ބަންގްލަދޭޝްގެ ސަރުކާރާއި އެކު ކުރަމުންދާ މަޝްވަރާތަކާއި އެކު، ރާއްޖޭގައި ތިބި 500 ބަންގްލަދޭޝްގެ މީހަކު އެނބުރި ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށައިފިއެވެ.
500 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން އެނބުރި އެ މީހުންގެ ގައުމަށް ފޮނުވުމުގައި މަސައްކަތް ކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި އެ ގައުމުގެ ގައުމީ އެއާލައިން ބިމާން ބަންގްލަދޭޝް އެއާލައިންއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
ރާއްޖޭގައި ތިބި 1،500 އަށް ވުރެ ގިނަ ބަންގްލަދޭޝްގެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބަންގަލަދޭޝްގެ މީހުން އެމީހުންގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ. އެމަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްގެ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނީ އެ ގައުމުގެ ސަރުކާރާއި ވާހަކަ ދައްކައިގެން ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. ބައްޔަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 982 އަށް އަރާފައިވާއިރު އޭގެ ތެރޭގައި 524 ބަންގްލަދޭޝް ރައްޔިތުން ހިމެނެއެވެ.
ތޮއްޖެހިގެން ގިނަ އަދަދެއްގެ ބިދޭސީންތަކެއް މާލޭގެ އެކި ތަންތަނުގައި ދިރިއުޅޭއިރު އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ދިރިއުޅެން އެކަށީގެންވާ ވަރުގެ ފެސިލިޓީތަކަށް ބަދަލުކޮށްފައެވެ. އަދި އެއްތަނެއްގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ގެތަކުގެ ތެރެއިން ބަލި ފެތުރިފައި އޮވެދާނެ ކަމުގެ ނުރައްކަލަށް 33 ގެއެއް މޮނީޓަރިންގެ ހާލަތަކަށް ގެނައެވެ. އެ ހުރިހާ ގެއަކުން ވެސް ސާމްޕަލްތައް ނަގާފައިވާއިރު އެ ގެތަކުން ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވެސް ވެއެވެ.

