އޮމަދޫން ފުރައިގެން ދާން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އޮމަދޫ ކައުންސިލާއި، ކޮރޯނާ ވައިރަހުގެ ކަންކަމުގައި ހަރަކާތްތެރިވާ އެ ރަށުގެ ޓާސްކްފޯސްގެ އެއްވެސް ހުއްދައެއް ނެތި ރަށުން ފުރައިގެންދާން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އަދި އޮމަދޫ ކައުންސިލާއި، އެ ރަށުގެ ޓާސްކް ފޯހުން، އަނގަބަހުންނާއި، ލިޔުމުގެ ޒަރީޢާއިން އޭނާއަށް ނަސޭހަތްތެރިވުމުން ވެސް، އެ ކަން ޤަބޫލުނުކޮށް
އޮމަދޫ ކައުންސިލާއި، ޓާސްކްފޯހުގެ މަސައްކަތަށް ހުރަސްއަޅާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ބުދަވިލޭރޭ 21:15 ގައި ހައްޔަރުކުރި، އުމުރުން 28 އަހަރުގެ ދިވެހި މީހާ މިހާރުވަނީ، ހައްޔަރުކޮށްފައެވެ.
އަދި މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އެއް ރަށުން އަނެއް ރަށަށް ދިއުންވަނީ މަނާކޮށްފައެވެ. ނަމަވެސް، މި އަމުރާއި ޚިލާފުވި އެތައް ބަޔަކު މީގެ ކުރިން ވެސްވަނީ ހައްޔަރުކޮށްފައެވެ.

