އިންޑިއާގެ ނުވަ ސިޓީއެއްގައި ތިބި 200 ދިވެހިން މާދަމާގެ ވަގުތެއްގައި ރާއްޖެއަށް ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ދިވެހިން ރާއްޖެ ގެނައުމާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ފޮރިން މިނިސްޓްރީއިން ބުނެފައި ވަނީ، މާދަމާ އަންނާނީ އިންޑިއާގެ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު އާއި ޗެންނާއީ އަދި ޓްރިވެންޑްރަމްގެ އިތުރުން ކޮޗިންއިންގައި ތިބި ދިވެހިން ކަމަށެވެ. އަދި އެއީ ޗާޓަރު ފްލައިޓެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ފްލައިޓް ދިއްލީގެ އިތުރުން ޓްރިވެންޓްރަމްގައި ޓްރާންސިޓް ކުރާނެއެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ދެ ސިޓީ ނޫން އެހެން ސިޓީތަކުގައި ތިބި ދިވެހިން، ފްލައިޓް ޖައްސާ ސިޓީތަކަށް ގެންދިޔުމުގައި ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މި ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓްތައް ކެންސަލްވުމުން ނާދެވި ތިބި މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ މީހުންނާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން ގެނެވޭނެއެވެ.
މި ފްލައިޓްގައި އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރެވޭނެ އެވެ.
ފްލައިޓުގައި ދިވެހިން ގެންނާނީ އެ މީހުންގެ އަމިއްލަ ހަރަދުގައި ނަގާ ޓިކެޓުތަކަށެވެ. މިނިސްޓްރީން ވަނީ އިންޑިއާގައި ރާއްޖެ އަންނަން ބޭނުންވެ ނާދެވިފައި ތިބި ދިވެހިން ތިބުމުން އިތުރު ފްލައިޓްތަކެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

