ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް ނޭޝަނަލް އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.
މިރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ހަތަރު މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުން ދަނީ ޑީއެޗް11 ފެސިލިޓީގައި ކަމަށެވެ. އެތަނުން ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ. އެއީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. ޑީއެޗް11 ގައި ދެން ފަރުވާ ދެމުންދަނީ 44 އަހަރުގެ ޕާކިސްތާނު ފިރިހެނަކަށެވެ. ޑރ އަފްޒަލް ވިދާޅުވީ ޕާކިސްތާނު މީހާގެ ހާލު ސްޓޭބަލް ކަމަށެވެ.
ކޮވިޑުގެ ބޭނުމަށް، ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް ވަނީ ދޫކޮށްފައެވެ. އަދި އެތަނުގައި 11 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ 54 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކަށެވެ.

