ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ތަހުގީގުކުރި މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ނިންމައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފިއެވެ.
އަޒްމިރަލްދާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް މިދިޔަ އަހަރުގެ މެއި މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން އޭނާ ދޫކޮށްލަން އަޒްމިރަލްދާ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދަށު ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއްގައެވެ.
އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކޮށް އަޒްމިރަލްދާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވިނަމަވެސް، މިދިޔަ މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން އޭނާގެ މައްޗަށް ދައުވާނުކުރަން ނިންމައި މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އޭރު އަޒްމިރަލްދާގެ މައްސަލަ ބަލައި، ކަނޑައަޅާފައި ވަނީ ފަނޑިޔާރު މަހާޒުއާ ބައިވެރިވެގެން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސޮޕްއަތު ހަބީބް މެދުވެރިކޮށް ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް އަޒްމިރަލްދާ ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މީގެ ކުރިން އަޒްމިރާލްދާ ވިދާޅުވެފައިވަނީ، ޝަރުއީ ދާއިރާގައި ހޭދަކުރި 24 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދުވަހަކު ވެސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ މައްޗަށް ނުފޫޒު ފޯރުވާފައި ނޯންނާނެ ކަމަށެވެ.
އޭނާގެ ވަކީލް ނެރުއްވި ބަޔާނުގައި ވަނީ ޑރ. އިސްމާއިލްގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރި މައްސަލާގައި އަޒްމިރަލްދާ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި ޑރ. އިސްމާއިލް ބަންދުގައި ހުއްޓާ އަޒްމިރަލްދާ އެއްވެސް ފަނޑިޔާރަކަށް ގުޅާފައިނުވާކަން ވެސް އެނގެން އޮންނާނެ ކަމަށެވެ. އަދި ޖޭއެސްސީން ބެލި މައްސަލައިގައި އޭނާ ކޮށްފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފައިވެއެވެ.

