ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭން ކޮވިޑު ފެނުނުތާ މަހެއް: އަސްލު ގޯސް ހެދުނު ހިސާބަކީ ކޮބާ؟

މާލޭން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން / އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އޭޕްރިލް މަހުގެ 15 އަށް ވީ ދުވަހަކީ އެއީ އަހަރެންގެ އޮފް ދުވަހެވެ. އޭގެ ކުރީ ރޭ ނިދީ ޖެހިގެން އަންނަ ދުވަހުގެ ހަވީރު އޮފީހަށް ދިއުމަށް ހިތުލައިގެންނެވެ. ކޮވިޑުގެ ކަންތަކާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން، އަންދާޒީ ނަމްބަރުތަކެއް ދެމުން ދިޔަ ނަމަވެސް އެއްގޮތަކަށް ވެސް ވެރިރަށް މާލެ ސިޓީއިން ނުރައްކާތެރި ކޮވިޑުގެ ކޭހެއް ފެނިދާނެ ކަމަށް ހިތަކަށް ނާރައެވެ. އެ ނޫސްވެރިންގެ ބައްދަލުވުންތައް ކަވަރުކޮށް، ކަމާއި ބެހޭ އިދާރާތްތަކުން ދިން މައުލޫމާތުތައް އެންމެ ކައިރިން ކަވަރު ކުރި އެކަކަށް ވެސް ވާނެއެވެ.

މާލެ ސިޓީއިން އެއްވެސް ޓްރެވެލްސް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން ބަލި ފެނުނުތާ މިއަދަށް މަހެއް ފުރުނީއެވެ. އަދި އެއަށްފަހު ފެންނަމުން ދިޔަ ކޭސްތައް އިތުރުވަމުން އައިސް އަދަދުތައް މިވަނީ 1،000 އިން މައްޗަށް އަރާފައެވެ. ބަލި ޖެހިގެން ފަރުވާދެމުން ދިޔަ 4 މީހަކު ނިޔާވެއްޖެއެވެ.

ބައްޔާއި ގުޅިގެން މިހާތަނަށް 13،600 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރުގައި ދިރިއުޅުމަށްފަހު އެނބުރި ގައުމަށް އައިސް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަ ކުރި މީހުން ހިމެނޭނެއެވެ.

ލޮކްޑައުންގެ ސަބަބުން، ބަލި ފެތުރިދާނެކަމަށް ލަފާ ކުރި މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށް ކުރެވިފައެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި އަންނާނެ ކަމަށް ލަފާ ކުރި ޕީކް ނުވަތަ ސާޖް ވަނީ ދަށް ކުރެވިފައެވެ. އެހެން ނަމަވެސް އެއީ ބަލި ކޮންޓްރޯލް ކުރެވުނީ ކަމަށް ބެލެވޭނެ ގޮތެއް ނެތެވެ. ސަބަބަކީ، ރެންޑަމް ސާމްޕަލްތަކުންނާއި، އަދި ފްލޫ ކްލިނިކަށް ރިޕޯޓުކުރާ މީހުން ވެސް ކޮވިޑަށް ޕޮޒިޓިވް ވަމުން ދާތީއެވެ.

ކޮވިޑާއި ގުޅިގެން މެދުކެނޑުމެއް ނެތި އެންމެ ފުރަތަމަ ވެސް އައީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެތައް އިރުޝާދުތަކެއް ދެވުނެވެ. އެއްވުންތައް ނުބޭއްވުމާއި، ބޭރުތެރެއަށް ނިކުމެ އުޅުން ހުއްޓާލުމަށް ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. އެއީ އާއިލީ ބައްދަލުވުންތަކެއް ވިޔަސް މެއެވެ.

އެއްވުންތައް ނުބޭއްވުމަށް އިރުޝާދުތައް ދެމުންދިޔަ މައިގަނޑު އެއް ސަބަބަކީ، ކޮންޓެކްޓް ޓްރޭސް ކުރަން އުނދަގޫ ވުމާއި، އެ މީހަކަށް ވެސް އޭނާއާއި ބައްދަލުވެފައި ހުރި އަދި ދެވުނު ތަންތަން ހަނދާން ނެތޭ ހިސާބަށް ދިޔަ ނުދިނުމަށެވެ. އަދި އެއްވެސް ބަޔަކު ނުރައްކަލެއްގެ ތެރެއަށް ނުލުމަށެވެ. ތިމާގެ ގައިގައި ބަލީގެ އެއްވެސް އަސަރެއް ނެތް ނަމަވެސް ގްރޫޕަކާއި އެކު ދެވޭ ތަނެއްގައި މި ވައިރަހުގެ އަސަރު ހުރި އެންމެ މީހެއް ވެސް ހުރެދާނެއެވެ. އޭނާގެ ފަރާތުން ބަލި ޓްރާންސްމިޓް ވުމުގެ ފުރުސަތު އޮންނާނެއެވެ.

މާލޭން އެންމެ ފުރަތަމަ ފެނުނު ކޭސްގައި ކޮންޓެކްޓް ޓްރޭސިންއަށް ފާހަގަކުރެވުނު މީހުންގެ އަދަދުތައް އޭރު ހުރީ 200 އިން މަތީގައެވެ. އެންމެ ފުރަތަމަ ކޭސްއާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ ”ފާހަގަ ކުރެވޭ މިންވަރަށް ބޮޑެތި މޫވްމެންޓުތަކެއް“ ހިނގާފައި ހުރި ކަމަށެވެ. އޭގެ ތެރޭގައި ބުރު ޖަހަން ދިއުމާއި، މަސްދަތުރު ދިއުން، ޕާޓީތައް ބޭއްވުން ހިމެނޭ ކަމަށެވެ. އަދި އެ އަދަދަށް ކޮންޓެކްޓުތައް ފެނުނު ސަބަބަކީ އެކި ތަންތަނަށް އެހާ ގިނައިން އެއްވެފައި ހުރުމުގެ ސަބަބުންނެވެ. މިއީ އެއްގޮތަކަށް ވެސް ކުށްވެރި ކުރުމުގެ ނިޔަތުގައި ދައްކާ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް، އޭރުގެ ހާލަތާއި މިއަދުގެ ހާލަތު ބަޔާން ކުރަން ބޭނުންވާތީއެވެ.

ލޮކްޑައުންއާއި ގުޅިގެން، އެއްވުންތައް ވަނީ ހުއްޓުވިފައެވެ. މިހާރު ފެންނަމުންދާ ކޭސްތަކުގައި ކޮންޓެކްޓުތައް އެވްރެޖުގޮތެއްގައި އުޅެނީ 8 ގައެވެ. މިއީ ފަރަގު ދަށް ކުރެވުނު މިންވަރެވެ.

ކޮވިޑުގެ ކޭސްއެއް ފެނި މާލެ ލޮކްޑައުން ކުރި ދުވަހު ގިނަ ބަޔަކު ވަނީ ފުރައިގެން ރަށްތަކަށް ގޮސްފައި

ސިއްހީ މާހިރުންގެ އެންގުންތަކާއި ހިލާފަށް އަދިވެސް މަގުތަކަށް މީހުން ނިކުމެއެވެ. ބައެއް މީހުން ނިކުންނަނީ ޒަރޫރީ ބޭނުންތަކަށެވެ. ކެއްކުމާއި، ރޯދަ ވީއްލުމަށް ތައްޔާރު ކުރާ އެއްޗަކަށް ބޭނުންވާ ސާމާނެއް ގަތުމަށެވެ. އެހެން ނަމަވެސް މި ރޯދަ މަހުގައި މޮޅެތި ކެއްކުންތަކާއި މީރު ކާނާތައް ތައްޔާރު ކުރުމަށް ވުރެން އަމިއްލަ ފުރާނަ ސަލާމާތް ކުރުން މާ މުހިންމެވެ. ގޭގައި ތިބި ތިމާގެ ދަރިނާއި މަންމަ، އާއި ބައްޕަ އަދި މާމައައި ކާފަގެ ފުރާނަ ސަލާމާތް ކުރުން މާ މުހިންމެވެ. ހާއްސަކޮށް މާލީ ގޮތުން އެތައް ބަޔަކު ދަތިތަކާއި ކުރިމަތިލަމުން ދާއރު ކުރާ ހޭދަތައް ވީހާވެސް ދަށްކޮށް ފަހަށް ރައްކާކުރުން ވެސް މުހިންމެވެ.

މާލޭގައި މިއޮތީ ކޮމިއުނިޓީ ސްޕްރެޑެކެވެ. މިވީ މަހެއްހާ ދުވަހުގެ ތެރޭގައި މުޅި މާލެ ތެރެއަށް ވައިރަހުގެ މޫތައް ވަނީ ފެތުރިފައެވެ. ބަލި ހުރެމެ، އެކަން ނޭނގި ތިބީ ކިތަށް މީހުންކަމެއް ބުނާކަށް ނޭނގެއެވެ. ސަބަބަކީ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ގިނައީ އެއްވެސް އަލާމާތެއް ނެތި ބަލި ހުރިކަން ޔަގީން ވީ މީހުންނެވެ. ނުވަތަ އޭ ސިމްޓޮމޭޓިކް މީހުންނެވެ.

ބަލި ފެތުރުނުތާ މަހެއް ވީއިރު، މި ބަލި މާލެއަށް އެތެރެވީ ގޮތް އެނގުން މުހިންމެވެ. މާލެތެރެއަށް ބަލި ވާސިލްވީ ދޮރަކީ ކޮބައިތޯ މިހާރުވެސް ސުވާލު އުފެދެއެވެ. ކަރަންޓީނުގައި ހުރި މީހެއް ދޫވި ފަހުން ބަލީގެ އަލާމާތްތައް އުފެދުނީތޯ، ނުވަތަ އެއާޕޯޓުން ފުރުވާލި ބަޔަކާއި ކޮންޓެކްޓުވީ ތޯ، އެހެން ނޫނީ ރާއްޖެއަށް އައި މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް މީހަކާއި އިތުރު އެހެން މީހަކާއި ކޮންޓެކްޓުވީތޯ އެނގުން މުހިންމެވެ. ސަބަބަކީ، އައިލޭންޑް ސަފާރީ ކޭސްއާއި ގުޅިގެން އޭރު އެ ސަފާރީގެ އެހެން މީހުން އައިސޮލޭޓު ކުރިއެވެ. ނަމަވެސް އޭގެއިން ދެ ފަތުރުވެރިއަކު ފުރުވާލިފަހުން ބައްޔަށް ޕޮޒިޓިވްކަން އެނގުނެވެ. އެއީ މާޗު މަހުގެ 27،28 ހިސާބެވެ.

ރާއްޖެއަށް މީހުން ބޭރު ގަުއުމުތަކުން އަންނައިރު، އެހެން ގައުމުތަކުގެ މީހުން ރާއްޖެއިން ފުރުވާލުމުގެ މަސައްކަތް ދަނީ ކުރަމުން

ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ، މާލޭގެ އެންމެ ފުރަތަމަ ކޭސްތަކުގެ ތެރެއިން އެކަކުގެ ބަލީގެ އަލާމާތްތައް ފެނިފައިވަނީ އޭޕްރިލް 8 ގައި ކަމަށެވެ. ސިނާރީއޯތަކެއް ކުރަހާލާނަމަ މިއީ އެއް ސިނާރީއޯއެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން، އެންމެ ތަފާތު އެއްކަމެއްގެ ގޮތުގައި ވެގެން ދިޔައީ މިދިޔަ ފެބްރުއަރީ މަހު ބޭއްވި ދުބާއީ ފުޑް އެކްސްޕޯއަށް ދިޔަ މީހުން އެކަން ރިޕޯޓު ކުރުމަށް އެދެނު ހިސާބުންނެވެ. މި ކޭސް އާއި ގުޅޭ މާބޮޑު މައުލޫމާތެއް ނުލިބުނު ނަމަވެސް އަފްޒަލް ވިދާޅުވެފައިވާ ގޮތުންނަމަ ބަލި ޖެހުނު މީހުންގެ ތެރޭގައި އެކްސްޕޯއަށް ދިޔަ ދެ މީހަކު ހިމެނެއެވެ. އެކްސްޕޯއަށް ދިޔަ މީހުން ރިޕޯޓު ކުރުމަށް އެދުނީ އެކްސްޕޯއަށް ދިޔަ މީހުންގެ ހަށިގަނޑުން އެހެން ގައުމުތަކުގައި ތަފާތު ކަންތަކެއް ފާހަގަވެފައިވާތީއެވެ. ނަމަވެސް، މިއާއި ރާއްޖެއާއި ހަމައަށް ބަލި އައުމާއި ގުޅުމެއް ވޭތޯ ނުވަތަ ނޫންތޯ ނޭނގެއެވެ.

ބަލި މިހާރު މިއޮތީ ފެތުރިފައެވެ. މޫތަށް ހުރީ އެންމެ އަޑީގައެވެ. ފަހަރުގައި މި ސުވާލުތަކަށް ޖަވާބު ހޯދައިގެން ދެން ވާނެ ފައިދާއެއް ނެތެވެ. ނުވަތަ އެކަމަށް ވަގުތު ދުއްވާލަން ޖެހޭ ސަބަބެއް ވެސް ނެތެވެ.

މާލޭގައި ބަލި އޮތްކަން އެނގުނު ދުވަހު، އެތައް ބަޔަކު ރަށްރަށަށް ފުރައިގެން ދިޔައެވެ. އޭގެ ހިތި ނަތީޖާއަކަށް ވީ ބައެއް ރަށްރަކާއި ހަމައަށް ވެސް ބަލި ދިއުމެވެ. ގިނަ ރަށްތަކެއް އެލާޓަށް ގެނެސް މޮނީޓަރިންގެ ހާލަތަކަށް ގެންނާން ޖެހުނެވެ.

މާލޭގައި ކޮމިއުނިޓީ ސްޕްރެޑް ފެށުނީ ކިހާތާކުތޯ، ނަޒަރު ހިންގާލާއިރު ލަފާ ކުރުން ހުރީ ބަލި ފެނުމުގެ 3-2 ހަފްތާ ކުރިއެވެ. އެހެން ކަމަށްވާނަމަ އެއީ މާޗު މަހުގެ ފަހު ހަފްތާ ނުވަތަ އޭޕްރިލް މަސް ފެށުނުތާ ހިސާބެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މިގޮތަށް ލަފާ ކުރެއްވީ ޑރ. ނަޒްލާ މުސްތަފާއެވެ. ނަމަވެސް، ސިނާރިއޯތަކެއް ކުރަހާ، ރޮނގުތަކެއް ގެންދަން ވީ ހިސާބެއް ނޭނގެއެވެ.

ދެން އޮތީ ބަލީގެ ނުރައްކާ ގޮސްފައިވާ ހިސާބެވެ. 1،000 އިން މައްޗަށް އަދަދުތައް އަރައިގެން ދިޔައިރު މި މަހުގައި ބަލީގެ ޕީކެއް އަންނާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. ކުރީގެ ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ޑރ. ޝީނާ މޫސާ ވިދާޅުވެފައިވާ ގޮތުންނަމަ މި ހާލަތުގައި ރާއްޖެއިން ފެންނަމުން މިދަނީ އަސްލު އަދަދުތަކެއް ނޫނެވެ. އެއީ އެކަށިގެންވާ މިންވަރަށް ޓެސްޓު ނުކުރެވޭތީއެވެ. ޑރ. ޝީނާ ވިދާޅުވާގޮތުން މިހާރު ބަލި ހުރެ ދެނެގަނެވޭ މީހުންނަކީ އެއީ ކޮންޓެކްޓް ޓްރޭސިންއަށް ފާހަގަވާ މީހުންނެވެ. ނުވަތަ ރެންޑަމް ސާމްޕަލްއަކުން ޓްރޭސް ކުރެވޭ މީހެކެވެ.

ޑރ. ޝީނާ ވަނީ އެކަށީގެންވާ މިންވަރަށް ޓެސްޓިން ކެޕޭސިޓީ އިތުރު ނުކުރެވިއްޖެ ނަމަ ބަލި ޖެހޭ މީހުންގެ ހާލަތު ގޯސްވާފަހުން ޓްރޭސް ކުރެވުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ސަބަބުން ބައްޔަށް ފަރުވާދިނުމަށް އުނދަގޫތަކެއް ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑރ ޝީނާ ލަފާ ކުރާގޮތުން މިހާލަތުގައި ރާއްޖެއިން ފެންނަ ކޭސްތައް އިތުރުވާން، މަދު ކޭސް ފެންނަނީ ޓެސްޓިން ދަށް ވުމުން

ގޭބިސީތަކުގެ ތެރޭގައި ބަލި އޮތްނަމަ، އުމުރުން ދުވަސްވީ ފަރާތްތަކަށް ބަލީގެ އަސަރު ކުރުން އެކަށީގެންވެއެވެ. އަދި މިއީ ނުރައްކާ ބޮޑުވެގެންދާނެ ސަބަބެއްކަމަށް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް އެކަމަށްޓަކާ ޓެގް ޓީމުން ކުރަމުންދާ މަސައްކަތްތަކަށް މާބޮޑު އެއްބާރުލުމެއް ނިލިބެއެވެ.

ސަވައިލެންސްގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ މަސައްކަތްތަކެއް ޓެގްޓީމުން ފެށި ނަމަވެސް އާއިލާތަކުގެ ފަރާތުން އެއްބާރުލުމެއް ނުލިބޭކަމަށް މި ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މާލޭން ރެންޑަމް ސާމްޕަލްަތައް ނަގާއިރު، އޭގެއިން ބައެއް ސާމްޕަލްތައް ދަނީ ޕޮޒިޓިވްވަމުން – ފޮޓޯ: އަވަސް

އެންމެފަހުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާއިރު އޭނާގެ އެއްވެސް ބަލީގެ އަލާމާތެއް ނެތް ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ނިބަތުން ގިނައީ އެއްވެސް އަލާމާތެއް ނެތް މީހުންނަށް ކަމަށްވާއިރު ކިރިޔާ ވެސް ބަލީގެ އަލާމާތެއް ހުރި މީހެއްނަމަ އެކަން ރިޕޯޓު ކުރުން މުހިންމެވެ.

ބަލި ކޮންޓްރޯލް ކުރެވުނު ނަމަވެސް، ބައްޔާއި އެކު އުޅެންދަސްކޮށް ނިއު ނޯމަލްއަކީ ކޮބައިކަން ވިސްނުން މުހިންމެވެ. އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް ވެސް ހާއްސަ އިސްކަމެއް ދޭން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: