ކޮވިޑް-19 އާ ގުޅިގެން މުވާސަލާތީ ހިދުމަތްތައް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި، އެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ޕެކޭޖުތަކެއް ތައާރަފް ކުރުމާއި، ލުއިތަކަކާއި އެކު ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މަލީހު ދެއްވި ހިތާބުގައި ވިދާޅުވެފައިވަނީ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ކޮވިޑުގެ ނުރައްކަލުގައި އެންމެ މުހިންމު އެއް ވަސީލަތެއްގެ ގޮތުގައި ވެފައިވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ގެ ކަމަށެވެ. އެގޮތުން ޖަލްސާތަކާއި އޮފީސްތަކުގެ މަސައްކަތްތަކަށް އޮންލައިންކޮށް ކުރިޔަށް ގެންދަން ޖެހިފައިވަނީ އިންޓަނެޓުގެ ޒަރިއްޔާއިންކަމަށް މަލީހު ވިދާޅުވިއެވެ.
ރާއްޖޭގައި ވެސް ސިއްހީ ހިދުމަތްތައް އަދި ތައުލީމު ވެސް މިވަގުތު ފޯރުކޮށްދެމުން ދަނީ އޮންލައިން ޕްލެޓްފޯމުތަކުގައި ކަމަށާއި، މިހާލަތުގައި މުވާސަލާތީ ހިދުމަތްތައް އެދެވޭ ފެންވަރެއްގައި ގާއިމް ކުރެވިފައި ހުރުމަކީ މުހިންމުކަމެއްގެ ގޮތުގައި މަލީހު ވިދާޅުވިއެވެ. މަލީހު ވިދާޅުވީ ކޮވިޑާއި ގުޅިގެން ޓެލެކޮމް ކުންފުނިތަކުން ދެމުން އަންނަނީ ރަނގަޅު ހިދުމަތްތަކެއް ކަމަށެވެ. އޭގެ ތެރޭގައި ޑޭޓާ ޕެކޭޖުތަކެއް ތައާރަފް ކުރުމާއި، ބިލްތައް ދެއްކުމުގައި ލުއިތަކެއް އަދި ޑިސްކައުންޓުތަކެއް ދީފައިވާ ކަމަށެވެ.
”ރާއްޖޭގެ އައި.ސީ.ޓީ މާޙައުލަށް ބަލާލާއިރު، އެކަށީގެންވާ މިންވަރަކަށް ޚިދުމަތާއި އިންފްރާ ސްޓަރަކްޗަރ މިވަނީ ތަރައްޤީ ކުރެވިފައެވެ. ރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބަރ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިރުތުން، ރާއްޖޭގެ އެތެރޭގައިވެސް މިވަނީ ފައިބަރ ނެޓްވަރކްތައް ޤާއިމްކުރެވިފައެވެ. އަދި ދުވަހުން ދުވަހަށް ފައިބަރ ނެޓްވާރކާ ގުޅާލެވޭ ރަށްތައް އިތުރުވެ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބަރ ނެޓްވާރކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަރނެޓް ޚިދްމަތް ލިބޭކަން އުފަލާއެކު ފާހަގަކުރަމެވެ. ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީ ގެ ޚިދްމަތް ފޯރާފައި ވާއިރު، އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީގެ ޚިދްމަތްވެސް ރާއްޖޭގެ ފޯރުކޮށްދޭން ވަނީ ފަށާފައެވެ. އެހެންކަމުން، މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ދެމެހެއްޓެނެވި ތަރަޢްޤީގެ ލަޑުދަނޑިތައް ހާސިލު ކުރުމަށް އައި.ސީ.ޓީ ވަސީލަތްތަކުގެ މުހިއްމުކަން ބޮޑެވެ. އަދި މިފަދަ ލަޑުދަނޑިތައް ހާސިލު ކުރުމަށް މިވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭނެގޮތްތައް ބަލާ، އެކި ދާއިރާތައް ތަރައްޤީ ކުރުމަށް ސަރުކާރުން ދަނީ ކެޑިނޭޅި މަސައްކަތް ކުރަމުންނެވެ.“ މަލީހު
ދިމާވެފައިވާ ދަތި ދަނޑިވަޅުގައި ސަރުކާރުގެ އެދުމާއި އެއްގޮތަށް މުވާސަލާތީ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ޝުކުރު ދަންނަވާކަމުގައި މަލީހު ވިދާޅުވިއެވެ. ރާއްޖޭގެ އިންޓަނެޓުގެ ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭ ކަމަށާއި އަދި އިންފްރާސްޓްރަކްޗާ އެކަށީގެންވާ މިންވަރަކަށް ތަރައްގީ ކުރެވިފައިވާ ކަމަށް މަލީހު ވިދާޅުވިއެވެ.
ހިދުމަތް ފުޅާކުރުމަށް ކުރެވޭ ބައެއް މަސައްކަތްތަކުގެ މިސާލެއްގެ ގޮތުގައި މަލީހު ނެންގެވީ ރާއްޖެއާއި ބޭރު ދުނިޔެއާ ދެމެދު ސަބްމެރިން ފައިބާ އޮޕްޓިކް ކޭބަލަކުން ގުޅާލެވިފައި ވުމެވެ. އަދި ރާއްޖޭގެ އެތެރޭގައި ވެސް ފައިބާ ނެޓްވޯކްތައް ގާއިމްކޮށްފައިވާކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ފައިބާ ނެޓްވޯކާއި ގުޅާލެވޭ ރަށްތައް އިތުރުވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ފައިބާ ނެޓްވޯކު މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޯބައިލް ފޯނަށް 4ޖީ ގެ ހިދުމަތް މިހާރު ފޯރުކޮށްދެމުން ދާއިރު އެންމެ ފަހުގެ 5ޖީގެ ހިދުމަތް ވެސް ފޯރުކޮށްދެވޭ ކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ އައިސީޓީ ދާއިރާއިން ރާއްޖެއަށް އިތުރު ތަރައްގީ ގެނެސްދެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ގެ މޭސްތިރިކަމުގެ ދަށުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ. އެގޮތުން މުވާސަލާތީ ހިދްމަތްތަކުގެ އެންމެ އެދެވޭ ފައިދާ ހޯދުމަށްޓަކައި ސަރުކާރުން ފޯރުކޮށްދޭ ހިދްމަތްތައް އިތުރަށް ތަރައްގީކޮށް، އައިސީޓީ މެދުވެރި ކޮށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.

