ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އިތުރު މީހަކު ރަނގަޅުވެފައިވާ ކަމަށް ނޭޝަަނަލް އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.
މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަަޒީޒް ވިދާޅުވީ މިއަދު ބަލިން އެކަކު ރަނގަޅު ވެފައިވާ ކަމަށެވެ. ކޮވިޑް ބަލި ހުރި މީހެއް ބަލިން ރަނގަޅުވެފައިވާ ކަމަށް ކަނޑައަޅަނީ ދެ ސާމްޕަލް ނެގުމަށްފަހު ޑަބަލް ނެގެޓިވް ވުމުންނެވެ. އަދި އެ މީހެއްގެ ސާމްޕަލް ނަގާނީ، ފަރުވާއަށްފަހު ހުރިހާ އަލާމާތެއް ނެތި ދިއުމުންނެވެ.
ބަލިން ރަނގަޅުވެފައި ވަނީ ކޭސް 95 އެވެ. މިއީ މާލޭގައި އެންމެ ފުރަތަމަ ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނޭ ކޭސްއެކެވެ. މިއާއެކު ރާއްޖެއިން ބަލިން ރަނަގަޅުވި މީހުންގެ އަދަދު ވަނީ 31 އަށް އަރައިފައެވެ.
ކޭސްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިއަދު ފެނުނު ކޭސްތަކުގެ ތެރޭގައި ފަސް އަހަރުގެ ކުޑަ ކުއްޖެއް ހިމެނޭ ކަމަށެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު 27 ކޭސްއެއް ފެނިފައިވާއިރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މިހާތަނަށް 331 އާ ކޮންޓެކްޓެއް ފާހަގަކުރެވިފައިވާ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 285 ދިވެހިންނާއި 577 ބިދޭސިންނާއެކު ޖުމްލަ 862 މީހުންނެވެ. މީގެ ތެރެއިން 826 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

