ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މިނިސްޓްރީގައި ރޯވިތާ އެއް އަހަރާއި ނުވަ މަސް: މީހެއްގެ އިހުމާލެއް ވޭތޯ މިހާތަނަށް ހޯދިފައެއް ނުވޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް އޮފީސްތައް ހިންގި ގްރީން ބިލްޑިންގްގައި ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް އެއްވެސް ބައެއްގެ އިހުމާލެއް ވާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިނުވާކަން ހާމަވެއްޖެއެވެ.

ޑިސެމްބަރު 12، 2024ގެ ހެނދުނު ހިނގި އެ އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް ހޯދައި، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެދިވަޑައިގެންފައިވާތީ، ފުލުހުން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ވީޑިއޯ ފުޓޭޖުތައް ވެސް އާންމުކޮށްފައެވެ.

އެ ހާދިސާގައި އެއްވެސް ބައެއްގެ އިހުމާލެއްވޭތޯ ”ސަންގު ޓީވީ“ން ސުވާލުކުރުމުން ފުލުހުންގެ މޭޖާ ކްރައިމް ޑިޕާޓްމެންޓުގެ ހެޑް އަބްދުﷲ ރަޝީދު ވިދާޅުވީ، ގްރީން ބިލްޑިންގްގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ތަހުގީގު ކުރިއަށްދާ ވަރަކަށް ބަލަމުން ގެންދާނެ ކަމަށެވެ.

”އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ އަޅުގަނޑުމެން ބަލާލަން އެނގޭތޯ ތަހުގީގުން،“ އަބްދުﷲ ރަޝީދު

އޭނާ ވިދާޅުވީ، ތަހުގީގު އެންމެ ފުރަތަމަ ބައްޓަންކުރަނީ އަލިފާން ރޯވި ސަބަބު ހޯދަން ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު ތަހުގީގުން އަލިފާން ރޯވި ކަމަށް ބެލެވެނީ ސީލިންގ ތެރޭގައާއި އެތެރޭގައި ހުރި ކަރަންޓު ވަޔަރުތައް އަދި އޭސީތަކުގައި ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ބޯ ދުމުގެ ސަބަބުން އަލިފާން ރޯވާން ދިމާވި ސީދާ ސަބަބު ދެނެގަތުމަށް އުނދަގޫތަކެއް ހުރި ކަމަށެވެ. އެހެންނަމަވެސް، އެ މައްސަލައިގައި އެއްވެސް ބައެއްގެ އިހުމާލެއް ވޭތޯ ބަލާނެކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

މި މައްސަލައާ ގުޅިގެން ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެ އިމާރާތުގައި ރޯކޮށްލީ ކަމަށާއި އެކަން ކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ގާތް ގުޅުމެއް އޮންނަ ބައެއް ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެކަމުގެ އަޑީގައި ތިބި މީހުން ފުލުހުންނަށް އެނގޭ ކަމަށާއި، ރައީސް މުއިއްޒާ ގުޅުން އޮތުމުން ތަހުގީގު ކުރިއަށް ނުދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އާންމު ރައްޔިތަކު ވިޔަސް އަދި ކޮންމެ މީހަކު ވިޔަސް މިކަމާއި ގުޅިގެން އުފައްދާ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ވެރިފައިކޮށް ޔަޤީންކުރާނެކަމަށެވެ. އެގޮތުން ރައީސް ޔާމީން ކުރައްވާފައިވާ ތުހުމަތުތަކާއި ގުޅިގެން އެމަނިކުފާނުގެ ބަހެއް ހޯދުމަށް މަސައްކަތްކުރިކަން ފުލުހުން ފާހަގަކުރެއްވިއެވެ.

ރައީސް ފޮނުއްވި ސިޓީގައި އެމަނިކުފާނު ބާއްވަވާ ޖަލްސާތަކުގައި ދައްކަވާ ވާހަކަތަކަކީ އާންމުންގެ ތެރޭގައި އާއި މީޑިއާތަކުގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން ދައްކަވާފައިވާ ވާހަކަތައް ކަމަށް ވިދާޅުވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޑިސެމްބަރު 12، 2024 ގައި ހިނގި އެ އަލިފާނުގެ ހާދިސާގެ ތަހުގީގަށް މިއަދާ ހަމައަށް އެއް އަހަރާއި ނުވަ މަހާއި 12 ދުވަސް ވަނީ ހޭދަވެފައެވެ. އެ އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ، އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން ދިޔަ ގްރީން ބިލްޑިންގް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: