ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންމައިންގެ ދުވަހެވެ! ކުޑަކުދިންގެ ދުވަހެވެ! އެހެނަސް މިއަދަކީ އެއަށްވުރެ މާ މުހިންމު ދުވަހެކެވެ.

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދަކީ ކުޑަކުދިންގެ ދުވަހެވެ. މައިންގެ ދުވަހެވެ. މައިންނާއި، ކުޑަކުދިންގެ ވާހަކަ ސޯޝަލް މީޑިއާގެ އެކިއެކި މަންސަތަކުގައި މިއަދު ދައްކައިފިއެވެ. ތަހުނިޔާތަކާއި ހެޔޮއެދުންތައް ފޮނުވައިފީމު ދޮގެއްތޯއެވެ. އެހެނަސް މިއަދަކީ، ވަރަށް ވެސް މުހިންމު ދުވަހެކެވެ. ހަމައެކަނި މައިންގެ ދުވަހަށް، ކުޑަކުދިންގެ ދުވަހަށް ވެގެންނެއްނޫން އިނގޭތޯއެވެ. 

އެއްވެސް ޝައްކެއްނެތް ގޮތުގައި މިއަދަކީ، ޙައްޤާއި ބާޠިލު ވަކިކުރެވުނު ދުވަހެވެ. އިސްލާމީ އުންމަތަށް މަތިވެރި ނަޞްރަކުން ނަޞްރު ލިބުނު ދުވަހެވެ. އިސްލާމްދީނުގެ އަސާސްތަކަށް ގަދަކަން ލިބިގެންދިޔަ ދުވަހެވެ. އިސްލާމްކަމާއި ކާފަރުކަމާއި ދެމެދުގައި ހުރި ފަރަޤު ބަޔާންވެގެންދިޔަ ދުވަހެވެ. އިސްލާމީ ލަޝްކަރު ވަރުބަލިކަމެއްނެތި، ﷲ ގެ މަގުގައި ޖިހާދުކުރަމުންދިޔަ ދުވަހެވެ. މަލާއިކަތުންގެ ލަޝްކަރު ބަދުރުގެ ބިމަށް ފައިބާވަޑައިގެން، މައްކާގެ ކާފަރުންގެ ލަޝްކަރު ބަލިކުރެއްވިދުވަސް ވެސް މެއެވެ. އާދޭހެވެ. އިސްލާމްދީނުގެ އެންމެ ފުރަތަމަ ހަނގުރާމަކަމަށްވާ ބަދުރު ހަނގުރާމަ ހިނގި ދުވަހެވެ.

ބަދުރު ހަނގުރާމަކުރެވުނީ، ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުގައެވެ.   

މި ހަނގުރާމައަށް، ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަޞައްލަމްގެ އަރިހުގައި، ނިކުމެވަޑައިގަތީ 313 ނުވަތަ 314 ނުވަތަ 317 ބޭކަލުންނެވެ.  އެއީ މުހާޖިރުންގެތެރެއިން 82 ނުވަތަ 83 ނުވަތަ 86 ބޭކަލުންނެވެ. މީގެ އިތުރުން، އައުސް ވަންހައިގެ 61 ބޭކަލުންނާއި،  ޚަޒްރަޖު ވަންހައިގެ 170 ބޭކަލުންނެވެ.

މި ހަނގުރާމައަށް މުސްލިމުންގެ ނިކުމެވަޑައިގަތީ، މާ ގިނަ އާލާތްތަކެއް، ސަވާރީތަކެއް ހުރެގެންނޫނެވެ. ލަޝްކަރުގައި އޮތީ، ދެތިން އަސް އޮތްކަމަށްވެއެވެ. ހަމައެހެންމެ  70 ޖަމަލު އޮތެވެ. ޖަމަލެއްގައި ތިއްބެވީ ދެ ބޭކަލުން ނުވަތަ ތިން ބޭކަލުންގެ މަގުންނެވެ.

މުޝްރިކުންގެ ލަޝްކަރޭތޯއެވެ. މި ލަޝްކަރުގެ ބޮޑު މިނަކީ ހަނގުރާމައަށް ދަތުރު ފެށިއިރު، ގާތްގަނޑަކަށް ހާހެއްހައި ހަނގުރާމަވެރިންނެވެ.  އެ މީހުންނާއި އެކުގައި 100 އަހާއި، ހަނގުރާމަ މަތީ ބޭނުންކުރާ 600 ހެދުން އޮތެވެ. ގިނަ ޢަދަދަކަށް ޖަމަލު ވެސް ހުއްޓެވެ. އިސްވެރިއަކަށް ހުރީ، ތިޔަ ބޭފުޅުން ވެސް ދެނެވަޑައިގަންނަވާނެ ފަދައިން، ﷲ އާއި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ޢަދުއްވު އަބޫ ޖަހުލެވެ. 

ޒަމާނުއްސުރެ ބަނީ ބަކުރު ޤަބީލާއާއި ޤުރައިޝުންނާއި، ދެމެދު ދުޝްމަނު ކަމެއްއޮވެއެވެ. އެހެންކަމުން މުޝްރިކުންގެ ހިތުގައި ބިރުވެރިކަންއޮތެވެ.  އެހެންނަމަވެސް  އިބިލީސްއެވެ ކިޔުނު ކަލޭގެ، ސުރާޤަތު ބިން މާލިކްގެ ސިފަ ޖެހިގެން އައިސް ނުރައްކަލެއް ނުވާނެ ކަމުގެ ޔަޤީންކަން މުޝްރިކުންނަށް ދިނެވެ.

މުޝްރިކުންގެ ލަޝްކަރު ބަދުރާ ދިމާއަށް މިސްރާބު ޖަހަމުންދެއެވެ.  ނަމަވެސް އަލްޖުޙްފާއާއި، ހަމައަށް ދެވުނު ތަނާ، ޤާފިލާ ސަލާމަތް ވެއްޖެ ކަމަށާއި،  އެނބުރި މައްކާއަށް ދިއުމަށް، އަބޫ ސުފްޔާނުގެ ސިޓީއެއް ލިބުނެވެ.

މި ގޮތުން، މުޝްރިކުންގެ ލަޝްކަރުގެ މީހުން އެނބުރި މައްކާއަށް ދިއުމަށް ބޭނުންވިއެވެ.  އެހެންނަމަވެސް، މި ގޮތަކީ އަބޫޖަހުލަށް ކަމުދާ ގޮތަކަށް ނުވިއެވެ. އެ ނުބައިކަލޭގެ ބޭނުންވީ، ކިބުރުވެރިކަމާއި ބޮޑާކަން ދައްކާފައި އެނބުރި މައްކާއަށް ދިއުމަށެވެ. މިހާ ހިސާބުން އަބޫޖަހުލު ބުނަނީ ކީކޭތޯ ބައްލަވާލައްވަމާ  ހިންގަވާށެވެ.

ބަދުރާއި ހަމައަށް ދެވުމުގެކުރިން އަހަރެން އެނބުރި ނުދާނެކަމަށް ހުވާކުރަން. ބަދުރުގައި ތިންދުވަސް ފާއިތުވަންދެން މަޑު ކޮށްފައި، ޖަމަލު ކަތިލައިގެން ކައި، ރާ ބޮއެ، މިއުޒިކު ކުޅެ ހަދާނީ. އެހެންހެދުމުން އެހެން ޢަރަބިންނަށް ވެސް، އަހަރެމެން ބަދުރަށް ހަނގުރާމަ ކުރަން އައި ކަމާއި، އަހަރެމެންގެ ބާރުގަދަކަން އިޙްސާސް ކުރެވޭނެ. އަހަރެމެން ދެކެ ފަސްޖެހި ބިރުގަންނަ ގޮތްވާނެ“ އަބޫޖަހުލު

އަބޫ ޖަހުލު މިހެން ބުނުމުން ވެސް އަޚްނަސް ބިން ޝަރީޤް އާއި، އޭނާއާއެކު ނިކުތް ބަނީ ޒަހްރާ ޤަބީލާގެ މީހުންނާއިގެން، އެނބުރި މައްކާއަށް ހިނގައްޖެއެވެ. މި ގޮތުން ވެސް، އަބޫ ޖަހުލުގެ ގޮތަށް ބަދަލެއް ގެނައުމެއްނެތި ބަދުރާއި ހިސާބަށް ދިޔައެވެ. 

 ބަދުރުގައި މުޝްރިކުން އެތައް ވޭނެއް އުފުލުމަށްފަހު، ހަނގުރާމަ ފެށުނެވެ. ހަނގުރާމައިގެ މައިދާނަށް މޭފުއްޕާފައި ފުރަތަމަ ނިކުތީ، މުޝްރިުންގެ ލަޝްކަރުގެ އަސްވަދު ބިން ޢަބްދުލް އަސަދު އަލްމަޚްޒޫމީއެވެ. މި ގޮތަށް މޭފުއްޕާފައި ނިކުތުމުގެ އާޚިރު ނަތީޖާއަކަށްވީ، އިސްލާމީ ލަޝްކަރުގެ ބަޠަލު، އާދެ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ބޮޑުބޭބޭފުޅު ޙަމްޒާ ބިން ޢަބްދުލް މުއްޠަލިބް ނިކުމެވަޑައިގެން ޖެއްސެވި އެތިފަހަރަކުން، އޭނާގެ ފައި ބުރިކޮށްލުމެވެ. ހަމައެއާއެކު ދެވަނަ ހަމާލާއެއް ދެއްވައި ޖައްސަވާ އޭނާގެ ވަސް ފޮހެލެއްވިއެވެ.

 ދެން ނިކުތީ، މުޝްރިކުންގެ ލަޝްކަރުގެ އެންމެ މޮޅު ތިން އަސްވާރުންނެވެ. އެއް ޢާއިލާއެއްގެ ތިން މީހުންކަމަށްވާ، ޢަތަބާ އާއި، އޭނާގެ ބޭބެ ޝައިބާ އާއި، ވަލީދު ބިން ޢަތަބާއެވެ. 

 މުސްލިމުންގެ ލަޝްކަރުން، އެ މީހުންނާާއި ކުރިމަތިލައްވަން ނިކުމެވަޑައިގަތީ، އަންޞާރީ ބޭކަލުންކަމުގައިވާ ޙާރިޘްގެ ދެ ދަރިން، ޢައުފްއާއި މުޢައްވިޛް އެވެ. އޭގެ އިތުރުން، ޢަބްދުﷲ ބިން ރަވާޙާއެވެ. އެހެންނަމަވެސް މުޝްރިކުންގެ ލަޝްކަރުގެ ތިން މީހުން ބޭނުންވީ، އެބައި މީހުންގެ ބޮޑުބޭބެގެ ދަރިންނާއި ކުރިމަތިލާށެވެ. މި ގޮތުން އެހެންވެ އެ މީހުންނާއި ކުރިމަތިލައްވަން ނިކުމެވަޑައިގަތީ، ޢުބައިދާ ބިން އަލްޙާރިޘް ރަޟިޔަﷲ އަންހުއާއި، ޙަމްޒާ ބިން ޢަބްދުލްމުއްޠަލިބް ރަޟިޔަﷲ އަންހުއާއި، ޢަލީ ބިން އަބީޠާލިބް ރަޟިޔަﷲ އަންހުއެވެ.

 މި ގޮތުން، ޢުބައިދާ ކުރިމަތިލެއްވީ، ޢަތަބާ ބިން ރަބީޢާއެވެ. ޙަމްޒާ ކުރިމަތިލެއްވީ ޝައިބާއާއެވެ. ޢަލީ ކުރިމަތިލެއްވީ ވަލީދުއާއެވެ. ޙަމްޒާއާއި ޢަލީ ވަރަށް ފަސޭހަކަމާއެކު ޝައިބާއާއި ވަލީދުގެ ވަސް ފޮހެލިއެވެ. އެހެންނަމަވެސް ޢުބައިދާއާއި، ޢަތަބާއާއި ދެމެދުގައި ހިނގި ކުރިމަތިލުމުގައި ޢުބައިދާގެ ފައިބުރިވިއެވެ. އެ ވަގުތު ޢަލީއާއި ޙަމްޒާއާއި ދެބޭކަލުން ޢަތަބާގެ ވަސް ފޮހެލެއްވިއެވެ.

 މިހިސާބުން ހަނގުރާމައިގެ މައިދާން ކެކިގެންދިޔައެވެ. މުޝްރިކުން ނިކުމެ ހަނގުރާމަކުރަން ފެއްޓިއެވެ. އެހެނަސް އިސްލާމުންގެ ލަޝްކަރު ސާބިތުކަމާއި، ކެތްތެރިކަމާއެކު ހަނގުރާމަ ކުރަމުން ދިޔައެވެ. 

 މީގެ އިތުރުން، ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް، އެ ވަގުތުގައި ވެރި ރައްބަށް ދުޢާ ދަންނަވަމުން ގެންދެވިއެވެ. އެ ހިނދު މާތް، މަދަދެއްގެ ގޮތުގައި ހަނގުރާމައަށް މަލާއިކަތުން ފޮނުއްވެވިއެވެ.

 ހަނގުރާމައިގެ މައިދާން ހޫނުކަމާއެކު ކުރިއަށްދެެއެވެ. މުޝްރިކުން ބަލިވެގެންދާ މަންޒަރު ފެނިގެންދިޔައެވެ. ނަމަވެސް އެއްކަލަ އަބޫ ޖަހުލުގެ ހިތްވަރުއައުކޮށް، މުޝްރިކުންގެ ލަޝްކަރަށް ހިތްވަރު ދިނުމުގެ ގޮތުން ޒާތްޒާތުގެ ފަތިވަރުތައް ދަމައެވެ. އެހެނަސް އަބޫޖަހުލުގެ މި ބަސްތައް ވަޔަށް ބުރައިގެންދިޔަ ކުނޑިތަކެއްފަދައެވެ. މުޝްރިކުންނަށް އޭގެ އަސަރެއް ނުކުރިއެވެ. އެހެނީ، އޭރު މުޝްރިކުންގެ ލަޝްކަރުވަނީ ނެގިމަޑުވެ ރަމަތަވެފައެވެ. އެންމެފަހުން އަންޞާރީ ދެ ޒުވާނުން ގޮސް އަބޫޖަހުލަށް ފިލާވަޅެއްދެއްވައި ހިރިނުލެވޭވަރުކޮށްލިއެވެ. މި ހާލުގައި އަބޫ ޖަހުލު އޮއްވައި، އިބްނު މަސްޢޫދު ރަޟިޔަﷲ އަންހު، އޭނާގެ ފުރާނަ ދުއްވައިލެއްވިއެވެ. އެންމެ ފަހުން މުޝްރިކުންގެ ލަޝްކަރު ވެސް ބައިބައިވެ ފަރާތްފަރާތަށް ފިލައި ރައްކާވެއްޖައޫއެވެ.

 ބަދުރު ހަނގުރާމަ ނިމުނީ މުޝްރިކުން ބަލިވެ އިނދަޖެހިގެންނެވެ. އަދި ކީއްތަ، އިސްލާމުންނަށް  މަތިވެރި ނަޞްރެއް ލިބިގެންނެވެ. މި ހަނގުރާމައިގައި، މުސްލިމުންގެ ތެރެއިން ޝަހީދުވީ 14 ބޭކަލެކެވެ. އޭގެތެރޭގައި ހިމެނެނީ، މުހާޖިރުންގެ 6 ބޭކަލުންނާއި، އަންޞާރީންގެ 8 ބޭކަލެކެވެ.

 މީގެ އިތުރުން، މުޝްރިކުންގެ ތެރެއިން މަރުވީ 70 މީހުންނެވެ. ހަމައެހެންމެ 70 މީހުން އަސީރު ކުރެވުނެވެ. އޭގެތެރޭގައި ހިމެނެނީ، ޤުރައިޝުންގެ ބޮޑުންގެ މީހުންނެވެ.

 ބަދުރު ހަނގުރާމައަކީ، އެތަކެއް ފިލާވަޅެއް ލިއްބައިދޭ ހަނގުރާމައެކެވެ. މި ހަނގުރާމައިން ދޭހަވެގެންދަނީ، ސަލާމަތްކަމާއި ރައްކާތެރިކަން ލިބެންއޮތީ ވަރުގަދަ އަޤީދާއެއްގެ ސަބަބުންކަމެވެ. މި ހަނގުރާމައިގައި ބައްޕައާއި ދަރިން، ބޭބެއިންނާއި ކޮއްކޮއިން، ހަނގުރާމައިގެ މައިދާނުގައި ދެ ލަޝްކަރުގެ ފަރާތުން ނިކުމެ ކަނޑި އުފުލައިލިއެވެ. ނަމަވެސް، އެ މައިދާނުގައި ތިމާގެކަމަށްވުރެ އިސްވެފައިއޮތީ، އިސްލާމްދީނާއި އެމީހެއްގެ ނަފުސާއި ދެމެދުގައި އޮތް ގާތްތިމާގެކަމެވެ. އެހެން ބީދައަކުން ދަންނަވާނަމަ، އިސްލާމުންގެ ލަޝްކަރަށް މުހިންމުވީ އިސްލާމްދީނެވެ. ސާފު އަޤީދާއެވެ. ﷲ ގެ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްއެވެ. މުސްލިމުންނެވެ. ސުވަރުގެއެވެ. އަދި ކީއްތަ، ދުނިޔެއެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: