އަމުރަށް ނުކިޔަމަންތެރިވި 93 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނީ، ކޮވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންކޮށްފައިވާ މި ހާލަތުގައި، ލޮކްޑައުންގެ އަމުރާއި ޚިލާފުވެ ހޮނިހިރު ދުވަހު މަގުމައްޗަށް ނިކުމެ އުޅުނު 93 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ.
މީގެ އިތުރުން، ލޮކްޑައުންގެ އަމުރާއި ޚިލާފުވި 5 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، މާލޭސިޓީ ލޮކްޑައުންގެ ހާލަތަށް ގެނައިފަހުން، އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުތް މީހުންގެތެރެއިން، މިހާތަނަށް 224 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.
https://twitter.com/PoliceMv/status/1261950244712898561?s=19
ލޮކްޑައުންގެ އަމުރާއި ޚިލާފުވެގެން ހޮނިހިރު ދުވަހު 93 ޖޫރިމަނާކޮށްފައިވާއިރު، ހުކުރުދުވަހުގައި، 128 މީހަކު ޖޫރިމަނާކޮށް، 9 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއްވެސް ހުއްދައެއްނެތި މަގުމައްޗަށް ނިކުމެ އުޅުން މަނާކޮށްފައިވީ ނަމަވެސް ކޮންމެދުވަހަކު ވެސް، ގިނަ އަދަދެއްގެ މީހުން ޖޫރިމަނާކުރެއެވެ. މި ގޮތުން މިހާތަނަށް 4,113 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

