ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓު ހެކްކޮށް، ސަރުކާރަށް ފާޑުކިޔާ ޓްވީޓުތަކެއް ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ޓްވިޓާ ހޭންޑްލް ހެކްކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. އަދި ރޭ އެ އެކައުންޓު މެދުވެރިކޮށް ބޭއަދަބީ ބަހުން ޓްވީޓެއް ކުރި މައްސަލައެއް ފެންމަތިވިއެވެ. ބެލެވޭ ގޮތުން އެއީ، އެ އެކައުންޓު ހޭންޑްލް ކުރަމުން އަންނަ މިނިސްޓްރީގެ މުވައްޒަފަށް އެޮޅިގެން ކުރެވުނު ޓްވީޓެކެވެ. ރޭގެ އެ ޓްވީޓު ކުރިތާ މާގިނަ އިރުތަކެއް ނުވެ ޓްވީޓު ޑިލިޓް ކުރި ނަމަވެސް ސޯޝަލް މީޑިއާގައި އޭގެ ސްކްރީންޝޮޓްތަކެއް ދައުރުވިއެވެ.
މިރޭ ސަރުކާރަށް އަމާޒުކޮށް ފާޑުކިޔާފައިވާ ޓްވީޓުތަކެއް ކުރަން ފެށުމުން، ޓޫރިޒަމް މިނިސްޓްރީއިން ވަނީ އެ އެކައުންޓު ހެކްކޮށްފައިވާކަމަށް މީޑިއާތަކަށް މައުލޫމާތު ދީފައެވެ. އަދި ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތަކަށް ސުވާލު އުފައްދާފައި ވެއެވެ. އެގޮތުން ބައެއް ޓްވީޓުތަކުގައި ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށެވެ، އެހެން ނަމަވެސް ދިވެހި ސަރުކާރުން އެފަދަ އެހީތައް ރައްޔިތުންނަށް ފޯރުކޮށް ނުދޭންވީ ކީއްވެގެންތޯ ވަނީ ސުވާލު އުފައްދާފައެވެ.
މީގެ އިތުރުން ދައުލަތުގެ ވެރިންނާއި، މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކުގެ މައުލޫމާތު އެނގޭ ކަމަށް ވަނީ ބުނެފައި ވެއެވެ. އަދި ބޭރުގެ އެހީތައް ރާއްޖެއަށް އެކި ގޮތްގޮތުން ލިބެމުންދާއިރު އޭގެއިން ރައްޔިތުންނަށް ފައިދާއެއް ނުވާކަމަށް ބުނެ އެ އެހީތައް ދަނީ ކޮންތަނަކަށްތޯ ވަނީ ސުވާލު އުފައްދާފައެވެ. މި ތަކެއްޗަށް ވަމުންދާ ގޮތް ރައްޔިތުންނަށް އެނގެން ޖެހޭކަމަށް ޓްވީޓުތަކުގައި ވެއެވެ.
https://twitter.com/PoliceMv/status/1261021714261008384
މައްސަލަ ތަހުގީގު ކުރަން ފަށާ، މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓް ހެކްކޮށްފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މައްސަލަ ކުރިޔަށް ދާ ވަރަކުން މީޑިއާތަކާއި މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް ވަނީ ބުނެފައެވެ.
ފުލުހުން މައްސަލަ ބަލަން ފެށިއިރު، މިހާރު އެ ޓްވީޓުތައް ވަނީ ޑިލީޓްކޮށްފައެވެ.

ރާއްޖޭގައި ފެތުރެމުންދާ ކޮވިޑާއި ގުޅިގެން، ބައްޔާއި ދެކޮޅަށް ފްރަންޓް ލައިނުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނަށް އަމާޒުކޮށް ސައިބާ އެޓޭކުތަކެއް ދެމުންދާ މައްސަލައެއް ފުލުހުން ވަނީ މިރޭ ތަހުގީގު ކުރަން ފަށާފައެވެ. ފްރޮންޓްލައިންގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ސައިބަރ އެޓޭކް ކުރަމުންދާތީ، އެކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން ތަފާތު އެކި ފަހަރުމަތީން މި އެޓޭކުތައް ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން މެސެޖާއި ކޯލްސްއަށް ބޭނުން ކުރާ ޕްލެޓްފޯމެއްކަމަށް ވާ ވަޓްސްއެޕުން މެސެޖުތަކެއް ފޮނުވަމުންދާ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

