މަސްތުވާތަކެއްޗާއެކު އދ.މަހިބަދޫން މީހަކު ހައްޔަރުކޮށްފިއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަހިބަދޫ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މަހިބަދޫން މީހަކު ހައްޔަރުކޮށްފައިވައިވާކަމަށެވެ.
އެ މީހާއަކީ 24 އަހަރުގެ ދިވެއްސެއްކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރަމުންދާކަމަށް، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ކަމަށް ވެސް ފުުލުހުން ބުނެއެވެ.
އަދި އޭނާ ހައްޔަރުކޮށްފައިވަނީ، މި މަހުގެ ބުދަވިލޭރޭގެ ވަގުތެއްގައި، ކޯޓު އަމުރެއްގެ ދަށުން، އެ މީހާ ދިރިއުޅޭ ގެއިންކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ގޮތުން އޭނާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރި ފާސްކުރުމުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ފަދަ އެއްޗެއް އަޅާފައިހުރި 36 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ހާމަކުރިގޮތުގައި، މި މައްސަލަ މިހާރު މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

