ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް އެ އޮތޯރިޓީން ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުން ފެންނަނީ، އުވާލި އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އުފެއްދި އަތޮޅު ގޮފިތަކުގެ މުވައްޒަފުންގެ މުސާރައިގެ ހަރަދުތަކާއި އިދާރީ ހަރަދުތައް ވެސް ކުރަންޖެހޭތީ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް އެ އޮތޯރިޓީން ހަރަދުކޮށްފައިވާކަމަށް ފިނޭންސްއިން އާންމުކޮށްފައިވާ މައުލޫމާތާ ގުޅުވައި ބައެއް މީޑިއާތަކުގައި ހަބަރު ޝާއިއުކޮށްފައިވާ ކަމަށާއި އެ އޮތޯރިޓީން އެކަމާ ގުޅިގެން މައުލޫމާތު ނުދޭކަމަށް ވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެލްޖީއޭގެ ބަޔާނުގައި ފާހަގަކުރީ، އަތޮޅު ކައުންސިލުތައް އުވާލަން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު އެލްޖީއޭގެ ގޮފިތައް ކޮންމެ އަތޮޅެއްގައި އުފައްދައި، އަތޮޅު ކައުންސިލުތަކުގައި ތިބި މުވައްޒަފުންގެ މުސާރައާއި އިނާޔަތާއި، އެ އޮފީހުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި، އިދާރާތައް ހިންގުމަށް ބޭނުންވާ އެންމެހާ އިދާރީ ހަރަދުތައް ކުރުމުގެ ޒިންމާ އެ އޮތޯރިޓީއަށް މިހާރު މަތިކޮށްފައިވާ ކަމެވެ.
އެ އޮތޯރިޓީގެ 2026 ވަނަ އަހަރަށް ދައުލަތުން ފާސްކޮށްދެއްވާފައިވާ ޖުމްލަ ބަޖެޓަކީ 37.3 މިލިއަން ރުފިޔާ ކަމަށާއި އެ ބަޖެޓުން 06 އޮކްޓޯބަރު 2026ގެ ނިޔަލަށް، 18.5 މިލިއަން ރުފިޔާ އޮތޯރިޓީ ހިންގުމަށާއި ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ހަރަދުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެލްޖީއޭއިން ބުނީ، މި އަހަރަށް އޮތޯރިޓީއަށް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައެޅިފައިވަނީ، އަތޮޅު ގޮފިތައް އޮތޯރިޓީއާ ހަވާލުވުމުގެ ކުރިން، އޮތޯރިޓީގެ ކުރީގެ ހިންގުމުގެ ދާއިރާއަށް ބަލައިގެން ކަމަށެވެ. އެހެންކަމުން، އަތޮޅު ގޮފިތައް ހިންގުމަށް ބޭނުންވާ ފައިސާ، 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާފައިވާ އެ އޮތޯރިޓީގެ ބަޖެޓުގައި ހިމެނިފައިނުވާ ކަމަށާއި އެ ހާލަތުގައި، އެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބޭނުންވާ ފައިސާ، ފިނޭންސް މިނިސްޓްރީގައި އެދުމުން އެ އޮތޯރިޓީގެ ބަޖެޓަށް އިތުރުކޮށް ދެއްވާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެހެންކަމުން، އަތޮޅު ގޮފިތަކުން ކުރަންޖެހޭ އެންމެހާ ހަރަދުތައް އެ އޮތޯރިޓީން ކުރަމުން ގެންދަނީ އިތުރުކޮށް ދެއްވި ފައިސާގެ ތެރެއިން ކަމަށް ބުނެފައިވެއެވެ. އެގޮތުން 17 މެއި 2026 އިން ފެށިގެން އަތޮޅު ގޮފިތައް ހިންގުމަށް 06 އޮކްޓޯބަރު 2026ގެ ނިޔަލަށް ޖުމްލަ 61.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެލްޖީއޭއިން ބުނީ، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައި އެ އޮތޯރިޓީގެ ހަރަދު ބަޖެޓަށްވުރެ އިތުރުވެފައިވާކަމަށް ފެންނަނީ، 2026 ވަނަ އަހަރަށް އެ އޮތޯރިޓީއަށް ފާސްކޮށްދެއްވާފައިވާ ބަޖެޓުގެ އިތުރުން އަތޮޅު ގޮފިތަކުގެ ހަރަދުތައް އެ އޮތޯރިޓީގެ ހަރަދުތަކުގެ ގޮތުގައި ހިމަނާފައިވާތީ ކަމަށެވެ. އަދި އެ ހަރަދުތައް ކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތަށް، ފިނޭންސްއިން ކަނޑައަޅުއްވާފައިވާ ނިޒާމުގެ ތެރެއިން އެ މިނިސްޓްރީގެ ހުއްދައާއެކު ކަމަށް ބުނެފައިވެއެވެ.
އޮތޯރިޓީގެ ހިންގުމާއި މާލީ ކަންކަން ކުރަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އަދި ސަރކިއުލާތަކާ އެއްގޮތަށް ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

