ކޮވިޑް-19 އާއި ގުޅިގެން ދައުލަތް ހިންގުމަށް ބޭނުންވާ ފައިސާ އެބަ ހުރި ކަމަށާއި ޕެންޝަން ފަންޑުން ހޭދަ ކުރާކަށް ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ބިލު ދެވަނަ ފަހަރަށް ވެސް ބަލައިނުގަނެ އެޖެންޑާ ނުކުރުމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ކަންބޮޑުވުން ފާޅު ކުރެއްވުން، ނަޝީދު ވިދާޅުވީ، މި ހާލަތުގައި ސިއްހީ ހިދުމަތްތައް ދިނުމަށާއި ދައުލަތް ހިންގުމަށް ސަރުކާރުގައި ފައިސާ އެބަހުރި ކަމަށެވެ.
ނަޝީދު ވިދާޅުވީ އިދިކޮޅު ވާދަވެރި ސިޔާސީ ޕާޓީތައް ބައިވެރިކޮށް ނުކޮށް އެމަނިކުފާނު ރިޔާސަތުގައި އިންނަވާ މަޖިލީހެއްގައި ކަންކަން ކުރިއަށް ނުގެންދަވާނެ ކަމަށެވެ. އަދި ސައީދުގެ ބިލު ބަލައިނުގަނެވުނީ އެއީ ފައިސާގެ ބިލަކަށް ވާތީ މަޖިލީހުގެ ގަވާއިދު އެ ކަމަށް ތަން ނުދޭތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަރަށް ފަހުން މަޖިލީހުން ފާސްކޮށް އެމްއެމްއޭ މެދުވެރިކޮށް އިތުރު ފައިސާ ދައުރު ކުރަން ނެރެފައިވާ ކަމަށާއި ބޭރުން ލިބޭ އެހީތަކުގެ ތެރެއިން ވެސް ސަރުކާރަށް ފައިސާ ލިބެމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”އިއްޒަތްތެރި މެމްބަރަށްވެސް އެނގިވަޑައިގަންނަވާނެ އެ ފައިސާ އެބަހުރިކަން، އަޅުގަނޑުމެން ވާނީ މަނީ ސަޕްލައި އިތުރުކޮށްގެން ފައިސާ އުފައްދާފައި، ޕެންޝަން ފަންޑުގައި އަތްލާކަށް ނުޖެހޭނެ، ގައުމެއްގެ ޕެންޝަން ފަންޑުގައި އަތްލީމަ އެ ގައުމެއްގެ މާޒީ އެކީގައި ދިޔައީ. އެމްޑީޕީގެ މެނިފެސްޓޯއެއްގެ ދަށުން ހިނގާ ސަރުކާރަކުން ޕެންޝަން ފަންޑަށް މިފަދަ ގޮތެއް ހެދުމަށް އެއްބަސްވުން އެއީ ވަރަށް ދަތިކެއް“ ރައީސް ނަޝީދު
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސް ކޮށްފައިވާ އާ ގަވާއިދުގައިވާ ގޮތުން، ސަރުކާރުގެ އާމްދަނީއާއި ހަރަދާއި ފައިސާއާ ގުޅުން ހުރި މައްސަލަތަކާއި ބިލުތައް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަންޏެވެ. އެ ގޮތަށް ހުށަހަޅާނީ ސަރުކާރު ހިންގާ ޕާޓީއެއްގެ މެންބަރެއް މެދުވެރިކޮށެވެ.
ސައީދު ވަނީ ”ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލު“ ގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅަން ދެ ފަހަރުމަތިން މަސައްކަތްކޮށްފައެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރު، އަދި ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަންވެސް ކުރެއްވި ސައީދު ވިދާޅުވީ ޕެންޝަން ފަންޑުގެ ބޭނުންޖެހިގެން އުޅެނީ އޭގެ ހައްގުވެރިން ކަމަށާއި އެއީ ވަޒީފާ ގެއްލި ނިކަމެތިވި އެތައްހާސް އާއިލާއެއް ކަމަށެވެ.
އެ ބިލްގައި މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކޮންމެ ދިވެއްސެއްގެ ޕެންޝަން ފަންޑަށް ޖަމާ ކޮށްފައިވާ ޖުމުލަ ފައިސާގެ ތިންބައިކުޅަ އެއްބައި އެ މީހަކަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޫކުރަން ހުށަހަޅާފައިވެއެވެ.

