ބިދޭސީން ދިރިއުޅެމުން އަންނަ ގެތަކުގެ ތެރެއިން، އިތުރު ފަސް ތަނެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ނޭޝަނަލް އޮޕަރޭޝަންސް ސެންޓާރ (އެންއީސޯސީ) އިން ހާމަކޮށްފިއެވެ.
މާލޭން އެންމެ ފުރަތަމަ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހު ބައްޔަށް ޕޮޒިޓިވް ވާ މީހުން ދުވަހުން ދުވަހަށް އިތުރުވަމުން ގޮސް އެ އަދަދު މިހާރު ވަނީ 835 އަށް އަރާފައެވެ.
އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެފައިވަނީ، މިވަގުތު އެންމެ ގިނައިން ބައްޔަށް ޕޮޒިޓިވްވަމުން ދަނީ ބިދޭސީން ކަމަށެވެ. އަދި ކޭސްތަކުގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ ހާލަތު ދަށްކަމަށް ފާހަގަކުރެވި، ބަލީގެ ނުރައްކާ ބޮޑެވެދާނެތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ހުރި ގެތަކުން ފެނުނު ކޭސްތައް ކަމަށެވެ.
އެގޮތުން މީގެ ކުރިން 28 ތަނެއް ހުރީ މޮނީޓަރިންގެ ހާލަތުގައެވެ. އެ ހުރިހާ ގެއެއްގައި 800 އަށް ވުރެ ގިނަ މީހުން އުޅޭއިރު އެންމެންގެ ވެސް ސާމްޕަލް ވަނީ ނަގާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އިތުރު ބައެއް ގެތަކެއް ވެސް މިހާރު މޮނީޓަރިންގެ ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ގެތަކުން ވަދެ ނިކުމެ އުޅުން މަނާވާނެ ކަމުގައި ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ، ހާލަތަށް ބެލުމަށްފަހު ބަލި ފެތުރިދާނެ ކަމަށް ބަލާ މޮނީޓަރިންނަށް ގެނެސްފައިވާ ގެތަކުގެ އަދަދަކީ މިހާރު 33 ގެ ކަމަށެވެ. އަދި އިތުރު ބައެއް ގެތަކެއް ވެސް ކުރިޔަށް އޮތް ތަނުގައި އެ އުސޫލުގެ ދަށުން މޮނީޓަރިންއަށް ލެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ އެންމެވެސް ބައްޔަށް ޓެސްޓު ކުރަމުންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މި ގެތަކުގެ ސާމްޕަލް ނަގަނީ ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށެވެ.
މަބްރޫކް ވިދާޅުވީ ފަހުން މޮނީޓަރިންއަށް ގެނައި ގެތަކުން ސާމްޕަލް ނުނެގި ވަނީ ތިން ގެއަކުން ކަމަށެވެ.
މި ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ، މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފަރާތުންނެވެ. އަދި ތޮއްޖެހިގެން ގިނަ ބިދޭސީންތައް ދިރިއުޅޭތަންތަން މޮނީޓާރ ކުރަނީ ފުލުހުންނެވެ.
މާލޭގައި ކުޑަ ކޮޓަރިތަކުގައި އެތައް ބިދޭސީންނެއް ދިރިއުޅެއެވެ. އަދި އެތަންނުގައި އެކަށީގެންވާ ސާފުތާހިރުކަމެއް ނުހުންނައިރު، އެއީ އިންސާނުން ދިރިއުޅެންވެސް ހެޔޮވާވަރުގެ ތަންތަނެއް ނޫނެވެ. މީގެ ސަބަބުން ބަލި ނުރައްކާވާ މިންވަރަކަށް ބިދޭސީންގެ މެދުގައި ފެތުރިދާނެކަމަށް ބެލެވެއެވެ. އަދި އެކަމާއި ގުޅިގެން ބައެއް ބިދޭސީން ވަނީ ރަނގަޅު ތަންތަނަށް ވަގުތީގޮތުން ބަދަލު ކުރެވިފައެވެ. މިހާތަނަށް 1،500 އަށް ވުރެ ގިނަ ބިދޭސީން ގުޅިފަޅު އަދި ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ބައެއް ތަންތަނަށް މިހާރުވެސް ބަދަލުކުރެވިފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

