އައްޑޫ ކޭސްއާއި ގުޅިގެން ވަރަށް ގިނަ ކަންތަކެއް ޔަގީން ކުރި ކަމަށާއި، އޭނާގެ ގައިގައި ބަލީގެ އަސަރެއް ނެތްކަން ޔަގީން ކުރެވިފައިވާ ކަމަށް ނޭޝަނަލް އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.
އައްޑޫގެ އީކުއޭޓާރ ހޮސްޕިޓަލުން މާލެ ގެނައި މީހެއްގެ ސާމްޕަލް ޕޮޒިޓިވް ކަމަށް ދެއްކީ އިއްޔެގެ ވަގުތެއްގައެވެ. އެއާއި އެކު އޭނާގެ ކޮންޓެކްޓް ޓްރޭސިން ފެށި، ބަލި އޭނާއާއި ހަމައަށް އަންނަންވީ ގޮތުގެ ތަހުގީގު ވެސް ފެށިއެވެ.
އަނަންތަރާ ރިސޯޓުގައި ވަޒީފާ އަދާ ކުރުމަށްފަހު، އައްޑޫއަށް އޭނާ ދިޔަތާ ދޮޅު މަސް ވެއްޖެއެވެ. ނަމަވެސް، ހުކުރު ދުވަހު އެ މީހާ އީކުއޭޓާރ ހޮސްޕިޓަލަށް ގެންދިޔައީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އެރޭ ދަންވަރު މާލެ ގެނައީ ޑޮކްޓަރުންގެ ލަފާގެ މަތީންނެވެ. އަދި އައިޖީއެމްއެޗަށް ގެނެސް ސާމްޕަލް ނެގީ އޮންނަ އުސޫލުގެ ދަށުންނެވެ. އެކަމަކު، އެ ސާމްޕަލް ޕޮޒިޓިވްކަމަށް ދެއްކީއެވެ.
މި ކޭސްއާއި ގުޅުގެން އޭނާގެ ދެވަނަ ސާމްޕަލްއެއް ނަގާ، އޭގެ ނަތީޖާ ލިބުނީ ރޭ ދަންވަރުއެވެ. އެ ސާމްޕަލްގެ ނަތީޖާ ނެގެޓިވްއެވެ. އަދި އޭނާ އަކީ ކޮވިޑު ހުރި މީހެއް ނޫންކަން ކަނޑައެޅިއެވެ.
މިފަދަ އެހެން ކޭސްއެއް މީގެ ކުރިން ވެސް ފާހަގަވެފައި ވެއެވެ. އުފެދިފައިވާ ބައެއް ކަންބޮޑުވުންތަކާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެންމެ ފުރަތަމަ ދިމާވީ ފޯލްސް ޕޮޒިޓިވްއެއް ކަމަށެވެ. އަދި މިހެން މެދުވެރިވަނީ ދެ ސަބަބަކާއި ގުޅިގެން ކަމުގައި ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ އެއީ ސާމްޕަލް ނެގުމުގައި ދިމާވީ ކަމެއް، ނުވަތަ ލެބޯޓްރީއިން އެ ސާމްޕަލް ޕްރޮސެސްވުމުގައި އެރި އޮޅުމަކަށް ވެދާނެ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، މިފަދަ ކޭސްތައް ފެންނަނީ ވަރަށް މަދު ފަހަރެއްގައި ކަމަށެވެ. އަދި ދެވަނަ ނަތީޖާއާއި އެކު އެއީ ނެގެޓިވްއެއްކަން ޔަގީންކޮށްފައިވާ ކަމަށެވެ.
”އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ކަށަވަރޭ ނެގެޓިވްކަން އޭނާ. ދެން ފުރަތަމަ ސާމްޕަލްގައި ފޯލްސް ޕޮޒިޓިވްވްއެއް ދެއްކުން، އިޓްސް ހެޕަންސް ރެއާލީ. ނަމަވެސް.“ އަފްޒަލް
އައްޑޫ ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންއަށް 26 މީހަކު ފާހަގަ ކުރިއެވެ. އަދި މުޅި އައްޑޫ ސިޓީ ލޮކްޑައުން ކުރިއެވެ. ނަމަވެސް މިހާރު ސިޓީ ވަނީ އާއްމު ހާލަތަކަށް ގެނެވިފައެވެ.

