އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށް ދިނުމަށް ރެއާއި ދުވާލު މަސައްކަތް ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ ”ރައްޔިތުންގެ އަޑު“ ސިލްސިލާގެ 9 ވަނަ ޕްރޮގްރާމްގައި ކަންބޮޑުވުން ހިއްސާކުރި ރައްޔިތަކުވަނީވަނީ ޓެމޫއިން އޯޑަރު ނުޖެހޭތީ އެކަމުގެ ޝަކުވާކޮށްފައެވެ. އޭނާވަނީ މިސަރުކާރުން ގައުމުގެ ކަންކަން ވަރަށް ރަނގަޅަށް ގެންދަވާކަމާއި ޑޮލަރުގެ ކަންކަން ވެސް ހަމައަކަށް އަޅުވަން މަސައްކަތް ކުރައްވާ ކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް ޓެމޫއިން އޯޑަރު ނުޖެހޭ މައްސަލައަކީ ކަންބޮޑުވުމެއްކަމަށް އޭނާ ފާހަގަކުރިއެވެ.
”ގައުމު ތިގެންދަވަނީ ވަރަށް ރަނގަޅަށް. ޑޮލަރު ކަންތައްވެސް، ވަކި ކިޔާނެކަމެއްނެތް އެކަމަކު އެއް ކަމެއް ކަމަކު ނުދޭ. ޓޭމޫގެ އޯޑަރު ނުޖެހިގެން އާދައިގެ ދެރަ ނިކަމެތި މީހާއަށް މިކަމެއް ނުވެއްވޭ. މިކަންވާނެ ގޮތެއް ހައްދަވާދެއްވާ. އޭރުން ވަރަށް ގިނަ މީހުންގެ ލޯބި ލިބޭނެ“ ރައްޔިތުމީހާ
އެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ އެކަމުގައި ހުރި ދަތިތައް ގަބޫލުކުރައްވާ ކަމަށެވެ. އެކަން ހައްލުކޮށްދެއްވާނެ ކަމަށާއި ރެއާއި ދުވާލު އެކަމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ“ ރައީސް
ޓެމޫ ފަދަ އޮންލައިން ވެބްސައިޓުތަކަށް ފައިސާ ދައްކައިގެން އެއްޗެހި ނުގަނެވޭ މައްސަލައިގައި ގިނަ މީހުންގެ ކަންބޮޑުވުން އެބައޮތެވެ. މި ސަރުކާރުން ފާހަގަކުރާގޮތުގައި އެކަން ދިމާވީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ބޮޑެތި ލޯންތައް އަނބުރާ ދައްކަން ޖެހުމުންކަމަށެވެ.
މީގެ އިރުތުން، ވިލިމާލެއާއި މެދު ކުރީގެ ސަރުކާރުތަކުން ގެންގުޅެފައިވަނީ ވަރަށް ބޮޑަށް ތަފާތު ކުރުމުގެ އުސޫލެއް ކަމަށާއި ވިލިމާލެއާމެދު އަމަލުކުރަނީ ”ދޮންދަރި“އަކާއިމެދު އަމަލު ކުރާ އުސޫލުން ކަމުގައި އޭނާ ފާހަގަކުރިއެވެ.
އޭނާވަނީ ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ވިލިމާލެއަށް އިތުރު ތަރައްޤީ ލިބިގެންދާނެކަމަށް އުއްމީދުކުރާކަމުގައި ބުނެފައެވެ. ރައީސް ވަނީ ތަރައްޤީ ގެނެސް ދިނުމުގައި ވިލިމާލެ އެކަހެރި ނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ވިލިމާލޭގައި ސިއްޙީ ކަންކަން ރަނގަޅު ކުރުމާއި މަގުތަކުގެ ޙާލަތު ރަނގަޅު ކުރުމާއި އިތުރު ވަސީލަތްތައް ޤާއިމުކުރުމާއި ދަތުރުފަތުރުގެ ފަސޭހަކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވެއެވެ. އެގޮތުން ވިލިމާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ވަނީ ފަށާފައެވެ. އަދި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ވިލިމާލޭގައި ބޯހިޔާވަހިކަމުގެ ޚާއްސަ މަޝްރޫޢުއެއް ފަށާފައިވާއިރު ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

