އެސްޓީއޯއިން އައްޑޫ ސިޓީ އަށް ގިނަ ޢަދަދެއްގެ ކާޑު ފޮނުވައިފިއެވެ.
އެސްޓީއޯ އިން ބުނީ، އައްޑޫ ސިޓީއަށް 5000 ބަސްތާގެ ކާޑު ފޮނުވާފައިވާނެކަމަށެވެ.
މި ގޮތުން މި ތަކެތި ބަރުކޮށްގެން އައްޑޫ ސިޓީއަށް ”އެމްވީ ތޫރި“ ބޯޓު މިއަދު ދަތުރު ފަށާފައިވާކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.
މީގެ އިތުރުން އެސްޓީއޯއިން ބުދަ ދުވަހު އެކަނި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދީފައިވެއެވެ.
މި ތަކެތި ބަރުކޮށްގެން 48 ބޯޓެއް ރާއްޖޭގެ އެކި ހިސާބުތަކަށް ފުރާފައިވެއެވެ.
މި ގޮތުން، އެސްޓީއޯއިން ރަށްރަށަށް ފޮނުވި ތަކެތީގެތެރޭގައި، 878 ބަސްތާ ހަނޑުލާއި، 344 ބަސްތާ ގޮދަން ފުށުގެ އިތުރުން، 255 ބަސްތާގެ ހަކުރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވާފައިވެއެވެ.
ކޮރޯނާ ވައިރަހާއި ގުޅިގެން، ރާއްޖޭގެ އެކި ހިސާބުތަކަށް ބޭނުންވާނެ ކާބޯތަކެއްޗާއި، ޒަރޫރީ ބާވަތްތައް، ފޯރުކޮށްދިނުމަށް އެސްޓީއޯ އިން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

