ވ. ފުލިދޫގައި ބޭއްވި މޫދު ކުލާހެއްގައި ނޭވާލާން އުނދަގޫވެގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އަންހެނަކު މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، މި މަހުގެ 22 ވަނަ ދުވަހު 16:30 އެހައިކަންހާއިރު، ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ވޯޓަރ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ މީހަކު ނޭވާލާން އުނދަގޫވާކަމަށް ބުނުމުން ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.
ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް، 18:14 އެހައިކަންހާއިރު އެ މީހާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.
އެ ހާދިސާގައި މަރުވެފައިވަނީ، ބ. ކުޑަރިކިލު، ރޮކެޓް، ޢާއިޝަތު އާތިފާއެވެ. އޭނާ މަރުވިއިރު އުމުރަކީ 39 އަހަރެވެ.
ނިޔާވި މީހާގެ ހަށިގަނޑު މާލެ، އައިޖީއެމް ހޮސްޕިޓަލަށް ގެނެސް މެޑިކަލް އެގްޒެމިނޭޝަންއެއް ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން މައުލޫމާތުދިނެވެ.

