު ކަމަށްވާއިރު އެ މުއްދަތު ހަމަވުމުން ދެން ދިރިއުޅޭނީ ކޮންތަނަކުތޯ އާއިލާތަކުން ސުވާލު އުފައްދާ ކަމަށް ޕެޓިޝަނުގައިވެއެވެ.

އެކަމުގެ އަސަރު ގާތްގަނޑަކަށް 9,001 އާއިލާއަކަށް ކުރާ ކަމަށާއި އެއީ ހަމައެކަނި ލިޔެކިޔުމެއްގައިވާ ހިސާބު އަކުރުތަކެއް ނޫންކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެއީ ދިރިއުޅޭނެ ތަނަކާ މެދު ޔަގީންކަމާއި ރައްކާތެރިކަން ބޭނުންވާ މައިންބަފައިންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭ އާއިލާތައްކަން ފާހަގަކޮށްފައިވެއެވެ.

ފަސް އަހަރުގެ މުއްދަތު ހަމަވާއިރު، ބަދަލުވާނެ ގެދޮރެއް ނެތި އެތައް ހާސް އާއިލާއެއް ހާލުގައި ޖެހިދާނެކަމުގެ ބިރުވެރިކަން އެބަ އޮތް ކަމަށާއި އެހެންކަމުން އެކަމާ ގުޅޭގޮތުން ސާފު މައުލޫމާތުތަކެއް ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އެ ޕެޓިޝަންގައިވެއެވެ.

”ކަންބޮޑުވުމަކީ މިހާރު ހަމައެކަނި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ލަސްވުމުގެ މައްސަލައެއް ނޫނެވެ. މިއީ ފަސް އަހަރުގެ މުއްދަތު ހަމަވާއިރު ބަދަލުވާނެ ގެދޮރެއް ނެތި އެތައް ހާސް އާއިލާއެއް ހާލުގައި ޖެހިދާނެ ކަމުގެ ބިރުވެރިކަމެވެ. އެހެންކަމުން މިކަމާ ގުޅޭގޮތުން ސާފު މައުލޫމާތުތަކެއް ފޯރުކޮށްދޭން ޖެހެއެވެ. ބައެއް ގޯތި ދީފައިވަނީ އަމިއްލަ މީހުންގެ ގުދަން ހުރި ބިމުގައެވެ.“

އެ ޕެޓިޝަނުގައި ހުށަހަޅާފައިވާ ހައްލުތައް:

  • 2027ގެ ބަޖަޓުން ބިންވެރިޔާ ސްކީމަށް އަހައްމިއްޔަތުކަން ދިނުން
  • އަމިއްލަ މީހުންގެ ގުދަންތައް ހުސްކުރާނެ ޕްލޭނެއް އަދި މުއްދަތެއް ލިބުން
  • މިހާރުން މިހާރަށްވެސް ރައްޔިތުންނަށް ގޯތި ކަނޑާދީ ރިއަލިސްޓިކް ޓައިމްލައިނެއް ދީ ރައްޔިތުންގެ އިތުބާރު ހޯދުން
  • 3 މަސް ދުވަސް ތެރޭ ރައްޔިތުންނަށް ގޯތި ހަވާލުކުރުން
  • 2 އަހަރު ދުވަސް ތެރޭ ރައްޔިތުން މަގުމަތިވާނެތީ ކުއްލި ހާލަތެއް ކަމަށް ބަލައި ހައްލު ހޯދަދިނުން

ގުޅީފަޅުން ގޯތި ލިބުނު ރައްޔިތުންތަކެއް އެކުވެގެން މި މަހުގެ 17 ވަނަ ދުވަހު މަޖިލީހުގެ އީޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ސޮއިކުރަން ފަށާފައިވާ އެ ޕެޓިޝަނަށް މިހާތަނަށް 237 ސޮއި ހަމަވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: