ކޮރޯނާ ވައިރަހާއި ގުޅިގެން ކައުންސިލް އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލް ދެ ވަނަ ފަހަރަށް މަޖިލީޙުގެ އެޖެންޑާއަށް ގެނެސްފިއެވެ.
ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީޙުގެ އެޖެންޑާއަށް ދެ ވަނަ ފަހަރަށް ގެނައިއިރު މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލްގެ ނަމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ހާއްސަ ބިލެއް ހުށަހަޅުއްވާފައެވެ.
މިހާރު ތިބި ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހު ހަމަވާތީ މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ހަލީމްއެވެ.
ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މީގެކުރިން މަޖިލީހުގެ އެޖެންޑާއަށް ގެނައުމަށް ފަހު އެޖެންޑާއިން ނަގާފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށް ބުނެއެވެ. އެގޮތުން މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަާށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި އެގޮތަށް އެ ވާހަތަކައް ވިދާޅުވުމަށް ފަހު ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމުގެ ބިލް މަޖިލީހުގެ އެޖެންޑާއިން ރައީސް ނަޝީދު ނެންގެވިއެވެ.
ނަމަވެސް ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރީއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރާހާ ހިނދަކު ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން ބޭނުން ވެއްޖެނަމަ އެކަން ކުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތުމަތު ފިލްޒާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފިލްޒާގެ ގާނޫނީ ލަފާ ރައީސް ނަޝީދު ގަބޫލު ކުރައްވާފައެއް ނުވެއެވެ.
ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނެފައި ވަނީ ގުދްރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ހަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. އަދު ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ ވަގުތެއްގައި، ގާނޫނުއަސާސީ އަށް އެއްވެސް އިސްލާހެއް ގެނެސްގެނެއް ނުވާނެއެވެ.
ފިލްޒާ ވިދާޅުވެފައި ވަނީ މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ އާންމު ސިއްހަތުގެ ގާނޫނުގައި ހެލްތު މިނިސްޓަރަށް ލިބިދީފައިވާ ބާރުގެ ދަށުން ގާނޫނީ އިމުގެ ތެރެއިން އިއުލާން ކޮށްފައިވާ ކުއްލި ހާލަތެއް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީގައި ރައީސް ނެރުއްވާ ގަރާރަކުން އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ކައުންސިލްތަކުގެ ދައުރު ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ނޫން ގޮތަކަށް ނުދެންމޭނެ ކަމަށް ވިދާޅުވެ އެޓާނީ ޖެނަރަލް އިބްރާހިމް ރިފްޢަތު ވެސް ވަނީ ގާނޫނީ ލަފާ ދެއްވާފައެވެ.
މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ވެސް ފުރައްވަމުން ގެންދަވާ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ލާމަރުކަޒީ ނިޒާމް ހިންގުން ކަށްވަރު ކުރުމުގެ ހާއްސަ ބިލް ދިރާސާކުރާ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ބަންޑާރަނައިބް ފޮނުއްވި ގާނޫނީ ލަފާގައި ވިދާޅުވީ މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ހަމަވުމަށް ފަހު އެ ކައުންސިލްތަކުގެ ދައުރު ދިގު ދެންމޭނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކަމަށާއި އެ ނޫން ގޮތަކަށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ނުދެންމޭނެ ކަމަށް ބަންޑާރަނައިބް ލާމަރުކަޒީ ކޮމެޓީއަށް ފޮނުއްވި ގާނޫނީ ލަފާގައި ވަނީ ވިދާޅުވެފައެވެ.
ބަންޑާރަނައިބް ވިދާޅުވެފައިވާ ގޮތުގައި ކައުންސިލްތަކުގެ ދައުރު ހަމަވެއްޖެނަމަ އަމަލުކުރާނެ ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށާއި އެހެން ކަމުން އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ގާނޫނުއަސީއަށް އިސްލާހު ގެނެސް އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހޭނެ ކަމަށާއި އެކަމަކީ މަޖިލީހުން ފާސްކުޜާ އާންމު ގާނޫނަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް ރިފްޢަތު ފޮނުއްވި ގާނޫނީ ލަފާގައި ވަނީ ވިދާޅުވެފައެވެ.
ބަންޑާރަނައިބް ވިދާޅުވީ ކައުންސިލްއިންތިހާބު ފަސްކުރުމުގެ ހާއްސަ ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވިއިރު އެ ބިލާއި އެކު މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ފޮނުވީ ވެސް އާންމު ގާނޫނަކުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ނުދެންމޭނެތީ ކަމަށާއި އެހެން ކަމުން ކައުންސިލްތައް ގާނޫނީ ހުސްކަމެއްގެ ތެރެއަސް ދިއުމުގެ ކުރިން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ބިލްގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
ކައުންސިލް އިންތިހާބު ފަސްކުރުމުގެ ހާއްސަ ބިލާއިއެކު ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވި ނަމަވެސް އެ ބިލްގެ މަސައްކަތް މަޖިލީޙުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި އެ ބިލް މަޖިލީޙުގެ އެޖެންޑާއަށް ގެނައި ނަމަވެސް ފަހުން އެ ބިލް މަޖިލީޙުގެ އެޖެންޑާއިން ވަނީ ނަގާފައެވެ. އަދި މިވަގުތަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނެ ވަގުތެއް ނޫން ކަމަށް މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ބިލް ކުރިއަށް ނުގެންދަން ވަނީ ނިންމަވާފައެވެ.

