ސިނަމާލެ ބްރިޖު މަތިން ފުންމާލި ބިދޭސީ މީހާއަށް ނަފްސާނީ އެހީ ދިނުމަށް ފުލުހުންނަށް އަމުރުކޮށް އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބްރިޖު މަތިން ފުންމާލާފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. އޭނާ ސަލާމަތްކުރީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެ ސަރަހައްދަށް ގޮސްގެންނެވެ.
އެ ހާދިސާއަށް ފަހު އޭނާއަށް ފަރުވާދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވާ ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން އޭނާ ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެހެންނަމަވެސް، އެ ބަންދު އަމުރު މުރާޖައާކޮށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރެއް ނެރެފައެވެ. އެ އަމުރުގައި ފުލުހުންނަށް އަންގާފައިވަނީ ކަމާ ގުޅުންހުރި ފަރާތްތަކަށް ހުށަހަޅައިގެން އޭނާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށެވެ.
އޭގެ އިތުރުން، އޭނާ ރާއްޖެއިން ފުރުވާލުމަށް އިމިގްރޭޝަނާ ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ހުރަހެއް ނެތް ކަމަށް އެ އަމުރުގައިވެއެވެ.
އޭނާ ބަންދުކުރި ސަބަބުތަކުގެ ތެރޭގައި ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުމާއި، އޭނާއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ފަރާތަކަށް ވާނީ ދޫކޮށްލައިފިނަމަ ފިލައިފާނެ ކަމަށް ގަބޫލުކުރެވުން ހިމެނެއެވެ. ނަމަވެސް، އޭނާ ދޫކޮށްލި އަމުރުގައި ފާހަގަކޮށްފައިވަނީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް ހުށަހަހެޅިފައިނުވާތީ އަދި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތަތީ ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުން އެނގޭ ގޮތުގައި ފުލުހުން އޭނާގެ މައްޗަށް ކުރަނީ އަމިއްލަ ނަފްސަށް ގެއްލުންދޭން އުޅުނުކަމުގެ ތުހުމަތެވެ.

