ކޯވިޑް- 19 ފިޔަވައި، އެހެނިހެން ބަލިތަކަށް ފަރުވާދިނުމުގެ އިންތިޒާމުތަކާއި، ސިއްހީދާއިރާގެ އެހެނިހެން ޚިދުމަތްތަކާއި ގުޅޭގޮތުން، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ އިސް ވެރިންނާއި، ސިއްހީދާއިރާގެ އިސް ވެރިންނާއި، ނައިބު ރައީސް ފައިޞަލް ނަސީމު މަޝްވަރާކުރައްވައިފިއެވެ.
އޮންލައިންކޮށް މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން އާއި، ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި،އާސަންދަ ކުންފުންޏާއި، ތެލަސީމިއާ ސެންޓަރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި، ނައިބު ރައީސްވަނީ ކޯވިޑް-19 ފެތުރިފައިވާ މި ދުވަސްވަރުގައި، އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވާ އިންތިޒާމުތަކާއި، އެ ކަންކަމުގައި ކުރިމަތިވާ ދަތިތަކަކީ އޮޅުންފިލުއްވާފައެވެ.
އަދި ޚާއްސަ ބަލިތަކަށް ފަރުވާހޯދާ މީހުންނަށް ފަރުވާދިނުމުގެ އިންތިޒާމުތައް އަތޮޅުތަކުގައި ރޭވިފައިވާ ގޮތް ވެސް ނައިބު ރައީސް ވަނީ އޮޅުންފިލުއްވާފައެވެ.
މީގެ އިތުރުން، މާލެއާއި އަތޮޅުތަކުގައި ކޯވިޑް-19 އާއި ގުޅިގެން ދިމާވާ އެކިއެކި ހާލާތްތަކުގައި، އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާބެހޭގޮތުން ނައިބު ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި، އަތޮޅު ހޮސްޕިޓލްތަކާއި، ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިން ވަނީ، އެ އިދާރާތަކުގެ މަސައްކަތްތައް ރޭވިފައިވާގޮތް ނައިބު ރައީސްއާއި، ހިއްސާ ކުރައްވާފައެވެ.
މި ގޮތުން، ކޯވިޑް-19 އިގެ މި ހާލަތާއި ގުޅިގެން އެހީތެރިކަން ބޭނުންވެފައިވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވައި، އެ ފަދަ މީހުންގެ ކަންކަން މެނޭޖުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ނައިބު ރައީސްއާއި ހިއްސާ ކުރެއްވިއެވެ.
އޭގެ އިތުރުން، ޚާއްސަ ބަލިތަކަށާއި، އެހެނިހެން އާންމު ބަލިތަކަށް ބޭނުންވާނެ ބޭހުގެ ބާވަތްތަކާއި، ބައެއް މެޑިކަލް ކޮންސިއުމަބުލް ލިބުމުގައިހުރި ދަތިތައް ފާހަގަކޮށްފައިވެއެވެ.
މި ވާހަކަތައް އަޑުއެއްސެވުމަށްފަހު ނައިބު ރައީސް ވިދާޅުވީ އެސްޓީއޯއާއި، ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާއި، މަޝްވަރާކުރެއްވުމަށްފަހު ހޮސްޕިޓަލުތަކަށް ދިމާވާތަދިތައް ހައްލުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ނައިބު ރައީސްވަނީ، މި ދަނޑިވަޅުގައި ކަންކަން މެނޭޖްކުރުމަށްޓަކައި، ހޮސްޕިޓަލްތަކާއި، އަތޮޅުތަކުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށްފައެވެ.
ހަމައެއާއެކު ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، އުމުރުން ދުވަސްވީ މީހުންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތުގެ މަޢުލޫމާތުތައް، ކަމާބެހޭ ހުރިހައި އިދާރާތަކުން ގުޅިގެން، ފޯރުކޮށްދިނުމުގެ މުހިންމުކަން ވެސް ނައިބު ރައީސްވަނީ ފާހަގަކުރައްވާފައެވެ.
އޭގެ އިތުރުން، މާބަނޑު މީހުންނަށާއި، ޑައިލެސިސް ހަދާ މީހުންނަށް ބޭނުންވާ ފަރުވާގެ އިންތިޒާމުތައް އަތޮޅުތަކުގައި ހަމަޖެހިފައި ހުރުމުގެ މުހިންމުކަން ވެސް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

