މަސްތުވާތަކެއްޗާއެކު ފ.ފީއަލިން މީހަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފ.ފީއަލިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ، ފ. ފީއަލި ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންކަމަށް ޕޮލިސް ސަރވިސްއިން ބުނެއެވެ.
ފުލުހުން ހާމަކުރިގޮތުގައި، މަސްތުވާތަކެތި ގެންގުޅުމާއި، އެ ތަކެތި ބޭނުންކުރާކަމަށް، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން، މި މަހުގެ 11 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ، އުމުރުން 34 އަހަރުގެ ދިވެއްސެކެވެ.
މި ގޮތުން، އޭނާ ހައްޔަރުކޮށް ބެލި ބެލުމުގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 09 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ، ނިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންކަމަށެވެ.
ފ.ފީއަލިން މި މީހާ ހައްޔަރުކޮށްފައިވާއިރު، އދ. ދަނގެތި ޕޮލިސް ސްޓޭޝަނާއި، ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ދަނގެއްޗަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ވެސް ވަނީ، މި މަހުގެ 07 ވަނަ ދުވަހުގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

