މިދިޔަ ހަފްތާގައި ބޭއްވި ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮރޯނާ ވައިރަހާއި ގުޅިގެން މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ހެލްތް މިނިސްޓަރުގެ ހައިސީއްޔަތުން އަބްދުﷲ އަމީން ކަންކަން ކުރައްވަމުން ގެންދަވަނީ ގާނޫނުގައި ބުނެފައިވާ ގޮތަށް ނޫން ކަމަށެވެ. ހާއްސަކޮށް މީހުން ކަރަންޓީން ކުރުމާއި، އައިސޮލޭޓް ކުރުމާއި، އަދި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް މީހުން ދަުރުކުރުން ހުއްޓުވުމާއި އެ ނޫން ވެސް ބައެއް ކަންކަން ކުރިއަށް ދަނީ ގާނޫނުގައި ބުނެފައިވާ ގޮތަށް ނޫން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވު ގޮތުގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން ކުރަން ޖެހޭ ބައެއް ކަންކަން ކުރަން ޖެހޭނީ ލާމަރުކަޒީ އުސޫލުން ކަމަށާއި އަދި ކަންކަން ކުރުމުގައި ހަދަން ޖެހޭ ގިނަ ގަވާއިދުތަކާއި އުސޫލްތައް މިނިސްޓަރ އަމީން ހަދާފައި ނުވާ ކަމަށާއި އަދި އެކަންކަން ވަގުތުން ވަގުތަށް ކުރުމަށް ރައީސް ނަޝީދު ވަނީ މިނިސްޓަރ އަމީން ގޮވާލައްވާފައެވެ. އެހެން ކަމަށްވާއިރު ރައީސް ނަޝީދު އެ ވިދާޅުވާ ކަންކަން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ދެކެމެވެ. ގާނޫނުގެ ދަށުން ހެލްތް މިނިސްޓަރ ކުރައްވަން ޖެހޭ ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަކީ ދިވެހިރާއްޖޭގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ އުސޫލުތައް ބަޔާންކޮށްދިނުމާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިގެންވާ ފަރާތްތައް ކަނޑައެޅުމާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު ތަންފީޒުކުރުމުގެ ހަމަތައް ތަފްސީލުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ދިވެހިރައްޔިތުންނަށާއި ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަށް ލިބިދޭ އަސާސީ ހައްގުތައް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ބޭނުންވާ ނިސްބަތަށް ހަނިކުރުމުގެ އުސޫލުތައް އެކަށައެޅުމުގެ ގާނޫނެވެ.
ގާނޫނުގެ މައިގަނޑު މަގްސަދުތަކަކީ ދިވެހިރާއްޖޭގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މައިގަނޑު އުސޫލުތައް ބަޔާންކުރުމާއި، ދިވެހިރާއްޖޭގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޒިންމާ އުފުލާނެ ފަރާތްތައް ކަނޑައެޅުމާއި، އެފަރާތްތައް ތަރުތީބުވެގެންވާ އޮނިގަނޑު އެކުލަވާލުމާއި، އެފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް އެކަށައެޅުމާއި، ގައިންގަޔަށްއަރާ ބަލިތަކާއި، ނުރައްކާތެރި ބަލިތަކާއި، ރިޕޯޓުކުރަންޖެހޭ ބަލިތައް ކަނޑައެޅުމާއި، އެފަދަ އިތުރު ބަލިތައް ކަނޑައަޅާނެ އުސޫލު ބަޔާންކޮށްދިނުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކާއި ގައިންގަޔަށްނާރާ ބަލިތައް ކަނޑައަޅައި، އެ ބަލިތަކަށް މުޖުތަމައު ހޭލުންތެރިކުރުވައި، އެފަދަ ބަލިތަކުން މުޖުތަމައު ރައްކާތެރިކުރުމުގެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. މީގެއިތުރުން އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، އަމަލުކުރާނެގޮތުގެ އުސޫލުތައް ކަނޑައެޅުމާއި، ސިއްހީގޮތުން ނުރައްކާތެރިކަމަށް ބެލެވޭ ކަންކަމަކީ ކޮބައިކަން ބަޔާންކުރުމާއި، އެފަދަކަމެއް ދިމާވުމުން އަމަލުކުރަންޖެހޭނެގޮތް ކަނޑައެޅުމާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެގޮތުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން، އުފުލަންޖެހޭ ޒިންމާގެ ދައުރު އެކަށައެޅުމާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގައި، ދިވެހިރައްޔިތަކީ ޒިންމާދާރު، މަސްއޫލުވެރި ރައްޔިތަކަށް ހެދުމުގެ އިތުރުން އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހުރަސްއެޅުމުގެ ކުށް ބަޔާންކުރުމާއި ކުށުގެ އަދަބު ކަނޑައެޅުމަކީ ވެސް ގާނޫނުގެ މަގުސަދެކެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުރާ ކަމެއްގެ ސަބަބުން، އެއްވެސް މީހެއްގެ މިނިވަންކަމަށް ނުވަތަ ހައްގަކަށް ހަނިކަމެއް ގެނެވޭނީ، ސިއްހީގޮތުން ނުރައްކާވެދާނެ ފަދަ ބަލިމަޑުކަމެއްގެ ސަބަބުން، ނުވަތަ ގައިންގަޔަށް އަރާފާނެ ބައްޔެއްގެ ސަބަބުން، ނުވަތަ ދުރާލާ އެންމެންނަށް އެނގި އޭގެން ރައްކާތެރިވާންޖެހޭފަދަ ބައްޔެއްގެ ސަބަބުން، ނުވަތަ އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވުމުގެ ސަބަބުން، ނުވަތަ އަމިއްލަ ސިއްހަތަށް ނުރައްކާވާފަދަ ކަމެއް ދިމާވުމުގެ ސަބަބުން، އެ ވަގުތަކަށާއި ހާލަތަކަށާއި ކަމުގެ ކުޑަބޮޑުމިނަށް ބަލާއިރު، މީހެއްގެ މިނިވަންކަމަށް ނުވަތަ ހައްގަށް ހަނިކަމެއް ގެންނަން ކޮންމެހެން ބޭނުންވާ މިންވަރަށް، ގާނޫނުގެ ދާއިރާގެ ތެރޭގައި ހަމައެކަނި އެ ނިސްބަތަށެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންގެ އާންމު ސިއްހަތު ރައްކާތެރިކުރުމާއި، އާންމު ސިއްހަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމާއި، އާންމު ސިއްހަތުގެ ހޭލުންތެރިކަން އިތުރުކުރުމުގެ އަސާސީ ޒިންމާ އުފުލާނީ ސިއްހީ ކަންކަމާއި ބެހޭ ވަޒީރެވެ.
ދެން އޮތީ ރައީސް ނަޝީދު އެންމެ ބޮޑަށް ފާހަގަ ކުރައްވާ މާއްދާއެވެ. ގާނޫނުގެ ފަސް ވަނަ މާއްދާއެވެ. އެއީ ލާމަރުކަޒީ ބައެއް އުސޫލުތައް ބަޔާން ކުރާ މާއްދާއެވެ. އެ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި ގާނޫނުގެ ދަށުން ވަޒީރު ހަވާލުކުރާ ކަންކަން ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ ކައުންސިލްތަކުން އުފުލުމަށް މަގުފަހިކޮށްދީ، އެކަމަށް ގާނޫނީ ބާރު ލިބިދިނުމުގެގޮތުން، އޭގެތެރެއިން ކައުންސިލެއް ނުވަތަ ކައުންސިލްތަކެއް އެއީ، އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދުގައި، ގާނޫނު ތަންފީޒުކުރުމަށްޓަކައި އެ ސަރަހައްދަށް އައްޔަންކުރެވޭ އޭޖެންޓްކަމުގައި، ގާނޫނުގެ ދަށުން ކަނޑައެޅުމުގެ އިހްތިޔާރު ވަޒީރަށް ލިބިގެންވާ ކަމަށެވެ. އެފަދަ އެޖެންޓެއް ނުވަތަ އެޖެންޓުންތަކެއް މިނިސްޓަރ އަމީން ކަނޑައަޅުއްވައިފިތޯއެވެ. ؟ އޭގެ ޖަވާބް މިނިސްޓަރ އަމީންއަށް ދޫކޮށްލާނަމެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި އެއްވެސް ބާރެއް ނުވަތަ މަސްއޫލިއްޔަތެއް، ނުވަތަ ގާނޫނު ތަންފީޒުކުރުމުގެ ޒިންމާއެއް، ރަށު ކައުންސިލަކާ ނުވަތަ އަތޮޅު ކައުންސިލަކާ ނުވަތަ ސިޓީ ކައުންސިލަކާ، ވަޒީރު ހަވާލުކުރަންވާނީ، އެ މަސްއޫލިއްޔަތަކާއި ބާރެއް ތަންފީޒުކުރުމަށް ބޭނުންވާ، އާންމު ސިއްހަތު ދެމެހެއްޓުމުގެ ވަސީލަތްތައް އެ ކައުންސިލަކަށް ފޯރުކޮށްދީ، އާންމު ސިއްހަތު ދެމެހެއްޓުމުގެ މަސައްކަތްކުރުމުގެ ނިޒާމެއް އެ ކައުންސިލަށް ގާއިމުކޮށްދިނުމާއެކުގައެވެ. އަދި އެފަދަ ވަސީލަތްތަކާއި ނިޒާމުތައް ގާއިމުކޮށްދޭންވާނީ، އެ ކައުންސިލެއްގެ އިހްތިސާސްގެ ދާއިރާގައި ހިމެނޭ ސިއްހީ ފަރުވާ ދިނުމުގެ ވަސީލަތްތަކާ ނިޒާމުތަކާ ވަކިން ބޭނުންކުރާ ވަސީލަތްތަކަކާއި ނިޒާމުތަކެއްގެ ގޮތުގައެވެ. މިފަދަ އެއްވެސް ކަމެއް މިނިސްޓަރ އަމީން ކުރައްވާފައިވޭތޯއެވެ. ؟ އަނެއްކާވެސް ޖަވާބް ދެއްވުމަށް މިނިސްޓަރ އަމީން އަށް ދޫކޮށްލާނަމެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ފެންވަރުގައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކާއި، އާންމު ސިއްހަތުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، އާންމު ސިއްހަތުގެ ދުޅަހެޔޮކަން ރައްޔިތުންނަށް ލިބިދިނުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް ވަޒީރުގެ އިރުށާދާއި ބާރު ގާނޫނުގެ ދަށުން ހިނގާނެއެވެ.
ގާނޫނުގެ ދަށުން ވަކި މަސްއޫލިއްޔަތުތަކެއް، ރަށު ކައުންސިލްގެ ފެންވަރުގައި ނުވަތަ އަތޮޅު ކައުންސިލްގެ ފެންވަރުގައި ނުވަތަ ސިޓީ ކައުންސިލްގެ ފެންވަރުގައި ހަވާލުކުރެވޭކަމަށްވާނަމަ، އެކަން ކުރަންވާނީ، އެ ބާރުތައް ނުވަތަ އެ މަސްއޫލިއްޔަތުތައް ސާފުކޮށް އެނގޭނެގޮތަށް ލިޔުމަކުންނެވެ. އަދި ހަމަ އެހެންމެ ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް، ގާނޫނުގެ ދަށުން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ތަފްސީލުކޮށް ބަޔާންކޮށް، އާންމުކޮށް އިއުލާނުކޮށް، ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
ސުވާލަކީ ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު ގާނޫނުގައި ބުނާ ކަންކަން މިނިސްޓަރ ހަމަ ހަގީގަތުގައި ވެސް ވޭތޯއެވެ. ޖަވާބުގައި ދަންނަން ޖެހެނީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ލާމަރުކަޒީ އުސޫލުން ކަންކަން ކުރުމަށްޓަކައި މިނިސްޓަރ އެކުލަވާލަން ޖެހޭ ގައިވާއިދުތަކާއި ކައުންސިލްތަކަސް ދޭން ޖެހޭ ބާރުތަކާއި ބާރުތައް ދިނުމުގެ ކުރިން ކުރަން ޖެހޭ އެއްވެސް ކަމެއް މިނިސްޓަރ އަމީން ކުރައްވާފައި ނުވާ ވާހަކައެވެ. އެހެން ކަމުން ރައީސް ނަޝީދު ވިދާޅުވާ ގޮތަށް މިނިސްޓަރ އަބްދުﷲ އަމީން ހަމަ ހަގީގަތުގައި ވެސް ގާނޫނާއި ހިލާފް ވެވަޑައިގެންފިއެވެ.

